04 May 2023, 19:37
އދ. ދިގުރަށާއި ނ. މާޅެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް، ފާތުމަތު ޝާނާ ފާރޫގެވެ.
މި މަސައްކަތުގެ ދަށުން މާޅެންދޫގެ 735,9 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމާއި، 73 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 386 މީޓަރުގެ ސަރައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 175 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މީގެ އިތުރުން 47 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، މޯރިންގް ބޯއީސް ހަރުކުރުމާއި، 30 މީޓަރު ދިގު ހަތަރު މީޓަރުފުޅާ ބުރިޖެއް ހެދުމާއި، ޖެޓީއެއްހެދުމާއި، 928 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓްހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއު 270 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރީ 32.34 މިލިއަން ރުފިޔާ އަށެވެ.
އދ. ދިގުރަށުގެ ގޮނޑުދޮށް ހިމާޔަތްކޮށް، އުތުރު ފަރާތުގައި 127 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓެއް ޤާއިމްކުރުން ހިމެނެއެވެ. އަދި ބެކްފިލްކުރުމާއި، 15 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޤާއިމްކުރާނެއެވެ.
މިކަންކަމުގެ އިތުރަށް ރަށުގެ އިރުމަތީ ފަރާތުގައި 420 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ޖައްސައި އެ ސަރަހައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެއެވެ.
މި މަޝްރޫއުގެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކުރީ 12.86 މިލިއަން ރުފިޔާއަށެވެ.