05 May 2023, 10:14
މިދިޔަ އަހަރު ބޭއްވި އޮސްކާ އިވެންޓުގައި އެންމެ ބޮޑެތި ކާމިޔާބީތައް ހޯދި ސައި ފައި ފިލްމު "ޑޫން"ގެ ދެވަނަ ބައިގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފިއެވެ.
ވޯނާ ބްރޮސް އިން 2021 ވަނަ އަހަރު ރިލީޒްކުރި ޑޫންގެ ފުރަތަމަ ބައިގެ ކާމިޔާބީ ބޮޑު ކަމާއެކު ވަގުތުން ފިލްމުގެ ދެވަނަ މަސައްކަތް ވަނީ ފަށާފައެވެ. އެއާއެކު މިހާރު ޕްރޮޑަކްޝަނުން އަންނަނީ ފިލްމުގެ ދެވަނަ ބައި މިއަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ.
އެތައް ބައެއްގެ އިންތިޒާރު ކުރަމުން އައީ ފިލްމުގެ ޓްރެއިލާއެއް ފެންނާނެ ދުވަހަކަށެވެ. އެންމެފަހުން ވޯނާ ބްރޮސް އިން ވަނީ ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފައެވެ. މި ޓްރެއިލާއިން ފެނިގެންދާ ގޮތުގައި ދެވަނަ ބައިގައި އެކްޝަން އިތުރުވެގެންދާނެއެވެ.
ފިލްމަށް އަލަށް ގުޅޭ އެކްޓަރުން ކަމަށްވާ ފްލޯރެންސް ޕިއޫ އާއި އޯސްޓިން ބަޓްލާ ވެސް ޓްރެއިލާއިން ފެނިގެން ދެއެވެ. ދެމީހުންގެ ރޯލަށް ވެސް ކޮންމެވެސް ވަރަކަށް އަލި އަޅުވާލާއިރު މާ ގިނަ މައުލޫމާތު ތަކެއް ނުލިބެއެވެ. ޓްރެއިލާއިން ފެނިގެންދަނީ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ޒެންޑާޔާ އާއި ޓިމޮތީ ޝެލަމޭ އެންމެ ފަހުން ދިމާވެގެން އުޅޭ ތަނެވެ.
ޑޫންގެ ފުރަތަމަ ބަޔަކީ އެ ފިލްމު ބިނާ ކޮށްފައިވާ ވާހަކަ ފޮތުގެ ދެބައިކުޅަ އެއްބައެވެ. ފުރަތަމަ ފިލްމުގައި ލީޑުން ފެނުނު ޓިމޮތީ ޝަލަމޭ އާއި ޒެންޑާޔާގެ އިތުރުން ދެން ފިލްމުން ފެނިގެންދާނީ ރިބެކާ ފާގަސަން އާއި ޖޯޝް ބްރޯލިން އާއި ހަވިއޭ ބާޑެމްއެވެ. ދެވަނަ ފިލްމަކީ ވާހަކަ ފޮތުގެ ދެވަނަ ބައެވެ.
ޑޫންގެ ފުރަތަމަ ބަޔަށް ބޮކްސް އޮފީީހުގައި ވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އެގޮތުން އެ ފިލްމަށް ޖުމްލަ 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.
ދެވަނަ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު ތިނެއްގައެވެ.