ޕިޔޮންގްޔަންގ (އޭޕްރީލް25): ނިއުކްލިޔާ ހަތިޔާރުގެ އިތުރު ތަޖްރިބާއެއް ކުރަން އުތުރުކޮރެޔާ ތައްޔާރުވެއްޖެ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

އުތުރުކޮރެޔާގެ ސަރުކާރާ ގުޅުން ހުރި ފަރާތްތަކަކާ ޙަވާލާދީ ރޮއިޓާސް ބުނި ގޮތުގައި ނިއުކްލިޔާ އިތުރުބޮމެއް ތަޖްރިބާކުރަން އުތުރުކޮރެޔާ ވަނީ ތައްޔާރުވެފަ އެވެ. ބިމުއަޑީގައި ވަރަށް އަވަހަށް އެޤައުމުން މިތަޖްރިބާ ކުރާނެ އެވެ. ޖައްވަށް ސެޓަލައިޓެއް ފޮނުވުމަށް ޓަކައި މިމަހުގެ ކުރީކޮޅު އުތުރުކޮރެޔާ ކުރި ނާކާމިޔާބު ތަޖްރިބާއާގުޅިގެން އދ. އާއި ދުނިޔޭގެ ބޮޑެތި ބައެއް ބާރުތައް އެކަމާދެކޮޅަށް އަޑުއުފުލައި ހަރުކަށި އިންޒާރު ދިނުމުން އެކަމަށް ރައްދުދޭނެ ކަމަށް އެޤައުމުގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވެ އެވެ.

އުތުރުކޮރެޔާގެ މަސްއޫލުވެރިޔާ ވިދާޅުވެފައި ވަނީ އެޤައުމުން މިސައިލެއް ނޫނީ ސެޓަލައިޓެއް ތަޖްރިބާކުރުމުން އެކަން މާބޮޑު މާނުރައްކާތެރި ކަމަކަށް ހަދާފައި އެހެން ޤައުމުތަކުން ހަތިޔާރުތައްހަދައި އެތަކެތި ބޭނުންގޮތަކަށް ތަޖްރިބާކުރާ އިރު އެކަން ކަމަކަށްނުވާ މައްސަލައަކީ އެޤަމާމެދު ގެންގުޅޭ ދުޝްމަންކަމާއި ތަފާތުކުރުން ކަމުގަ އެވެ. ދުޝްމަންކަމާއި ތަފާތު ކުރުންތަކަށް ގޮންޖަހައި ރައްދުދޭނެ ކަމަށް އުތުރުކޮރެޔާގެ މަސްއޫލުވެރިޔާ ވިދާޅުވެފައިވެ އެވެ.

މިއީ ނިއުކްލިޔާ ހަތިޔާރެއް ތަޖްރިބާ ކުރާނެކަމަށް އުތުރުކޮރެޔާ ދިން އިންޒާރެއްކަމަށް މުޙައްލިލުން ސިފަކުރެ އެވެ. އިތުރު ނިއުކްލިޔާ ބޮންތައް އުފެއްދުމާއި އެތަކެތި ބިމުއަޑީގައި ތަޖްރިބާކުރުމުގެ ޢިލްމީ އަދި ފަންނީ ޤާބިލްކަން އުތުރުކޮރެޔާއަށް ލިބިފައިވާ ކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ.

އުތުރުކޮރެޔާ ފުރަތަމަ ނިއުކްލިޔާ ތަޖްރިބާއެއްކުރީ 2006 ގައެވެ. އެއަށް ފަހު 2009 ގައި ވެސް އުތުރުކޮރެޔާ ނިއުކްލިޔަރ ތަޖްރިބާއެއް ކޮށްފައިވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އުތުރުކޮރެޔާ ފުރަތަމަ ތަޖްރިބާކުރި ނިއުކްލިޔާ ބޮން އުފައްދާފައި ވަނީ 90 ޕަސެންޓަށް ވުރެ މައްޗަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް ބޭނުންކޮށްގެންނެވެ. ދެވަނައަށް ތަޖްރިބާކުރި ބޮން އުފައްދާފައި ވަނީ ޕްލޮޓޯނިޔަމް ބޭނުންކޮށްގެންނެވެ. ފުރަތަމަ އުތުރުކޮރެޔާ ތަޖްރިބާކުރި ނިއުކްލިޔާ ބޮމަކީ އެމެރިކާ އިން ޖަޕާނަށް އެޅި އެޓޮން ބޮމަށް ވުރެ ބާރުގަދަ ބޮމެއްކަމަށް ތަޖްރިބާކާރުން ލަފާކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމާއި ދުރުރާސްތާގެ މިސައިލްފަދަ ސްޓްރެޓީޖިކް ހަތިޔާރު އުތުރުކޮރެޔާ އިން އުފައްދަނީ 1950 ން 1953 ށް ހިނގި ކޮރެޔާ ހަނގުރާމަ ނިމުނުކަމުގެ ރަސްމީ މުޢާހަދާއެއްގައި އެމެރިކާއާއި ދެކުނު ކޮރެޔާސޮއިކޮށް އުތުރުކޮރެޔާ އަށް އިޢްތިރާފް ވުމަށް އެދެޤައުމަށް މަޖްބޫރު ކުރުވުމެވެ. އެމެރިކާ، ދެކުނު ކޮރެޔާ އަދި ޖަޕާނުން އުތުރުކޮރެޔާއަށް އިޢްތިރާފްނުވެ އެޤައުމުގެ ވެރިކަން ނައްތާލުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް އުތުރުކޮރެޔާއިން ތުހުމަތު ކުރެއެވެ.

މިތިން ޤައުމުގެ އިތުރުން ހުޅަނގުގެ ޤައުމުތަކުންވެސްވަނީ އުތުރުކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށިފިޔަވަޅުތަކެއް އަޅާފައެވެ. (ނޫސްއެޖެންސީތައް)