05 May 2023, 16:19
ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންއަށް ދިން ޑްރޯން ހަމަލާގެ ހަގީގަތާމެދު ބައެއް ފަރާތްތަކުން ދަނީ ޝައްކުގެ ނަޒަރަކުން ބަލަމުންނެވެ. ރަޝިއާ ބުނާގޮތުން އެ ހަމަލާގެ ފަހަތުގައި ވަނީ ޔޫކްރޭންއެވެ. ނަމަވެސް ޔުކްރެއިނުން އެކަން ދޮގުކުރެއެވެ.
ޔުކްރެއިންގެ ދިފާއީ ވުޒާރާއިން ބުނީ ކްރެމްލިންއަށް އަމާޒުކޮށް ޔުކްރެއިނުން ޑްރޯނެއް ފޮނުވާފައި ނުވާނެ ކަމަށާއި ރަޝިއާގެ ރައީސް ވްލަދިމީރު ޕުޓިން އަވަހާރަކޮށްލުމުގެ އެއްވެސް ރޭވުމެއް ޔުކްރެއިނުން ނުގެންގުޅޭ ކަމަށެވެ.
ނަމަވެސް ރަޝިއާގެ ކުރީގެ ރައީސް އަދި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މިހާރުގެ ނައިބު ރައީސް ދިމިތްރީ މިޑްވެޑޭވް ތުހުމަތު ކުރެއްވިގޮތުގައި ކްރެމްލިންއަށް ހަމަލާދޭން އުޅުނު ދެ ޑްރޯންގެ ފަހަތުގައި ވަނީ ޔުކްރެއިންގެ ސަރުކާރެވެ. މަގްސަދަކީ ރައީސް ޕުޓިން އަވަހާރަކޮށްލުމެވެ.
އަދި ޔުކްރެއިނަށް ވާގިވެރިވާ އެމެރިކާ މިކަމުގެ ފަހަތުގައި ނޯވެ ނުދާނެކަމަށް ބެލެވޭކަމަށް ވެސް ރަޝިއާގެ މަސްއޫލުވެރިއަކު ވަނީ ވިދާޅުވެފައެވެ.
މިޑްވެޑޭވް ވަނީ މި ހަމަލާއަށް ރައްދުދިނުމުގެ ގޮތުން ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީ ޖިސްމާނީ ގޮތުން ނައްތާލުން ނޫންގޮތެއް ރަޝިއާއަށް ނޯންނަ ހިސާބަށް ޒެލެންސްކީގެ ނުރައްކާ މިހާރު ބޮޑުވެފައިވާކަމަށް ވިދާޅުވެފައެވެ. ޔުކްރެއިނަށް ވާގިވެރިވާ އެމެރިކާއިން ވަނީ ދެ ޑްރޯން ބޭނުންކޮށްގެން ޔުކްރެއިނުން ރަޝިއާގެ ރިޔާސީ އެކުވެނި ކްރެމްލިންއަށް ހަމަލާދީ ރައީސް ޕޫޓިން އަވަހާރަކޮށްލަން އުޅޭނެކަމަށް ގަބޫލު ނުކުރެވޭކަމަށް ބުނެފައެވެ. އަދި ރަޝިއާގެ ތުހުމަތުތައް ދިރާސާ ކޮށް ބަލަމުންދާކަން ހާމަކޮށްފައެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރުގެ ބިޔަ އެކުވެނި (ކްރެމްލިން)
އެމެރިކާގެ ބައެއް މުހައްލިލުން ވިދާޅުވިގޮތުގައި ކްރެމްލިންއަކީ ވަރަށް ބިޔަ ގިނަ އިމާރާތްތަކެއް ހުންނަ އެކުވެންޏެވެ. އެތަނުގެ ގިނަ އިމާރާތްތަކަކީ އާދައިގެ ބޮމެއް ވައްޓާލައިގެންވެސް މާބޮޑު ގެއްލުމެއް ލިބޭ ވަރަށްވުރެ މާ ވަރުގަދައަށް ހަދާފައިވާ އިމާރާތްތަކެކެވެ.
