05 May 2023, 00:10
ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށި ސިޓީ ތަރައްގީވީ ހަމައެކަނި ޢުމްރާނީ ގޮތުންނެއް ނޫނެވެ. ރަށަށް ލިބުނު ޢުމްރާނީ ތަރައްގީއާ އެއްވަރަށް ރަށުގެ ރައްޔިތުން ތަހުޒީބުވެ، އޭގެ ސަބަބުން ރަށަށް ބޮޑެތި ފައިދާތަކެއް ލިބޭކަމީ ހަގީގަތެކެވެ.
ވަކިން ޚާއްސަކޮށް، އެރަށުގެ ޒުވާނުންގެ އިސްނެގުމާއި އަދި ކަންކަމުގައި ބައިވެރިވުމުގެ ސަބަބުން، ރަށުގެ ޙާލަތައް ބޮޑެތި ބަދަލުތަކެއް އަންނަ ކަން މިއަދު އެރަށުން ފެނެއެވެ.
މިއީ އެފަދަ ހަރުދަނާ ޒުވާނުންތަކެއްގެ މައްޗަށް އުފެދުނު ޖަމާއަތެއްގެ ވާހަކައެވެ. މިއީ ނަމުން ހިރަފުހެއް ކަމަކު، ޢަމަލުން ވިނައިގައި ކުޅޭ ފުރިހަމަ ޖަމިއްޔާއެއްގެ ވާހަކައެވެ. މިއީ އެކުލަބެއްގެ، ކާމިޔާބަށް ފަނޑުވުމެއް އަދި މަޑުޖެހުމެއް ނާންނަ، ހިރަފުސް ކުލަބު ގެ ވާހަކައެވެ.

ހިރަފުސް ދަނޑު
1991 ވަނަ އަހަރު ރަސްމީ ހައިސިއްޔަތެއް ލިބުނު ކުލަބު ހިރަފުސްއަށް، ހިރަފުސް ކިޔުމުގެ ސަބަބަކީ އެރަށުގެ މަޝްހޫރު ހިރަފުސް ދަނޑެވެ. މިހާރު އެ ދަނޑަކީ ކުޅުދުއްފުށީގައި އެންމެ ޒަމާނީ ގޮތެއްގައި ތަރައްގީ ކުރެވިފައިވާ ވިނަ ޕިޗު އޮތް ދަނޑެވެ. މިއީ ހިރަފުސް ކުލަބަށް ހިރަފުސް ވެސް ކިޔުނު ގޮތެވެ.
ހިރަފުސް ކުލަބުގެ މަސައްކަތްތައް ތަފާތު!
ގާތްގަޑަކަށް 200 މެމްބަރުން ހިމެނޭ ހިރަފުސް ކުލަބުގެ ހިތަކީ އެ ކުލަބުގެ ހިރަފުސް ދަނޑެވެ. އެހެން ނަމަވެސް، އެ ދަނޑާ ހިސާބުން އެކުލަބުގެ މަސައްކަތްތައް ފަރުޖައްސާލަން އެކުލަބަކުން ނުވިސްނައެވެ. އެކުލަބުގެ މައި އަމާޒުން ވެސް އެކަން ސާބިތުވެއެވެ.
ހިރަފުސް ކުލަބުގެ މައި އަމާޒަކީ އިޖްތިމާއި ގޮތުން، ކުޅިވަރުގެ ގޮތުން އަދި ތަޢުލީމީ ގޮތުން މީހުން ބިނާ ކުރުމަށް އެހީތެރިވެ ދިނުމެވެ. އެކުލަބުން ރާވާ އަދި ހިންގާ އެކި އެކި ތަފާތު ހަރަކާތްތަކުން ގާބިލް ޖީލެއް ބިނާ ކުރުމެވެ. އެ ކުލަބުގެ ގާބިލް ކަން ހުރި މިންވަރަކުން ކުޅުދުއްފުއްޓާއި އަދި އެ އަތޮޅުގެ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އުރީދޫ ފަން ރަންގެ އެއް ސްޓޭޝަން އިންޗާޖުކަމަށްވާ ހިރަފުސް ކުލަބުގެ އެންމެ ކާމިޔާބު މަސައްކަތަކަށް ވާނީ އެކުލަބުން ބާއްވާ ހިރަފުސް ކަޕެވެ. މި ކަޕް އެކުލަބުން ވަނީ 13 ފަހަރެއްގެ މަތިން ބާއްވާފައެވެ. އަދި އެންމެ ފަހުން އެ މުބާރާތް އެކުލަބުން ބާއްވާފައިވަނީ މުޅި އަތޮޅަށް ހުޅުވާލައިގެންނެވެ.

