07 May 2023, 10:13
ހައްޖާއި އުމްރާއަކީ ގިނަ ބަޔަކު ލާރި ޚަރަދުކޮށްގެން ދާ އަޅުކަމަކަށްވާއިރު، އާއްމުންގެ ކަންބޮޑުވުންތައް ގުޅެނީ ހައްޖަށް ގެންދާ ގްރޫޕްތަކުން އަމަލުކުރާ ގޮތްތަކުގެ މައްޗަށެވެ.
ކޮންމެ އަހަރަކު ވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް، އިސްލާމިކް މިނިސްޓްރީން ގްރޫޕްތަކަށް ހައްޖު ކޯޓާ ދޫކުރެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް، އެ ގްރޫޕްތަކާ ގުޅޭ ގިނަ ޝަކުވާތަކެއް ފެންމަތިވެއެވެ.
އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައި ވަނީ ހައްޖަށް މީހުން ގެންދިއުން ވިޔަފާރިއަކަށް ހަދައިގެން، ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑެތި އަގުތަކުގައި މީހުން ހައްޖަށް ގެންދާ މައްސަލައެވެ. މާތް އަޅުކަން އަދާކުރަންދާ މީހުންނަށް ވެސް ފައިސާގެ ބޭނުމުގައި އޮޅުވާލަނީއެވެ. އަދި ރާއްޖެއިން ހައްޖަށް ދާ މީހުންނަށް، އެ ގްރޫޕްތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމްތައް ހަމަނުޖެހި ހުންނަ މައްސަލަތައް ވެސް ގިނައެވެ.
ހަމަ އެއާއެކު، ފައިސާ ދެއްކުމަށް ފަހު ވެސް، ގްރޫޕްތަކުގެ އިހުމާލުން ހައްޖާއި އުމްރާއަށް ދިއުމަށާއި އަޅުކަން ނިންމުމަށްފަހު، އަނބުރާ ރާއްޖެ އައުމަށް ވެސް ހުރަސްތަކާ ކުރިމަތިވާކަމުގެ މައްސަލަތައް ވެސް ފެންމަތިވެއެވެ.
މިފަދަ އެތައް ކަމެއް މާޒީގައި ވެސް ހިނގާފައި އެބަހުއްޓެވެ. އެގޮތުން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފް (މާލު)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ އަށް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ވަނީ ހުކުމް ކޮށްފައެވެ.
އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ވަނީ ހައްޖަށް ގެންގޮސްދޭނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން ރުފިޔާ ނެގުމަށްފަހު އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ. އަދި އެ ދައުވާ ކޮށްފައިވަނީ 92 މީހަކު ތަހުގީގަށް ދީފައިވާ ބަޔާންތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް އެ ދައުވާގައި ބުނެފައިވެއެވެ.
ހަމަ އެގޮތަށް ހައްޖަށް ދިޔުމަށް ހަރަމައިން ގްރޫޕަށް ފައިސާ ދެއްކި އިރު އިސްލާމިކް މިނިސްޓްރީން ހުއްދަ ދިން އަދަދަށްވުރެ އިތުރަށް އެ ގްރޫޕުން، މީހުން އަތުން ފައިސާނެގި ކަމަށް ބުނެ، މައްސަލައެއް ވަނީ 2019 ވަނަ ފުލުހަށް ހުށަހަޅާފައެވެ. އެ ފަހަރު ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހަރަމައިންއަށް ހުއްދަ ދީފައިވަނީ 69،965 ރުފިޔާ ނެގުމަށެވެ. ނަމަވެސް އެ ގްރޫޕުން މީހުންގެ އަތުން އެއް ލައްކަ ރުފިޔާ ނެގި ކަމަށް ފައިސާ ދެއްކި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު މ. އެކްސަލް، މުސްތަފާ މުހައްމަދު ދީދީ ވެސް ވަނީ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ހައްޖަށް ނުގެންދިޔަ މައްސަލައިގައި 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ.
