"އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިނުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދާއި، ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަށްދިއުމަށް ވަރަށްބޮޑަށް މަގުފަހިވެގެން ދާނޭ ކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިގޮތަށް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ފެށި ތިންވަނަ އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިނަށް ތައުރީފްކުރައްވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާ އިޤްތިޞާދު ބާރަށް ކުރިޔަށް ދިއުމަށް މަގުފަހިގެންދާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކުރުނބާ މޯލްޑިވްސް ރިޒޯޓުގައި ބޭއްވި މި ރަސްމިއްޔާތުގައި، އެމަނިކުފާނު ވަނީ ރާއްޖެއަކީ ފަތުރުވެރިކަމުގައި ދުނިޔޭގައި ނަން މަޝްހޫރު އަދި ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ސިފަކުރައްވައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ރާއްޖެއިން އަދާކުރާ ފުރިހަމަ މެހުމާންދާރީކަން ފާހަގަކުރައްވާފައެވެ.

އަދި ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު އެއް މަންޒިލަކަށް ވެގެންދިއުމުގެ މައިގަނޑު އެއް ސަބަބަކީވެސް ފަތުރުވެރިންނާމެދު ބަހައްޓާ ގާތް ރަޙްމަތްތެރިކަމާ އަދާކުރާ މެހުމާންދާރީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިންގެ ސަބަބުން މިހާރަށްވުރެ އިތުރު މީހުންނަށްވެސް ދިވެހިރާއްޖެ ތަޖުރިބާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް، މީގެކުރިން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވި، ފައިސަލް ނަސީމް ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ ނިޞްބަތަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ބައިލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށެވެ. މިއީ މީގެ ކުރީ އަހަރުތަކާއި އަޅާބަލާއިރު ރިކޯޑް ޢަދަދެކެވެ.

ކޮވިޑުގެ ޢާލަމީ ވަބާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަނެވި، ފަތުރުވެރިކަން ކުރިއެކޭ އެއްގޮތަށް އަލުން އިއާދަވުމުގައި، ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތައް އަދާކުރި މުހިންމު ދަޢުރު ނައިބުރައީސް ވަނީ ފާހަގަކުރައްވާފައެވެ.

"އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިނަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެއްގެ އިތުރުން ދުނިޔޭގެ އެތައްހާސް ބައެއްގެ ސަމާލުކަމަށް ރާއްޖެއަށް ލިބިގެންދާނެ ކަމެއް. ބޭންކް އޮފް މޯލްޑިވްސްއާ އެމެރިކަން އެކްސްޕްރެސް ގުޅިގެން ކުރެވޭ މި އީޖާދީ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން، އެކި ގިންތިތަކަށް ވާޞިލުވެ، ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދެވޭނެކަން ޔަޤީންކުރަން" ފައިސަލް ނަސީމް ވިދާޅުވިއެވެ.

"އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސް ވިދާޅުވީ، 100 މިލިއަން މީހުންނާ ހަމައަށް ވާޞިލުވުމަށް އަމާޒުހިފައިގެން ކުރިޔަށް ގެންދާ މިކެންޕެއިން، އެދެވޭ މިންވަރެއްގެ ގިނަ ބަޔަކާއި ހަމައަށް ވާޞިލުވާނެކަމަށެވެ.

"އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ، 2017 ވަނަ އަހަރުއެވެ. އެއަށްފަހު މި ކެމްޕެއިން 2019 ވަނަ އަހަރު ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.