ހިރަފުސް ކުލަބުގެ މެމްބަރުން
އެ ކުލަބުން ރޭވި އިތުރު އެންމެ މުހިއްމު ހަރަކާތްތަކަށް ބަލާއިރު، ތިން ފަހަރު ބޭއްވުނު ބީޗް ފުޓްބޯޅަ މުބާރާތާއި، އެރަށުގެ އޮފީސްތަކަށް ޚާއްސަކޮށްގެން ބާއްވާ ފުޓްސެލް މުބާރާތުގެ އިތުރުން، އެރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން ތިން ފަހަރު ބޭއްވި ފުޓްސެލް މުބާރާތް ފާހަގަކުރެވެއެވެ.
މީގެ އިތުރުން، މާއްޓޭ އެކަޑެމީ އާ ގުޅިގެން އެރަށުގައި ފުޓްބޯޅަ ކުރިއެރުވުމަށް ހިރަފުސް ކުލަބުން ކުރިއަށް ގެންދާ ހަރަކާތްތަކަކީ ފާހަގަކޮށްލެވޭ ހަރަކާތްތަކެކެވެ. އެކަމުގެ ތެރެއިން މާއްޓޭ އެކަޑެމީގެ ގޮތްޕެއް ވެސް އެ ރަށުގައި ވަނީ ހުޅުވާފައެވެ.
ހިރަފުސް ކުލަބަކީ ހަމައެކަނި މިފަދަ ކުޅިވަރު މުބާރާތްތައް ރާވާ ހިންގާ ކުލަބެއް ނޫނެވެ. އެ ކުލަބަކީ ރަށާއި އަދި ރަށުން ބޭރުގައި ބާއްވާ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް، ފާހަގަކޮށްލެވޭ ގިނަ ވަނަތަކެއް ޙާސިލްކޮށްފައިވާ ކުލަބެކެވެ.
ހިރަފުސް ކުލަބަކީ ހަމައެކަނި ކުޅިވަރާއި އަދި ކުޅިވަރާ ގުޅުން ހުރި އެހެނިހެން ހަރާކާތްތައް ރާވާ ހިންގާ އަދި ބައިވެރިވާ ކުލަބެއް ނޫނެވެ. އޭގެ އެންމެ މައިގަނޑު ހެއްކަކަށް ވާނީ އެކުލަބުން ޖަމިއްޔަތުއް ސަލަފާ ގުޅިގެން އެރަށުގެ ކުޑަކުދިންނަށް ޚާއްސަކޮށް ބޭއްވި ނަމާދު ކުރަން ދަސްކޮށްދޭ ވޯކް ޝޮޕެވެ.

މި ހަރަކާތުގައި 220 އަށް ވުރެ ގިނަ ކުޑަކުދިން ބައިވެރިވިއިރު، މި ހަރަކާތުން ފެނުނީ ހިރަފުސް ކުލަބުގެ މަސައްކަތްތަކުގެ ފުރިހަމަ ކަމެވެ.
އުންމީދީ ކުރިމަގެއް، މަޑުޖެހުމެއް ނެތް!
ހިރަފުސް ކުލަބު ނިސްބަތްވާ ހިރަފުސް ދަނޑުން ރަމްޒުކޮށްދޭ ކަންތައްތައް ސާފެވެ. އެ ދަނޑުން އެކަނި ވެސް އެކުލަބުގެ މެމްބަރުންގެ މިންނެތް މަސައްކަތްތައް ސާފުވެއެވެ.
މިއަދު އެ ދަނޑަކީ އެރަށަށް ޒިޔާރަތްކުރާ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ތަޢުރީފު ލިބިފައިވާ ފުރިހަމަ ވިނަ ޕިޗެއް އޮތް ދަނޑެކެވެ. އެކުލަބުގެ އަމާޒަކީ އެދަނޑު އަދިވެސް އިތުރަށް ތަރައްގީކޮށް އެދަނޑުން މެޗު ބަލަން އަންނަ ފަރާތްތައް ތިބޭނެ ފުރިހަމަ ތަނެއް ހެދުމުގެ އިތުރުން، ބޯޅަ ގެއެއް ވެސް އެދަނޑުގައި ތަރައްގީ ކުރުމެވެ.

ހިރަފުސް ކުލަބުގެ ރައީސް މުހައްމަދު ހަސަން
މީގެ އިތުރުން، ޖަމިއްޔަތުއް ސަލަފާ ގުޅިގެން އެރަށުގައި ދީނީ އެކި ހަރަކާތްތައް ހިންގުމަށް ހިރަފުސް ކުލަބުން ރާވާފައިވާއިރު، އެރަށުގެ ސްކޫލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް އެ ކުލަބުގެ އަމާޒެކެވެ.
ހިރަފުސް ކުލަބަކީ ޒަމާނާ އެކު ކުލަބުތައް ކުރިއަރައި ދިޔުމުގައި، އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ސާބިތުކޮށްދޭ ކުލަބެކެވެ. ގިނަ ކާމިޔާބުތަކަކާއެކު، ނުހުއްޓި އުޖާލާ މުސްތަގުބަލެއް އޮތް ކުލަބެއްކަން ސާބިތުކޮށްދޭ ކުލަބެކެވެ.