ޒުވާނުންގެ ކުރިއެރުމަކީ އެ މުޖްތަމައުއެއް ހަރުދަނާ ކަންމަތީ ކުރިއެރުވުމަށް ބޭނުންވާނެ އެންމެ މުހިއްމު އެއް އުންސުރެވެ. އެ އުންސުރު ފުރިހަމަ ކުރުމުގެ އެންމެ މުހިއްމު ޒިންމާއެއް ކޮނޑު އެޅިފައިވާ ބަޔަކީ އެ ޒުވާނުންނާ އެކު ދިރިއުޅޭ އެ ޒުވާނުން އެ ތަނަކަށް ނިސްބަތްވާ މުޖްތަމައުއެވެ. އެފަދަ މުޖްތަމައުތަކުން ޒުވާނުން ބަލައިގަނެ، އެ ޒުވާނުންނަށް ހޯދައިދޭ ފުރުސަތުތަކަކީ، އެ ޒުވާނުން ހަރުދަނާ ބަޔަކަށް ހެދުމަށް ލިބޭނެ އެންމެ ބޮޑު އެއް ފުރުސަތެވެ.

ޒުވާނުންގެ ވާހަކަ މާ ގިނައިން ދެކެވެނީ އެއްވެސް ސަބަބެއް ނެތިއެއް ނޫނެވެ. އެ ޒުވާނުންނަށް ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އިން ހޯދައިދޭ ފުރުސަތުތަކުން އެވާހަކަ ނުދައްކައި، އެކުލަބުގެ ވާހަކަ ދެއްކެން ނެތީއެވެ.

ޒިގްޒެގް ނިސްބަތްވާ ހދ. ކުޅުދުއްފުއްޓަށް މިއީ އެންމެ މުހިއްމު އެއް ކުލަބެވެ. އެ ކުލަބުގެ ފަރާތުން އެ ރަށުގެ ކުޅިވަރު ކުރިއަރުވައި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ އެކަމުގެ އެންމެ ބޮޑު ހެއްކެވެ.

ކުލަބު ޒިގްޒެގްގެ މެމްބަރުން

ކުޅުދުއްފުށީގައި އޮންނަ އުރީދޫ ފަން ރަންގެ ވެސް އެއް ސްޓޭޝަން އިންޗާޖެއްގެ ހައިސިއްޔަތުން ޒިގްޒެގްގެ ފަރާތުން ރަށަށާއި، ޒުވާނުންނަށް އޮންނަނީ މާ ބޮޑު ލޯތްބެކެވެ. ކުޅެން އުޅުނު ޒުވާނުންތަކެއް އިސްނެގުމުގެ މަތިން 2010 ވަނަ ރަސްމީ ސިފައެއްގައި މަސައްކަތް ފެށި ކުލަބުގައި 100 އަށް ވުރެ ގިނަ ރަޖިސްޓާޑް ފަރާތްތައް ހިމެނުނު ނަމަވެސް، އެ ކުލަބުގެ އެކި ކަންކަމުގައި ރަށުގެ އެކި އުމުރުފުރާތަކުގެ އެކި ފަރާތްތަކުން ބައިވެރިވެއެވެ.

ޒިގްޒެގްގެ މަސައްކަތްތަކަށް ބަލާއިރު، އެރަށުގައި ނިމިދިޔަ އަށް އަހަރު ބޭއްވުނު ޒިގްޒެގް އިންޓަ އޮފީސް ފުޓްސެލް ޓޯނަމެންޓް އަކީ އެންމެ ފާހަގަކޮށްލެވޭ ހަރަކާތެވެ. ރާއްޖޭގެ ނަން މަޝްހޫރު، އެންމެ މޮޅެތި ކުޅުންތެރިން ބައިވެރިވާ މި މުބާރާތަކީ އެ އަތޮޅުގައި ވެސް ފާހަގަކޮށްލެވޭ އެންމެ ފޯރިގަދަ އެއް ފުޓްސެލް މުބާރާތެވެ.

އޭގެ އެންމެ މައިގަނޑު ސަބަބަކަށްވީ، އަހަރަކަށް ވުރެ އަހަރެއް އެ މުބާރާތުގެ ފެންވަރު ރަނގަޅުވުމެވެ. އަދި އޭގެ ސަބަބުން މުޅި ރާއްޖެއިން ގިނަ ފަރާތްތަކެއް އެ މުބާރާތައް އެރަށަށް ގޮސް ބައިވެރިވުމަކީ ވެސް ސަބަބެކެވެ.