އެމެރިކާގެ އަމަނާބެހޭ ތަޖުރިބާކާރެއް ކަމަށްވާ ޖޮނަތަން އަކޫފް ވިދާޅުވިގޮތުގައި ރަޝިއާގެ ވެރިރަށް މޮސްކޯއަކީ ދިފާއީގޮތުން ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ސިޓީއެކެވެ. އަދި ޚާއްސަކޮށް ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންއަށް ހަމަލާދޭން މަސައްކަތްކުރާ އުޅަނދެއް ވަރަށް ދުރުން ދެނެގަނެ އެއެއްޗެއް ވައްޓާލުމުގެ ގާބިލްކަން ރަޝިއާއަށް ލިބިފައިވެއެވެ. ޖައްވުގައިވާ ރަޝިއާގެ ސެޓަލައިޓްތައް މެދުވެރިކޮށްވެސް ކްރެމްލިން ހިމާޔަތްކުރުމުގެ ކަންތައް ވަރަށް ފުރިހަމައަށް ރަޝިއާ ކުރަމުންގެންދެއެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން ކުޑަ ދެ ޑްރޯންއަށް ރަޝިއާގެ ދިފާއު ފޫއަޅުވާލައި ކްރެމްލިންއާ ހިސާބަށް ދެވުމަކީ އެކަމަށް ރަޝިއާއިން ފުރުސަތު ނުދޭނަމަ ކުރެވޭވަރުގެ ކަމެއް ނޫންކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
ރަޝިއާގެ ދިފާއީ ވުޒާރާ ބުނާގޮތުން އިއްޔެ މެންދުރުކުރީގައި ކްރެމްލިން އަށް ހަމަލާދޭން މަސައްކަތްކުރި ދެ ޑްރޯނެއްވަނީ ވައްޓާލާފައެވެ. އެ ދެ ޑްރޯންގެ ސަބަބުން އަދި ވައްޓާލުމަށް ބޭނުންކުރި އެެއްޗެއްގެ ސަބަބުންވެސް ކްރެމްލިންގެ އެއްވެސް އިމާރާތަކަށް ކުޑަވެސް ގެއްލުމެއް ނުލިބޭކަމަށާ އަދި އެވަގުތު ރައީސް ޕުޓިން ކްރެމްލިންގައި ނޫޅުއްވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ރަޝިއާއިން އެ ދެ ޑްރޯން ވައްޓާލިކަމަށްވަނީ ލޭޒަރު ބޭނުންކޮށްގެންނެވެ. އެއީ އެ ދެ ޑްރޯން ވައްޓާލުމަށް ބޭނުންކުރި އެއްވެސް ރޮކެޓެއް ނުފެންނާތީއެވެ. ރަޝިއާއަކީ ހަތިޔާރެއްގެ ގޮތުގައިވެސް ލޭޒަރު ބޭނުންކުރާ ގައުމެކެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ކްރެމްލިންއަށް ހަމަލާދޭން މަސައްކަތްކުރި ދެ ޑްރޯން ފޮނުވާލީ ރަޝިއާގެ އެތެރޭގައި އުޅޭ ބައެކެވެ. އެތަކެތި ފޮނުވާލީ މޮސްކޯގެ އެތެރެއިން ކްރެމްލިން އާ ކައިރި ހިސާބަކުންނެވެ. އެއީ ޔުކްރެއިންއަށް ތާއީދުކުރާ ރަޝިއާގެ ބަޔަކު ނޫނީ ރައީސް ޕުޓިންއާ އިދިކޮޅު ޖަމާއަތަކުން ކުރި ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.
އެމެރިކާގެ ބައެއް މުހައްލިލުން ދެކޭގޮތުގައި މި ދެ ޑްރޯން ކްރެމްލިންއާ ދިމާއަށް ފޮނުވާލުމުގެ ފަހަތުގައި ރަޝިއާގެ ޑީޕްސްޓޭޓް އޮތުން ވެސް އެކަށީގެންވެއެވެ. އެކަމުން ރަޝިއާ ހާސިލްކުރަން ބޭނުންވާ ހަތަރު މަގްސަދެއް އެ ބޭފުޅުން ފާހަގަކުރައްވައެވެ.

