މިސީޒަނުގައި ޗެލްސީއަށް ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށާއި މައްސަލަތަކަށް ހައްލު ހޯދާނެ ކަމަށް ޗެލްސީގެ ވެރިޔާ ޓޮޑް ބޮއެލީ ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޗެލްސީއާ ބޮއެލީ ހަވާލުވުމާއެކު ޗެލްސީގެ ސަޕޯޓަރުން ބޮޑެތި އުންމީދުތަކެއް ކުރިއެވެ. ޗެލްސީން މިސީޒަނުގައި ޓްރާންސްފާތަކަށް 600 މިލިއަން ޕައުންޑް ހަރަދުކުރި ނަމަވެސް, ސީޒަން ވެގެންދިޔައީ ފަހުގެ ތާރީހުގައި ޗެލްސީގެ އެންމެ ދަށް ސީޒަނަށެވެ. ނަތީޖާތައް ދަށްވި ނަމަވެސް, ޗެލްސީގެ މެނޭޖްމަންޓަށް އިތުބާރުކުރުމަށް ސަޕޯޓަރުންގެ ކިބައިން ބޮއެލީ ވަނީ އެދިވަޑައިގެންފައެވެ.

"ޖެހޭނީ ޓީމެއް ބިނާކުރަން, އެކަމުގައި ކޯޗަކީ ވަރަށް އިސް ދައުރެއް އަދާކުރާނެ މީހެއް. މިސީޒަނުގައި އަހަރެމެންނަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ. ކަންތައްތަކެއް ހާސިލުކުރަން ސަޕޯޓަރުން ބޭނުންވޭ. އަހަރެމެން ވެސް ބޭނުންވަނީ ސަޕޯޓަރުން އެ ބޭނުންވާ ކާމިޔާބީ ހޯދަން. އަހަރެމެން މަސައްކަތް މިކުރަނީ ދިގު މުއްދަތުގެ ޕްރެޖެކްޓެއްގެ ގޮތުގައި. އަހަރެމެން މައްސަލަތަކަށް ހައްލު ހޯދާނަން," 'މިލްކެން އިންސްޓިޓިއުޓް'ގެ ޗެއާމަން މައިކަލް މިލްކެންއާއެކު ދެއްކެވި ވާހަކައެއްގެ ތެރެއިން ބޮއެލީ ވިދާޅުވިއެވެ.

ނަތީޖާތައް ގޯސްވުމާ ގުޅިގެން ސީޒަންގެ ވަކި ހިސާބަކުން ގްރަހަމް ޕޮޓާ ވަކިކޮށް, ވަގުތީގޮތުން ޗެލްސީގެ ކޯޗަކަށް އެކްލަބުގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ހަމަޖެއްސި ނަމަވެސް, އޭނާއާއެކު ވެސް ފެނިގެންދަނީ ދަށް ނަތީޖާތަކެކެވެ. ކުރިއަށްއޮތް ސީޒަނަށް ޗެލްސީގެ ކޯޗަކަށް ހަމަޖައްސާނީ ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮކެޓީނޯ ކަމަށް ހަބަރުތައް ބުނެއެވެ.

ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން އާންމުކޮށް ފެންނަ ޗެލްސީ މިވަގުތު އޮތީ ތާވަލުގެ 11 ވަަނައިގައެވެ. ލީގުގައި ކުޅުނު 33 މެޗުން ޗެލްސީއަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. ޕްރިމިއާ ލީގުގައި ޗެލްސީން މާދަމާ ރޭ ބޯންމައުތުއާ ދެކޮޅަށް ނުކުންނާނެއެވެ.