އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި އިމާރާތްތައް ކުރުމަށް އެގައުމުން ނިންމުމުން އދ . އިން އެކަން ކުށްވެރިކޮށްފި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫން އިއްޔެ ވިދާޅުވީ އިސްރާއީލުގެ އެއަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުކަމެއް ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

"ހުޅަނގު އައްސޭރީގެ ސަންސާނާ އާއި ރެޝްލިމް އާއި ބްރޫޝިންގައި އިސްރާއީލުން އާބާދީތައް ހަދަން އިސްރާއީލު ސަރުކާރުން ހުއްދަ ދިނުމުން ސެކްރެޓަރީ ޖެނެރަލް އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވަ އެވެ." އދ.ގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ވަނީ (ހިފާފައިވާ ބިންތަކުގައި) އާބާދީ ހެދުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުކަމެއްކަން ބާންކީ މޫން ވަނީ އަލުން ތަކުރާރުކުރައްވައިފަ އެވެ. އަދި ސުލްހައިގެ ވާހަތައް ފެށުމަށް އިތުރު މަސައްކަތްތަކެއް ފަށާފައިވާ ވަގުތެއްގައި ކަމަށް ވާތީ ބާންކީ ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.

އިސްރާއީލު އުފެއްދި ފަހުން 1967 ވަނަ އަހަރު އަރަބިންނާ ދެކޮޅަށް ކުރި "މަޝްހޫރު ހަދުވަހުގެ ހަނގުރާމައިގައި" ހިފާފައިވާ އަރަބީންގެ ބިންތަކުގައި ޔަހޫދީން އާބާދުކުރުން އދ. ން މަނާކޮށްފައިވީ ނަމަވެސް އިސްރާއީލުން ވަނީ އެބިންތަކުގައި އެތައް ހާސް ޔަހޫދީންނެއް އާބާދުކޮށްފަ އެވެ.