ޒިގްޒެގް އިންޓަ އޮފީސް ފުޓްސެލް ޓާނަމެންޓް

އަދި ހަމަ އެހެންމެ، ޒިގްޒެގްއިން ކޮންމެ ރަމަޟާން މަހެއްގައި ބާއްވާ ރަމަޟާން ކަޕަކީ ފާހަގަކޮށްލެވޭ ކަޕެކެވެ. އެއީ މި ކަޕަކީ ޒިގްޒެގްގެ މެމްބަރުންނާއި ޒިގްޒެގްގެ މުބާރާތްތައް ކުޅޭ ފަރާތްތަކަށް ޚާއްސަ މުބާރާތެކެވެ. މި މުބާރާތުގައި ޢާންމުކޮށް އަށް ޓީމު ބައިވެރިވެއެވެ.

ޒިގްޒެގްއަކީ ކުޅުދުއްފުށީގެ ރަސްމީ ސްޓޭޑިއަމް އަދި އެ ރަށުގައި ހުރި އެންމެ ކޮލެޓީ ރަނގަޅު ސްޓޭޑިއަމް ހިންގާ އަދި ބަލަހައްޓާ ކުލަބު ވެސް މެއެވެ. ސަރުކާރުގެ އެހީގައި ފެންވަރު ރަނގަޅު ޓާފް އަދި ލައިޓިން ހަރުކުރެވިފައިވާ މި ދަނޑުގައި މިހާރު ރޮސްޓްރަމްއެއް ގާއިމް ކުރުމުގެ މަސައްކަތް އެ ކުލަބުން ސަރުކާރާ ގުޅިގެން އަންނަނީ ކުރަމުންނެވެ.

އަދި އެ ދަނޑު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އެ ކުލަބުން ވަނީ ކޮމިއުނިޓީ ޕާކެއް ވެސް އެ ދަނޑުގައި ގާއިމްކޮށްފައެވެ.

ޒިގްޒެގް އިން ޤާއިމްކުރި ކޮމިއުނިޓީ ޕާކް

ޒިގްޒެގްގެ މައިގަނޑު ފޯކަސްއަކީ ފުޓްބޯޅަ ކުރިއެރުވުން ކަމަށް ވީއިރު، އެކުލަބުން މި އަހަރު ވަނީ ފުޓްބޯޅަ އެކަޑަމީ އެއް ވެސް ރަޖިސްޓްރީ ކޮށްފައެވެ.

މި އެކަޑަމީގައި މި ވަގުތު ވެސް 118 ކުދިން ޓްރެއިން ވަމުން އަންނައިރު، މި އެކަޑަމީއަށް ޚާއްސަ ޑީ ލައިސެންސް ކޯސް ފުރިހަމަ ކުރި 20 ކޯޗަކު ދަނީ ހަރަކާތްތެރި ވަމުންނެވެ.

މި އެކަޑަމީގެ ތެރެއިން ފުޓްބޯޅައިގެ އެކި ކަންކަމުގެ އިތުރަށް، ދިރިއުޅުމުގައި ބޭނުން ހިފޭނެ އެކި ކަންކަމާއި އަދި ދީނީ އެކި ކަންކަން ވެސް ދަނީ ކިޔަވައިދެމުންނެވެ.

ޑީ ލައިސެންސް ލިބުނު ކޯޗުންތައް

މި އެކަޑަަމީގައި ހަރަކާތްތެރި ވަމުން އަންނަނީ ޔޫކޭޖީ އިން ފެށިގެން ގްރޭޑް 10ގެ ދަރިވަރުންނެވެ.

ފުޓްބޯޅައިގެ އިތުރަށް، އެ ކުލަބަކީ ގިނަ ކުޅިވަރުތަކެއް ހިންގުމުގައި ހަރަކާތްތެރިވާ ކުލަބެކެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އެ ކުލަބުގައި ހަރަކާތްތެރިވާ އެކި މެމްބަރުން ބާސްކެޓް އަދި ހޭންޑް ބޯލް ފަދަ ކުޅިވަރުތައް ކުޅުމުގައި ރަށު ފެންވަރުގެ އިތުރުން، ޤައުމީ ފެންވަރުގައި ވެސް ހަރަކާތްތެރިވަމުން ދާ ތަން ފެނުމެވެ.

