05 May 2023, 10:46
ހިންދީ ސިނަމާގެ އެންމެ ދުވަސްވީ ފިލްމީ ތަރިންގެތެރޭ ހިމެނޭ އެކްޓަރު އަނޫޕަމް ހޭރް, ޔަޝް ރާޖް ފިލްމްސްއިން "ވިޖޭ 69"ގެ ނަމުގައި އުފައްދާ ފިލްމަށް ސޮއިކޮށްފިއެވެ.
ވަރަށް ތަފާތު ކޮންޓެންޓްތަކަށް ފިލްމު އުފެއްދުމުގެ ޝައުގުވެރިކަން ޔަޝް ރާޖް އެންޓަޓެއިންމެންޓްއިން ފާޅުކޮށްފައިވާއިރު އަނޫޕަމްގެ މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ޑިޖިޓަލީއެވެ.
އަނޫޕަމް ހޭރް ފިލްމުގައި ކުޅެނީ ޢުމުރުން 69އަހަރުގައި ޓްރައަތުލޮން މުބާރާތެއްގައި ވާދަކުރާ ހިތްވަރުގަދަ ބައިވެރިއެއްގެ ރޯލެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޔަޝް ރާޖް ފިލްމްސްއިން ގެނެސްދިން "މެރީ ޕިޔާރީ ބިންދޫ"ގެ ޑައިރެކްޓަރު އަކްޝޭ ރޯއިއެވެ. އަކްޝޭ ރޯއިއަކީ އާމިރް ޚާންގެ ފިލްމު "ތާރޭ ޒަމީން ޕަރް"އިން ޑައިރެކްޝަނަށް ނުކުތް ފަރާތެކެވެ.
މިފިލްމުގައި ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރާނީ ފިލްމު "ބޭންޑް ބާޖާ ބަރާތު"، އަދި ސުއި ދާގާ"ފަދަ ފިލްމުތައް ޑައިރެކްޓްކުރި މަނީޝް ޝަރްމާއެވެ. މަނީޝްއަކީ ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ޓައިގާ3" ޕްރޮޑިއުސްކުރާ ފަރާތްވެސްމެއެވެ.
އަނޫޕަމް ހޭރް މުހިއްމު ރޯލްއިން ފެންނަ ފިލްމު "ވިޖޭ 69"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފައިވާއިރު މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް އިއުލާނުނުކުރެއެވެ. އަނޫޕަމްއަކީ މީގެކުރިންވެސް ޔަޝް ރާޖް ފިލްމްސްގެ ގިނަ އުފެއްދުންތަކުން ފެނިފައިވާ އެކްޓަރެކެވެ. އޭގެތެރޭގައި ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭޖާއެނގޭ"، "ލަމްހޭ"، "ލާގާ ޗުނަރިމޭ ދާގް" އަދި "ޖަބް ތަކްހެ ޖާން"ފަދަ ފިލްމުތައް ހިމެނެއެވެ. އަބަދުވެސް ވަރަށް ޗެލެންޖިންގް ރޯލްތައް ކުޅެން ބޭނުންވާ އަނޫޕަމް ވަނީ މިއަހަރު އެކަނިވެސް ނުވަ ފިލްމަކަށް ސޮއިކޮށްފައެވެ.