05 May 2023, 10:55
ފްރާންސްގައި ބާއްވަމުން އަންނަ ތާރީޚީ ފިލްމު ފެސްޓިވަލްކަމަށްވާ ކާންސްގެ މިއަހަރުގެ ފެސްޓިވަލުގައި ބަތަލާ އަނުޝްކާ ޝަރުމާ ބައިވެރިވާގޮތަށް ހަމަޖެހިއްޖެއެވެ.
މި މަހުގެ 16އިން 27އަށް ފްރާންސްގައި ބާއްވާ މި ފެސްޓިވަލުގައި އަނުޝްކާ ރަމްޒުކޮށްދޭނީ ސިނަމާގައި މަސައްކަތް ކުރާ ހުނަރުވެރިން ބަތަލާއިންނެވެ. އަނުޝްކާއާއި މި ހަރަކާތުގައި ހޮލީވުޑްގެ ބަތަލާ ކޭޓް ވިންސްލެޓްވެސް ބައިވެރިވާނެކަމަށް ރިޕޯޓުތަކުން ބުނެއެވެ. މިފެސްޓިވަލުގައި ބައިވެރިވުމަށް މިމަހުގެ މެދުތެރޭ އަނުޝްކާ ފްރާންސްއަށް ދަތުރުކުރާނެއެވެ.
މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާ މިއަހަރުގެ ކާންސް ފެސްޓިވަލުގައި ބައިވެރިވާނެކަން އިންޑިއާގައި ހުންނަ ފްރާންސްގެ އެމްބެސެޑާ ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ފިރިމީހާ ވިރާޓް ކޮލީއާއެކު މިކަމާބެހޭގޮތޮން ބޭއްވުނު މަޝްވަރާތަކަށްފަހު އެމްބެސެޑާ ވަނީ ވިރާޓްގެ ކުރިޔަށް ފަށަން އޮތް ކްރިކެޓް ޓޯނަމެންޓަށް ހެޔޮއެދުންތައް ވެސް ފޮނުވާފައެވެ.
މަންމައަކަށް ވުމަށް ފަހު އަނުޝްކާ ވަނީ ފިލްމީ މަސައްކަތްތަކާ ކުޑަކޮށް ދުރަށްޖެހިލާފައެވެ. ކުރިން އެއްފަހަރާ ގިނަ ފިލްމުތަކަށް ސޮއިކުރިނަމަވެސް އަހަރަކު މަސައްކަތްކުރާނެ ފިލްމުތަކުގެ އަދަދު ބަތަލާވަނީ މަދުކޮށްފައެވެ. ދާދިފަހުން ކުޅިވަރު ޕުމާ ބްރޭންޑްގެ އެމްބެސެޑަރުކަމާ ހަވާލުވި ބަތަލާ ކާންސްގައި ބައިވެރިވާ ހަބަރާއެކު ސަޕޯޓަރުން ވަނީ ތަހުނިޔާގެ މެސެޖުތައް ޓްވިޓާ މެދުވެރިކޮށް ރައްދުކޮށްފައެވެ.
މި އަހަރު ބޭއްވޭ ކާންސް 2023އަކީ މީގެ 76ވަނަ ފެސްޓިވަލްއެވެ. ހޮލީވުޑްގެ އިތުރުން ގިނަ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދަކަށް ސެލެބްރިޓީން ބައިވެރިވާ މި ފެސްޓިވަލްއަކީ ފްރާންސްގައި ބާއްވަމުން އަންނަ މިފަދަ އެންމެ ދުވަސްވީ އެއް ފެސްޓިވަލްއެވެ. މި ފެސްޓިވަލްގެ ޖޫރީ މެމްބަރުންގެގޮތުގައި ބޮލީވުޑްގެ ބަތަލާއިންކަމަށްވާ، ޝަރްމިލާ ޓޭގޯރް، އައިޝްވަރްޔާ ރާއީ، ވިދްޔާ ބާލަން އަދި ދިޕިކާ ޕަދުކޯން ވަނީ މަސައްކަތް ކޮށްފައެވެ. މި އަހަރު ކާންސް ފެސްޓިވަލުގައި އިންޑިއާގެ ދެ ފިލްމެއް ސްކްރީން ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ "ކެނެޑީ" އަދި "އާގްރާ" ނަމަކަށްކިޔާ ފިލްމެކެވެ.