04 May 2023, 22:58
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ ގޮތުން ކުރިއަށްގެންދާ އެމެރިކަން އެކްސްޕްރެސް، އެކްސްޕީރިއަންސް މޯލްޑިވްސް މިއަހަރުގެ ކެމްޕެއިން ލޯންޗްކޮށްފިއެވެ.
އެމެރިކަން އެކްސްޕްރެސް، އެކްސްޕީރިއަންސް މޯލްޑިވްސް ލޯންޗްކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، އެކަމަށްޓަކައި ކުރުނބާ ރިސޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ.
އެމެރިކަން އެކްސްޕްރެސް، އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިނަކީ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރުމުގެ ގޮތުން ދިވެހި ޤައުމީ ބޭންކާއި، މަޝްހޫރު އެމެރިކަން އެކްސްޕްރެސް ގުޅިގެން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.
މި ކެމްޕެއިނުގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑުގެ މެމްބަރުންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަންނަ އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅޭ މީހުނަށް ރާއްޖޭގެ ރިސޯޓްތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުންވެސް ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނުން ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިން ލޯންޗް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ބީއެމްއެލް
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމެރިކަން އެކްސްޕްރެސްގެ ޑިރެކްޓާ އެންޑް ހެޑް އޮފް ގްލޯބަލް ސާވިސަސް ސައުތު އޭޝިއާ، ކްރުޝް ދަސްތޫރް ވިދާޅުވީ، ދިވެހިރާއްޖެއަކީ ހުރިހާ އެންމެންގެވެސް ހުވަފެނީ މަންޒިލެއް ކަމަށާއި، ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައުމަށް ބޭނުންނުވާ ހަމަ އެކަކުވެސް ނުހުންނާނޭކަމަށެވެ. އޭނާގެ އަމިއްލަ ތަޖުރިބާއަކީވެސް އެއީކަމަށް ކްރުޝް ފާހަގަކުރެއްވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ މިއަދު ރާއްޖޭގައި އޮތް އެންމެ ފާހަގަކޮށްލެވޭ މާލީ ހިދުމަތްދެމުންދާ ކުންފުނިކަމަށާއި، ބީއެމްއެލުން ދެމުންދާ ހިދުމަތްތައް އެމެރިކަން އެކްސްޕްރެސްއިން ވަރަށްބޮޑަށް ބަލައިގަންނަކަމަށް ކްރުޝް ވިދާޅުވިއެވެ.
"ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ކުރިއަށްގެންދާ އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިން އެންމެ ފުރަތަމަ ފެށުނީ 2017 ވަނަ އަހަރު. އެއަށްފަހު 2019 ވަނަ އަހަރުވެސް މި ކެމްޕެއިން ކުރިއަށްގެންދެވުނު. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިއްސާވާ ކުންފުނިތަކާއި އެސޯސިއޭޝަންތަކުގެ ބައިވެރިވުމާއިއެކު ކުރިއަށްދިޔަ މި ކެމްޕެއިން ވީ ވަރަށް ކާމިޔާބު ކެމްޕެއިނަކަށް" ދަސްތޫރް ވިދާޅުވިއެވެ.

އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިން ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި، އެމެރިކަން އެކްސްޕްރެސްގެ ޑިރެކްޓާ އެންޑް ހެޑް އޮފް ގްލޯބަލް ސާވިސަސް ސައުތު އޭޝިއާ، ކްރުޝް ދަސްތޫރް ވާހަކަދައްކަވަނީ--- ފޮޓޯ/ބީއެމްއެލް
ފާއިތުވި 2017 އަދި 2019 ވަނަ އަހަރު ކުރިއަށްގެންދިޔަ، އެމެރިކަން އެކްސްޕްރެސް އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިނުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އެމެރިކަން އެކްސްޕްރެސް ކަސްޓަމަރުން ހޭދަކުރި މިންވަރު ވަނީ ތިން ގުނަ އިތުރުވިކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވީ، 2004 ވަނަ އަހަރުން ފެށިގެން އެމެރިކަން އެކްސްޕްރެސް އާ ގުޅުނުފަހުން މިވީ 19 އަހަރުދުވަހުގެ ތެރޭގައި، ދެފަރާތުން ގުޅިގެން ގިނަ ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ.

އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިން ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި، ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވާހަކަދައްކަވަނީ--- ފޮޓޯ/ބީއެމްއެލް
ސްޓުމްކަ ވިދާޅުވީ، އެމެރިކަން އެކްސްޕްރެސްގެ އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިނުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުގައި އެމެކްސްކާޑު ގެންގުޅޭ މެމްބަރުންނަށް ރާއްޖޭގެ ރިސޯޓްތަކުންނާއި ޓޫރިސްޓު ހޮޓާތަކުން ހިދުމަތްހޯދުމުގައި ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނޭކަމަށެވެ.
"މި ކެމްޕެއިނުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ އެމެކްސް ކާޑުގެ މެމްބަރުންނަށް 40 ހަށްވުރެ ގިނަ ރިސޯޓްތަކުން ޑިސްކައުންޓާއި އިތުރު ޕްރިވިލެޖްތައް ލިބިގެންދާނެ" ބީއެމްއެލްގެ ސީއީއޯ ސްޓުމްކަ ވިދާޅުވިއެވެ.
މިފަހަރު ކުރިއަށްގެންދާ ކެމްޕެއިނުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތައް ލިބިގެންދާނޭކަމަށް އެމެރިކަން އެކްސްޕްރެސްއިން ދެކެއެވެ. މިއަހަރުގެ ކެމްޕެއިނުގައި ކުރިން ބައިވެރިނުވާ ރިސޯޓްތަކައި ހޮޓާތަކުން ވަނީ ބައިވެރިވެފައެވެ.
މިފަހަރުގެ އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިނުގައި 40 ހަށްވުރެ ގިނަ ރިސޯޓްތަކުން ބައިވެރިވާއިރު، ގިނަ އަދަދެއްގެ ގެސްޓްހައުސްތަކާއި ހޮޓާ އަދި ސަފާރީތަކުންވެސް ބައިވެރިވެއެވެ.