އިޙްތިރާމްކުރުމަކީ އިސްލާމީ އަޚުލާގުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ހަޔާތް ބާއްޖަވެރިކުރުމަށް އިޙްތިރާމުކުރުމަކީ މުހިއްމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ މުޖުތަމައުގައި އިޙްތިރާމް ނުކުރުމުގެ އިޖްތިމާއީ ވަބާ ފެތުރިފައިވާއިރު، ދަރީން މައިންބަފައިންނަށް، މައިންބަފައިން ދަރީންނަށް، އަވަށްޓެރީން އަވަށްޓެރީންނަށް، ދަރިވަރުން އުސްތާޒުންނަށް، އުސްތާޒުން ދަރިވަރުންނަށް އަދި މުވައްޒަފުން ވެރިންނަށް، ވެރިން މުވައްޒަފުންނަށް އިޙްތިރާމްކުރުން ހިތާމަކުރަން ޖެހޭ މިންވަރަށް ކުޑަވެފައިވާ ކަމަށެވެ.

މުޅި އިސްލާމީ ރިސާލަތު ބިނާވެފައިވަނީ އަޚުލާގުގެ މައްޗަށް ކަމަށާއި އިޙްތިރާމްކުރުމަކީ އިސްލާމްދީނުގެ މަތިވެރި އަޚުލާގުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޚުތުބާގައި ބުންނެވެ.

"އިންސާނާއަކީ އިޙްތިރާމްކުރުމަށް ލޯބިކުރާ މަހުލޫގެއް. އޭނާއަށް އިހާނެތިކޮށް ހިތުމަކީ އޭނާ ބަލައިގަންނަން ކަމެއް ނޫން. ދޭދޭ އިންސާނުންނާއި ގައުމުތަކުގެ މެދުގައިވާ ގުޅުންތަކެއްގެ އަސާސަކީ އިޙުތިރާމް ކުރުން. އެއީ ތަހުޒީބާއި ތަމައްދުން ހާމަކޮށްދޭ އަމަލެއް. މީސްތަކުންގެ ހިތްތައް ފަތަހަކުރެވޭނީ އިޙްތިރާމުން،" ޚުތުބާގައި ބުންޏެވެ.

މާތްﷲ ގޮވައިލައްވަނީ މީސްތަކުންނަށް އިޙްތިރާމްކުރުމަށް ކަމަށާއި އިސްލާމީ އަޚްލާގުން އަދަބުވެރިވެ، މުއާމާލުތުކުރުމަށް ކަަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން އިޙްތިރާމްކުރަން ޖެހޭ ފަރާތްތަކަކާއި އިޙްތިރާމްކުރަން ޖެހޭ ތަންތަނުގެ އިތުރުން އިޙްތިރާމްކުރަން ޖެހޭ ކަންތައްތަކެއްވާކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދިނެވެ.

ޚުތުބާގައި ބުނިގޮތުގައި، އިޖުތިމާއީ ގޮތުން، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުން ހިމެނެއެވެ. އެގޮތުން ދީނީ ގޮތުން ފާހަގަކުރެވޭ މުނާސަބާތަކުގައި ތަހުނިޔާ ކިޔުމާއި، ހިތާމަތަކުގައި ތައުޒިޔާ ކިޔައި، އުފަލާއި ހިތާމާގައި ބައިވެރިވުމާއި ދަތިކަމެއް ކުރިމަތިވުމުން އެކަމަށް ސަލާމަތްވުމަށް އެހީވުމަކީ އިޙްތިރާމްކުރުމުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށް ޚުތުބާގައި ބުންޏެވެ.

"އިޙްތިރާމްކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ތިމާ އާއި އެހެން މީހުންގެ ވަގުތު ހިމެނޭ. ވަގުތަކީ ހަޔާތް. ވަގުތަކީ ތިމާގެ ރައުސުލްމާލު. އަދި ބުއްދިވެރިޔަކީ ވަގުތުގެ އަގު ދަންނަ މީހާ. އޭނާގެ ވަގުތުން ސިކުންތެއް ވެސް ދުނިޔެއާއި އާޚިރަތައް ފައިދާހުރި ކަމަށް މެނުވީ ހޭދަނުކުރާނެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ މީހުންނަށް އިހާނެތިކޮށް ހިތުމަކީ ނުބައިކަން ބޮޑު އިޖުތިމާއީ ބައްޔެއް ކަމަށެވެ. މި ބަލި އުއްމަތެއްގައި ތެރޭގައި ފެތުރިއްޖެނަމަ، އެބަޔަކު ހަލާކުވެދާނެ ކަމަށާއި އާއިލާއެއްގެ ތެރޭގައި ފުތުރިއްޖެ ނަމަ، އެ އާއިލާ ރޫޅިދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

މިއީ ބައެއްގެ އީމާންކަމުގެ ބަލިކަށިކަން ދޭހަކޮށްދޭ ނުބައި ސިފައެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެހެންވެ، އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށް، އިސްލާމީ އަޚުވަންތަކަން ދަމަހައްޓައި ހެޔޮގޮތުގައި މުއާމަލާތްކުރާ ބަޔަކު ކަމުގައިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.