05 May 2023, 10:33
ކުރީގެ ބައިވެރިއާ ވަކިވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިސްފްޓް އިތުރު މީހަކާ ލޯބީގެ ގޮތުން ގުޅިފައިވާ ކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް ޓޭލާ އާއި އިނގިރޭސިވިލާތުގެ އެކްޓަރު ޖޯ އެލްވިން ވަކިވެފައިވާ ކަމުގެ ވާހަކަތައް އާންމުވެފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. ޓޭލާ އާއި ޖޯ ވަކިވެފައިވަނީ ދެމީހުން ސިއްރުން އެންގޭޖުވެގެން އުޅޭ ކަމަށް ވާހަކަ ދެކެވެމުން ދިޔަ ދަނޑިވަޅެއްގައެވެ.
މިވާހަކަތައް ޓޭލާގެ ގާތް މަސްދަރަކުން ކަށަވަރު ކޮށްދިނަސް ޓޭލާގެ ސީދާ ބަހެއް ލިބިފައެއް ނުވެއެވެ. އަދި އެ ވާހަކަތަކަށް ޖަވާބެއް ނުލިބި އޮއްވައި މިހާރު އިވެމުން ދަނީ އާ ވާހަކައެކެވެ. ޓޭލާ މިހާރު ރަށްޓެހިވެގެން އުޅެނީ އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު އޯލްޓަނޭޓިވް ބޭންޑް "1975"ގެ ވޯކަލިސްޓް މެޓީ ހީލީ އާ ކަމަށް އިނގިރޭސިިވިލާތުގެ ނޫސްތަކުން ބުނެއެވެ.
އަދި ވާހަކަ ދެކެވޭ ގޮތުގައި ދެމީހުންގެ ގުޅުމުގެ ވާހަކަ އާންމުކުރުމަށް ޓޭލާ ހުރީ ތައްޔާރުވެގެނެވެ. މިހާރު ޓޭލާ ދެމުން އަންނަ "އިރާސް" ޓުއާގައި މި ހަފުތާ ބަންދުގައި ނެޝްވިލްގައި ޓޭލާ ޕަފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނެޝްވިލްގެ ޝޯގައި މެޓީ ވެސް ބައިވެރި ވާ ކަމަށް އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ދަ ސަން" އިން ހާމަކުރެއެވެ. އަދި ދެމީހުންގެ ޕަފޯމަންސްގެ ތެރެއިން ދެމީހުންގެ ވާހަކަ އާންމުކުރާނެ ކަމަށް ވެސް އެ ނޫހުން ބުނެއެވެ.
މެޓީ އާއި ޓޭލާ ވަނީ މީގެ 10 އަހަރު ކުރީން ދިމާވެފައެވެ. އަދި އޭރު ދެމީހުން ކުޑަ ދުވަސްކޮޅަކަށް ރަށްޓެހިވެގެން އުޅުނަސް ދެމީހުންގެ ޝެޑިއުލްގެ ގޮތުން ވަކިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ޓޭލާ އާ ގާތް މަސްދަރަކު ދަ ސަން އަށް މައުލޫމާތު ދިން ގޮތުގައި ދެމީހުން މިހާރު ތިބީ އެކީގައި އާ ދިރިއުޅުމެއް ފެށުމަށް ތައްޔާރަށެވެ. އަދި ދެމީހުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބި ވާ ކަމަށް ވެސް އޭނާ ކިޔައިދެއެވެ.