މާވެލްގެ މަގުބޫލު ސުޕަހީރޯ ފްރެންޗައިޒް ކަމަށްވާ "ގާޑިއަންސް އޮފް ގެލެކްސީ"ގެ ތިންވަނަ ފިލްމުގެ ތަފާތު 600 ވާޝަން ސިނަމާތަކުގައި އަޅުވާނެކަން ހާމަކޮށްފިއެވެ.

މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކަން ފަށާ ގާޑިއަންސް އޮފް ގެލެކްސީ އަކީ ފްރެންޗައިޒްގެ އެންމެ ފަހު ފިލްމެވެ. އަދި އެއާއެކު ގާޑިއަންސްގެ ވާހަކައަށް ނިމުމެއް އަންނައިރު މިއީ ބޮޑު ކާމިޔާބީ އެއް ހޯދާނެ ފިލްމެއް ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.

ފިލްމުގެ ޑައިރެކްޓަރު ޖޭމްސް ގަން ހާމަކުރާ ގޮތުގައި ފިލްމު ބަލާ މީހުންނަށް ބޮޑު ސަޕްރައިޒެއް ލިބޭނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމު ބަލާ ކޮންމެ ފަހަރަކު ތަފާތު ވާޝަން އެއް ބަލާލަން ލިބޭނެ ކަމަށް އޭނާ ބުނެއެވެ.

ގަން ބުނާގޮތުގައި ގާޑިއަންސް އޮފް ގެލެކްސީގެ ފަހު ފިލްމުގެ 600 އެޑިޓް ވާޝަން ދޫކޮށްލާފައިވާނެއެވެ. އެހެންވީމާ ފިލްމު 600 ފަހަރު ތަފާތު ކޮށް ބަލާލަން ލިބޭނެ ކަމަށް އޭނާ ބުނެއެވެ. އޭގެތެރޭގައި މަންޒަރުން ފެންނަ އެއްޗެހި ގިނަ ވުމާއި ބައެއް ސީންތަކަށް އުނި އިތުރުތައް ގެނައުން ހިމެނެއެވެ.

ނަމަވެސް އެއާއެކު ވެސް ފިލްމުގެ މައިގަނޑު ވާހަކައަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ގަން ބުނެއެވެ.

ފިލްމު ދައްކަން ފަށާއިރު ކްރިޓީކުންގެ މެދުގައި ފިލްމަށް ބޮޑު މަގުބޫލު ކަމެއް އެބައޮތެވެ. ކްރިޓީކުންގެ ރިވިއުތަކުން ބުނަނީ މިއީ މާވެލްގެ ފޯމިއުލާ ބަދަލުކޮށްލާފައިވާ ވަރުގަދަ ފިލްމެއް ކަމަށެވެ.

މި ފިލްމުން ކްރިސް ޕްރެޓްގެ އިތުރުން ޒޯއީ ސެލްޑާނާ އާއި ޑޭވް ބޯޓީސްޓާގެ އިތުރުން ވިލް ޕޫލްޓާ އާއި ކޭރެން ޖިލާން އަދި ޕޮމް ކްލެމެންޓީފް ފެނިގެންދާނެއެވެ.