ފަތުވާ މަޖިލާހަށް މެންބަރުން އައްޔަނުކޮށްފައިވާ ކަމަށާއި މިހާރު އެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން، މިއުވާން މުހައްމަދު އެންމެ ފުރަތަމަ ވިދާޅުވީ، ފަތުވާ މަޖިލީހުގެ މަސައްކަތް ދަނީ ކުރެވުން ކަމަށެވެ. އަދި، އެ ކަމަށް މާގިނަ ދުވަހެއް ނުނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އޭގެ ފަހުން މިއުވާން ވިދާޅުވީ އެހެން ބުނެވުނީ އޮޅުމަކުން ކަމަށެވެ. އަދި، އެ މަޖިލީހަށް ހަތަރު މެމްބަރަކު އައްޔަނުކޮށް، އެ މަޖިލީހުގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި، އެކަމުގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.

ޖޫން މަހުގެ 21ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޔޯގާ ޑޭގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ވެސް ފަތުވާ މަޖިލީހުގެ ރައުޔެއް ހޯދުމަށް ގިނަބަޔަކު އެދުނެވެ. ނަމަވެސް ފަތުވާ މަޖިލިސް އުފެއްދި އިރު އައްޔަން ކުރި މެންބަރުންގެ ދައުރު ނިމުމުން އެ ބޭފުޅުންގެ ބަދަލުގައި މެންބަރުން އައްޔަނު ކޮށްފައި ނުވާތީ ފަތުވާ މަޖިލިސް އޮތީ ހުސްކަމެއްގެ ތެރޭގައެވެ.

މިހާތަނަށް، ފަތުވާ މަޖިލީހުގައި ދައުރު ހަމަނުވެ ހުންނެވީ އެ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހީމް އެކަންޏެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ފަތުވާ މަޖިލީހަށް އާ މެމްބަރުން އައްޔަނުކުރުން ލަސްވަނީ އެ މަޖިލީހުގެ މަސައްކަތްތައް ފިގުހު އެކަޑެމީގެ ދަށަށް ބަދަލުކުރަން ވެގެންނެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުން ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގަމުންއައި ފިޤްހު އެކަޑަމީގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނަމުގައި އޮފީހެއް އުފެއްދީ 2016ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.