ޕޫޓިން، ކްރެމްލިންގައި ބޭއްވި ރަސްމިއްޔާތަކަށްފަހު އެތަނުން ނުކުމެވަޑައިގަންނަވަނީ
އެއްކަމަކީ ޕޫޓިންއަށް ރަޝިއާގެ ރައްޔިތުންގެ ހަމްދަރުދީ ހޯދުމާއި ރައްޔިތުންގެ ހިތްތަކުގައި ގައުމީ ޖޯޝު ކައްކުވާލުމެވެ. ދެވަނަ ކަމަކީ ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަވަހާރަކޮށްލަން ހަމަލާއެއް ދިނުމުގެ ފުރުސަތު ހޯދުމެވެ. ތިން ވަނަ ކަމަކީ ޔުކްރެއިން އިން މިފަދަ އަމަލެއް ރަޝިއާއާ ދެކޮޅަށް ހިންގުމުން ރަޝިއާ ހިފާފާނެ ބަދަލަކަށް ބިރުން ޔުކްރެއިންއަށް ބާރުގަދަ ހަތިޔާރު ދިނުމަށް އެމެރިކާއާއި ޔޫރަޕް ފަސްޖެހުމެވެ. ހަތަރު ވަނަ ކަމަކީ ރަޝިއާއިން ދެވަނަ ބޮޑު ހަނގުރާމައިގާ ޖަރުމަނުގެ ހިޓްލަރުގެ މައްޗަށް ނަސްރު ހޯދި ތާރީޚީ ދުވަހާ ދިމާކޮށް ޔުކްރެއިން އިން މިފަދަ އަމަލެއް ހިންގުމުން ގައުމީ ފެންވަރުގައި ރައްޔިތުންގެ ހަމްދަރުދީ ޕޫޓިންއަށް ލިބޭނެމަގު ތަނަވަސްކުރުމެވެ.
ހުޅަނގުގެ އަސްކަރީ ރިޕޯޓްތައް ބުނާގޮތުން ޔުކްރެއިންގެ ސަރަހައްދީ ރޮނގާއި މޮސްކޯއާ ދެމެދު 500 ވަރަކަށް ކިލޯމީޓަރުގެ ރަސްތާއެއް ހުންނާއިރު އެހާދުރަށް ހަމަލާދެވޭވަރުގެ ބާރުގަދަ ޑްރޯނެއް ޔުކްރެއިންގައި ނުހުންނާނެއެވެ.
ނަމަވެސް ބައެއް މުހައްލިލުން ދެކޭގޮތުގައި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ރަޝިއާގެ އެތެރޭގައި އުޅޭ ޖާސޫސީ ބައެއް އެޖެންޓުން ބޭނުންކޮށްގެން ރަޝިއާގެ ދިފާއީ ބާރުގެ އަޖުމަ ބަލާލުމަށް މިފަދަ އަމަލެއް ހިންގުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ރަޝިއާގެ މަސްއޫލުވެރިއަކު ވަނީ ކްރެމްލިންއަށް ދޭން އުޅުނު ޑްރޯން ހަމަލާއަށް ބަދަލުހިފުމުގެ ގޮތުން ރަޝިއާ ބޭނުންނަމަ ޔުކްރެއިންގެ ރިޔާސީ ގަނޑުވަރާއި ޔުކްރެއިންގެ ސަރުކާރުގެ ވުޒާރާތައް ހިންގާ އިމާރާތްތަކަށް ބާރުގަދަ މިސައިލް ހަމަލާތައް ދީގެން އެ ތަންތަން ބިމާ ހަމަކޮށްލުމަކީ ރަޝިއާއަށް ފަސޭހައިން ކުރެވިދާނެކަމެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެފަދަ ކަމެއް ކުރުމުގެ ވިސްނުން އަދި ރަޝިއާ ނުގެންގުޅޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ކްރެމްލިންއަށް ދޭން އުޅުނު ޑްރޯން ހަމަލާތަކަށްފަހު ރަޝިއާ ވަނީ ޔުކްރެއިންގެ ވެރިރަށް ކީޔެވްއަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ނަމަވެސް ޔުކްރެއިންގެ ރިޔާސީ ގަނޑުވަރުފަދަ ތަނަކަށް ހަމަލާއެއް އަމާޒުކޮށްފައެއް ނުވެއެވެ.
ކޮންމެެއަކަސް ޕޫޓިން އަވަހާރަކޮށްލުމަށް ކަމަށް ބުނެ ކްރެމްލިންއަށް ދޭން އުޅުނު ހަމަލާގެ ހަގީގަތަކީ ކޮބައިކަމެއް އަދި ނޭންގެއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާގެ ބައެއް މަސްއޫލުވެރިން ޔުކްރެއިންއަށް ބަހުގެ އިންޒާރުތަކެއް ދެއްވިނަމަވެސް މިހަމަލާއާ ގުޅިގެން ރަޝިއާގެ އިސްވެރިން އެހާ ބޮޑަށް ކޯފާވެ އަވަސްގޮތަކަށް ޔުކްރެއިންގެ ކިބައިން ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅޭކަން ހާމަވެއެވެ.