އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލަށް ދެވުނު ޕެނަލްޓީއަކީ ހެދުނު ގޯހެއް ކަމަށް ރެފްރީ ސްޓުއާޓް އަޓްވެލް އިއުތިރާފުވި ކަމަށް ފުލަމްގެ ކެޕްޓަން ޓޮމް ކެއާނީ ބުނެފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ފުލަމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް, ހަމައެކަނި ތަފާތަކަށްވީ މެޗުގެ 39 ވަނަ މިނެޓުގައި ދިން ޕެނަލްޓީން ލިވަޕޫލްގެ މުހައްމަދު ސަލާހު ޖެހި ގޯލެވެ.

ލިވަޕޫލަށް ރެފްރީ, އެ ޕަނަލްޓީ ދީފައިވަނީ އުރުގުއާއީ ފޯވަޑް ޑާވިން ނުނޭޒަށް ޕެނަލްޓީ އޭރިއާ ތެރެއިން ފުލަމްގެ އިސާ ޑިއޮޕް ފައުލް ކުރި ކަމަށް ނިންމުމަށްފައެވެ. ނަމަވެސް ރީޕްލޭތަކުން ދައްކާގޮތުގައި, ނުނޭޒް ވެއްޓިގަތީ ފައުލް ނުކުރަނީސް އަމިއްލައަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ފުލަމް ބައްދަލުކުރި މެޗުގެ ރެފްރީ ސްޓުއާޓް އަޓްވެލް -- ފޮޓޯ/ ގެޓީ

ފުލަމްގެ ރަސްމީ ވެބްސައިޓަށް ކެއާނީ ދިން އިންޓަވިއުއެއްގައި ބުނީ މެޗުގައި ފުލަމުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ގަބޫލުކުރާ ކަމަށާއި ބަލިވެފައިވަނީ ލިވަޕޫލަށް ދިން ނުހައްގު ޕެނަލްޓީއަކުން ކަމަށެވެ.

"އޭރު އަހަރެންނަކަށް ނޭނގޭ އެއީ ޕެނަލްޓީއެއް ކަމެއް. ރެފްރީ ނިންމުން ނިންމީ, އޭނާއަށް އެ މަންޒަރު ފެނިގެން ކަމަށް އަހަރެންނަށް އޭރު ދެކުނީ. ރަނގަޅަށް އެއީ ޕެނަލްޓީއެއްތޯ ބެލުމަށް ވެސް އަހަރެން ރެފްރީގެ ކިބައިން އެދުނިން. ރެފްރީ ބުނީ ޕެނަލްޓީ ދިނީ ބަލާފައި ކަމަށް. ނަމަވެސް ދެވަނަ ހާފުގައި އަހަރެމެން ޓީމުގެ ކުޅުންތެރިއެއް ކައިރީ ރެފްރީ ބުނެފައިވޭ, އެއީ އަސްލު ޕެނަލްޓީއެއް ނޫން ކަމަށް," އޭނާ ބުންޏެވެ.

ކެއާނީ ބުނީ އެފަދަ ކަންކަމަކީ މާޔޫސްވާނެ ފަދަ ކަންކަން ކަމަށާއި ނުނޭޒްގެ ގައިގައި އެއްވެސް ވަރަކަށް ޑިއޮޕް ޖެހިފައި ނުވާ ކަމަށެވެ. އަދި ލީގު ތާވަލުގެ ކުރިއަށް ޖެހުމަށް ބުރަ މަސައްކަތްތައް ކުރަމުންދާ އިރު, އެފަދަ ކަންކަން ކުރިމަތިވުމުން މާޔޫސްވެގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މިސީޒަނުގެ ޕްރިމިއާ ލީގުގައި ރެފްރީން އަދި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދެއެވެ.