04 May 2023, 20:08
މި އަހަރުގެ ކުޑަކުދިންގެ ދުވަހަށް ޚާއްސަކޮށް އެސްޓީއޯއިން އަގުހުރި އިނާމުތަކާ އެކު ޚާއްސަ ކުރެހުމުގެ މުބާރާތެއް ބާއްވަން މިއަދު އިއުލާންކޮށްފިއެވެ.
މި މުބާރާތަށް ކުރެހުން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާއިރު މި މަހުގެ 10ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެއެވެ.
މުބާރާތުގައި ޖުމްލަ ތިން އުމުރުފުރާ ކެޓެގަރީއަކުން ކުދިންނަށް ބައިވެރިވެވޭނެއެވެ. އެއީ ހަ އަހަރުން ދަށުގެ އުމުރުފުރާ އާއި ހަތް އަހަރާއި އެގާރަ އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
ޖުމްލަ ތިން ތީމަކަށް ކުދިންނަށް ކުރެހުން ހުށަހެޅޭނެއެވެ. އެ ތިން ތީމަކީ:
ޔުއާ ޑްރީމް ބެރެކްފާސްޓް މޫމަންޓް
- ޑިޒައިން ޔުއާ ޑްރީމް ހައުސް
- ހެލްތީ ލައިފްސްޓައިލް
މުބާރާތަށް ހުށަހަޅާ ކުރެހުންތައް ފޮނުވާނީ އެސްޓީއޯގެމެއިލަށެވެ. ކުރެހުން މެއިލް ކުރާއިރު އެ ކުރެހުމުގެ ނަމާއި، ކުރެހި ކުއްޖާގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަމްބަރު ހިމަނަން ވާނެއެވެ. އަދި ގުޅޭނެ ނަމްބަރެއް ވެސް ހިމަނަން ވާނެއެވެ.
ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖަކު ބޭނުންވާ ތީމަކުން ހުށަހެޅޭނީ އެންމެ ކުރެހުމެކެވެ.
މުބާރާތަށް ކުރެހުން ހުށަހެޅުމަށް ވަކި ގަވައިދުތަކެއް ވެސް މި މުބާރާތުގައި ކަނޑައަޅައިފައިވެއެވެ. އެ ގަވައިދުތަކަކީ:
ކުރެހުމުގައި މަދުވެެގެން އެސްޓީއޯގެ އެއް ޕްރޮޑަކްޓު ހިމެނުން
- މުއްދަތު ހަމަވުމުގެ ކުރިން ކުރެހުން ފޮނުވުން
- ހުރިހާ ކުރެހުމެއް ވެސް A3 ސައިޒަށް ކުރެހުން. އަދި މެއިލްކުރާއިރު ޖޭޕެގް ފޯމެޓަށް މެއިލްކުރުން
- ކުރެހުމުގައި ފެންކުލަ، ކްރެޔޮން، އަދި ޑިޖިޓިލް އާޓް ބޭނުންނުކުރުން
ކުރެހުންތަަކަށް މާކްސް ދިނުމުގައި 25 ޕަސެންޓު މާކްސް ދޭނީ ކޮންސެޕްޓަށެވެ. ބާކީ 75 ޕަސެންޓު މާކްސް ދޭނީ އެ ކުރެހުމުގެ އުފެއްދުންތެރިކަމަށް ބަލައިފައެވެ. ކޮންމެ އުމުރުފުރައަކުން ވެސް އެންމެ މޮޅު ތިން ކުދިން ހޮވުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ކޯޕަރޭޓް ބްރޭންޑިން އޮފިސަަރު ޔޫސުފް ޝާހް ވިދާޅުވީ ވީހާ ވެސް ގިނަ ކުދިން މުބާރާތުގައި ބައިވެރިވުމަކީ އެސްޓީއޯގެ އެދުމެއް ކަމަށެވެ.
ކުދިން ބޭނުންވާ ފަދަ ޝައުގުވެރި އަގުހުރި އިނާމުތަކެއްް ދޫކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިއީ ކުދިންނަށް އެ ކުދިންގެ ހުނަރު ދައްކައިލުމުގެ ގޮތުން ލިބޭނެ ރަނުގެ ފުރުސަތެއް ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.