25 Apr 2012, 10:07
މާފުށީގައި ހުންނަ ސަރުކާރުގެ މައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ދެ ބިދޭސީއަކު ޖަލުގެ ފުރާޅުން ޓިނު ނަގައިގެން ފިލައިފި އެވެ.
ބިދޭސީ ދެ ގައިދިން ރޭ މެންދަމު ޖަލުން ފިލިކަން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) ވެސް ވަނީ ސަން އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. އެފްއޭ ވިދާޅުވީ ފިލައިގެން އުޅޭ ދެ މީހުން ހޯދުމުގެ މަސައްކަތް ޑީޕީއާރްއެސްގެ އޮފިޝަލުންނާއި ފުލުހުން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ޖަލުގެ ހައި ސެކިއުރިޓީ "ޕެންޓަގަން" ފުރާޅުގެ ޓިނުތައް ކަފާލައިގެން ފިލާފައި ވަނީ އިންޑިއާ މީހަކާއި ލަންކާ މީހެކެވެ. އެ ދެ ގައިދީން ފިލާފައި ވަނީ ރޭ ދަންވަރު މާފުށްޓަށް ބޯކޮށް ވާރޭ ވެހެމުން ދަނިކޮށެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހެނދުނު ކަމަށާއި މިހާރު އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.