04 May 2023, 22:17
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާ ދިން މީހުން ފުލުހުން ދެނެގަނެފައިވާ ކަން އެނގިއްޖެއެވެ.
ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް ޒަރީރަށް, ފަސް މީހުންގެ ގްރޫޕަކުން ހަމަލާ ދީފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 3:30 އެހާކަންހާއިރުއެވެ. މަރުތޭލައަކުން ޖަހައި ބޯ ފަޅާލުމުގެ އިތުރުން އެހެން ބައެއް އަނިޔާތަށް ވެސް އޭނާއަށް ވަނީ ލިބިފައެވެ.
އެނދުމަތިކޮށްގެން އޭޑީކޭގައި ތިން ދުވަހު ފަރުވާ ހޯދުމަށްފަހު މިއަދު މެންދުރު އޭނާ ގެއަށް ދޫކޮށްލާފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެ މައްސަލައިގައި އަދިވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ މިރޭ ވެސް ބުނެފައެވެ.
ޒަރީރުއާ ހަވާލާދީ އޭނާގެ އަރިސް މީހަކު 'ސަން' އަށް ބުނީ, ހަމާލާދިން މީހުން ފުލުހުން ދެނެގަނެފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ޒަރީރުއާ ހިއްސާ ކުރި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ގްރޫޕަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު މި ފަހުން މާލޭގައި ވަނީ ސިލްސިލާ މާރާމާރީތަކެއް ހިންގައި މީހަކު ވެސް މަރާލާފައެވެ.
މަޖިލިސް މެންބަރުންނަށް ހާއްސަ އިނާޔަތްތަކަކާއި ބާރުތަކެއް ލިބޭއިރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ހަ ވަނަ މާއްދާގައި ވަނީ މެންބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދައުލަތުގެ ސަލާމަތީ ބާރުތަކުން ހަމަޖައްސަައިދޭން ޖެހޭނެ ކަމަށެވެ.