އިނގިރޭސި ޕްރިމިއާ ލީގުގައި ފަހުވަގުތު ބްރައިޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެ, ގަދަ ހަތަރެއް ކަށަވަރުކުރުމަށް އުނދަގޫތަކެއް ކުރިމަތިވެއްޖެއެވެ.

ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ލީގު ތާވަލުގެ ހަތަރުވަނައިގައި އަދިވެސް ޔުނައިޓެޑް އޮތް ނަމަވެސް, ފަސްވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު ބޮޑުކޮށްލުމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.

ތާވަލުގެ ހަތަރުވަނަގައި އޮތް ޔުނައިޓެޑުން ކުޅުނު 33 މެޗުން 63 ޕޮއިންޓް ހޯދާފައިވާ އިރު, ފަސްވަނައިގައި އޮތް ލިވަޕޫލަށް 34 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. ރޭގެ މޮޅާއެކު ބްރައިޓަނުން ވެސް ވަނީ ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފައެވެ. ކުޅުނު 32 މެޗުން އެޓީމަށް ލިބިފައިވަނީ 55 ޕޮއިންޓެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން ބްރެޒިލް ފޯވަޑް އެންޓޮނީ އާއި ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެންޓޮނީ ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު, މާޝިއަލް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބްރައިޓަންގެ ކީޕަރު ޖާސަން ސްޓޭލްއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކޮޅަށް ގޯލު ޖެހުމަށްފަހު، ބްރައިޓަންގެ އެލެކްސިސް މެކް އެލިސްޓާ އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

ފުރަތަމަ ހާފުގައި ބްރައިޓަނަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޖަޕާން މިޑްފީލްޑަރު ކައޮރޫ މިޓޮމާއަށް ލިބުނު ދެ ފުރުސަތެކެވެ. މިޓޮމާގެ ފުރަތަމަ ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރި އިރު, އޭނާގެ ދެވަނަ ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ހަމަލާތަކެއް ފެނިގެންދިޔައެވެ. އެގޮތުން ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރު ކަސަމީރޯ ފޮނުވާލި ހަމަލާ ބްރައިޓަން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔަ އިރު, ބްރައިޓަންގެ އާޖެންޓީނާ މިޑްފީލްޑަރު އެލެކްސިސް މެކް އެލިސްޓާ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ ވަނީ މަތަކޮށްފައެވެ.

މެޗުގައި ބްރައިޓަނުން ތިން ޕޮއިންޓް ކަށަވަރުކުރި ގޯލު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ބްރައިޓަނަށް އެ ޕެނަލްޓީ ލިބިގެންދިޔައީ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ އިނގިރޭސި ޑިފެންޑަރު ލޫކް ޝޯ, ބޯޅައިގައި އަތްލުމުންނެވެ. ބްރައިޓަންގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އާޖެންޓީނާއާއެކު ވޯލްޑް ކަޕް 2022 ކާމިޔާބުކުރި މެކް އެލިސްޓާއެވެ.