ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަކީ "ކުޑަ ކްލަބެއް" ކަމަށް ބުނެ ކުރި އިންސްޓަގްރާމް ޕޯސްޓަކަށް އެޓީމުގެ ބްރެޒިލް ތަރި ނޭމާ ލައިކެއް ދީފިއެވެ.

ޕީއެސްޖީގެ ސަޕޯޓަރުންތަކެއް ވަނީ ނޭމާ ދިރިއުޅެމުންދާ ގެ ކުރިމައްޗަށް އެއްވެ, ޓީމުން ނެރޭ ނަތީޖާތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެމީހުން ގަވާލަމުންދިޔައީ ކްލަބުން ނޭމާ ދިއުމަށެވެ. އޭގެ އިތުރުން ޕީއެސްޖީގެ މައި އޮފީސް ކުރިމައްޗަށް އެއްވެ, ސަޕޯޓަރުންތަކެއް ވަނީ އެޓީމުގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށް ވެސް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

ނޭމާ ވަނީ ސަޕޯޓަރުން އެއްވުމާއެކު އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި މެސެޖެއް ހިއްސާކޮށްފައެވެ. އެ މެސެޖުގައި އޭނާ ބުނީ "އެހެން މީހުން, އެމީހުންގެ ތޫފާނުގައި ޖައްސަން ފުރުސަތު ނުދީ, ހަމަޖެހުމާއެކު ހުންނަން ޖެހޭ," ކަމަށެވެ.

ޕީއެސްޖީއަކީ "ކުޑަ ކްލަބެއް" ކަމަށް ބުނެ ކުރި ޕޯސްޓަކަށް ނޭމާ ލައިކެއް ދީފައި --

ނޭމާ ވަނީ އިންސްޓަގްރާމުގައި, ޕީއެސްޖީއަކީ "ކުޑަ ކްލަބެއް" ކަމަށް ބުނެ ކުރި ޕޯސްޓަކަށް ލައިކެއް ވެސް ދީފައެވެ. އެ ޕޯސްޓުގެ ކެޕްޝަންގައި ބުނެފައިވަނީ, ޕީއެސްޖީގެ ސަޕޯޓަރުންގެ އަދަދު މަދުވަމުންދާ ކަމަށާއި ހަމައެކަނި ތާރީހެއް އޮތުމަކުން ނުވާނެ ކަމަށެވެ. އަދި ޕީއެސްޖީއަކީ ކުޑަ ކްލަބެއް ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ޕީއެސްޖީން ވަނީ ނޭމާ އާއި މެސީއަށް އަމާޒުކޮށް, ފާޑުކިޔަމުންދާތީ އެކަމާ ގުޅިގެން ބަޔާނެއް ވެސް ނެރެފައެވެ. ޕީއެސްޖީގެ ބަޔާނުގައި ބުނީ އެފަދަ ކަންތައްތަކަކީ ބަލައިގަނެވޭނެ ކަންތައްތައް ނޫން ކަމަށާއި ކުޅުންތެރިންނަށް ކްލަބުން ފުރިހަމަ ސަޕޯޓް ދޭނެ ކަމަށެވެ.