ކުޅިވަރުގެ އިތުރުން، އެކުލަބަކީ ތިމާވެށީގެ އެކި ހަރަކާތްތަކުގެ ޒަރީއާއިން އާންމުންނަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދޭ ކުލަބެކެވެ. އެގޮތުން ތިމާވެށި ދާއިރާގައި ހުރި އެކި ގޮންޖެހުންތަކާ މެދު ޢާންމުން ހޭލުންތެރި ކުުރުވުމަށް އެކުލަބުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުޅުދުއްފުށްޓަކީ ރީތި ތިމާވެށްޓެއް ލިބިފައިވާ ސިޓީއަކަށް ވީއިރު، އެ ސިޓީގެ އެންމެ ރީތި އަދި ނާޒުކު މަންޒިލަކަށް ވާނީ އެރަށު ކުޅިއެވެ. އެ ކުޅި ޢާންމުންނަށް ބަލައިލުމަށް ދެވޭ ގޮތަށް ހެދުމަށްޓަކައި ޒިގްޒެގްއިން ކައުންސިލް އަދި އެހެނިހެން ފަރާތްތަކުގެ އެހީގައި ދަނީ އެ ޕްލެޓްފޯމެއް ގާއިިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޒިގްޒެގްގެ އަމާޒަކީ އެ ޕްލެޓްފޯމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ޢާންމުންނަށް ހުޅުވާލައި، އެ ކުޅީގެ ރީތިކަން އާންމުންނަށް ދައްކާލުމެވެ.

ޒިގްޒެގްގެ މެމްބަރުން އެރަށުގެ ކައުންސިލާ އެކު ބައްދަލުވުމެއްގައި

މީގެ އިތުރުން ވެސް، ޒިގްޒެގުން އަންނަނީ އެ ކުޅީގައި ގަސް އިންދުމުގެ ޕްރޮޖެކްޓެއް ވެސް ރާވަމުންނެވެ. އެކަމުގެ ވެސް އެންމެ ބޮޑު މަގްސަދަކީ އޭގެ ސަބަބުން ޢާންމުންނަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދިނުމެވެ.

ޒިގްޒެގްގެ ވިސްނުން ސާދާއެވެ. އެ ކުލަބުން އެންމެ ބޭނުންވަނީ އެ މުޖްތަމައުގެ ޒުވާނުންނަކީ ހަރުދަނާ އަދި ގިނަ ފުރުސަތުތަކެއް ލިބޭ ބަޔަކަށް ހެދުމެވެ. އެ ޢަޒުމުގެ ދަށުން އެ ކުލަބުން ކުރިއަށް ގެންދާ ޓްރެއިނިން އަދި ސްކިލް ސެޓުތައް މިހާރަށް ވުރެ ގިނަ ކުރުމަކީ އެ ކުލަބުން ކުރަން ބޭނުންވާ ކަމެކެވެ.

ޒިގްޒެގް އަކީ މިއަދު މުޅި އަތޮޅަށް ވެސް މަޝްހޫރު ކުލަބެކެވެ. މުޅި ސިޓީގެ ރައްޔިތުން ބަލައިގަންނަ، އަދި އިޙްތިރާމު ކުރާ ކުލަބެކެވެ. އެ ކުލަބުން އެ ރަށަށާއި ޒުވާނުންނަށް ހޯދައިދޭ ފުރުސަތުތަކާއި ބާއްވާ އެކި ހަރަކާތްތައް އެރަށުގެ ރައްޔިތުންގެ ބަލައިގަންނަނީ އިޙްތިރާމާއި ލޯތްބާއެކީގައެވެ.

އެކަމަށްޓަކައި ޒިގްޒެގްގެ ފަރާތުން އެކުލަބުގެ މެމްބަރުންނަށާއި އެ ސިޓީގެ ރައްޔިތުންނަށް، އަދި ޒިގްޒެގަށް އެހީތެރިވެދޭ ހުރިހާ ފަރާތްތަކަށް އޮތީ މިންނެތް ޝުކުރެވެ.