މިގޮތަށް ގްރޫޕްތަކުން އަމަލުކުރުމުން، ހައްޖަށް ދިއުމަށް އެ ގްރޫޕްތަކަށް ފައިސާ ދައްކާފައިވާ ބައެއް މީހުން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ވަނީ ގެންގޮސްފައެވެ.
މިއީ، އެންމެ ކުރިންސުރެ ވެސް މީހުންގެ ހުރި ޝަކުވާތަކަށް ވާއިރު، މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް އިތުރުވީ މީގެ މައްސަލަތަކެއް މިފަހަރު ވެސް ފެންމަތިވުމުންނެވެ.

އެގޮތުން މީހުން ހައްޖަށް ގެންދަން މި އަހަރު ހުއްދަ ދީފައިވާ ޖަމާއަތްތަކުން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ އަގަށް ވުރެ ބޮޑެތި އަގުތައް ނަގާކަމުގެ ޝަކުވާ މީހުން ވަނީ ކޮށްފައެވެ.
މި ފަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދަން، ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ހައްޖު ކޯޕުރޭޝަނުގެ އިތުރުން، ތިން ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ. އެއީ،
އަލްހަރަމައިން (75،465 ރުފިޔާ)
- ސިސިލްފަރު (75،250 ރުފިޔާ)
- އަލްމަނާސިކް (75،000 ރުފިޔާ)
ހައްޖަށް މީހުން ގެންދަން ހުއްދަ ދީފައިވާ ތިން ޖަމާއަތަށް ވެސް މިނިސްޓްރީން ހުއްދަދީފައިވަނީ 76،000އަށް ވުރެ ބޮޑު ނުވާ އަގެއްގައެވެ. އެއިން ކޮންމެ ޖަމާއަތަކަށް ދީފައިވަނީ 90 ކޯޓާ ކަމަށްވާއިރު، ރާއްޖެއަށް ލިބުނު 1،000 ކޯޓާގެ ބާކީ ދޫކުރީ ހައްޖު ކޯޕަރޭޝަނަށެވެ.
އެކަމަކު، ހައްޖު ކޯޕަރޭޝަނަށް މިހާރު ވެސް ގިނަ އަދަދެއްގެ މީހުން ފައިސާ ދައްކާފައިވުމާ އެކު ސަރުކާރުގެ 100އިންސައްތަ ހިއްސާ އޮންނަ އެ ކުންފުނިން ހައްޖަށް ދާން އަހަރުތަކެއް މަޑު ކުރަން ޖެހެއެވެ. އެހެންވެ، އަވަހަށް ހައްޖަށް ދެވެން އޮންނަނީ އަމިއްލަ މީހުންގެ ޖަމާއަތްތަކުންނެވެ.
ހައްޖަށް ދާން އަމިއްލަ ޖަމާއަތްތަކަށް ފައިސާ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ބައެއް ޖަމާއަތްތަކުން އަންނަނީ ހުއްދަދީފައިވާ އަގަށް ވުރެ ބޮޑެތި އަގުތައް ނަގަމުންނެވެ.
"ސަން"އާ ވާހަކަދެއްކި އާންމުންގެ މީހަކު ކިޔައިދިން ގޮތުގައި އޭނާ އައީ ހައްޖަށް ދާން ޖާގަ ހޯދަން ދުރާލާ ގުރޫޕުތަކަކާ ވާހަކަދައްކަމުންނެވެ. ނަމަވެސް، ފަހު ވަގުތު ވަނީ ހައްޖަށް ގެންދާ އަގުތައް 100،000 ރުފިޔާއަށް ވުރެ މައްޗަށް އުފުލާލައިފައެވެ.
"ފަހުން ގުޅީމައި ބުނީ، 150،000 އަށްށޭ މިހާރު މީހަކު ގެންގޮސްދެވޭނީ، ދެގުނައަށް އަގުތައް ހިތްލައިލީ،" އެ މީހާ ބުންޏެވެ.
ބައެއް މީހުން ބުނާ ގޮތުގައި، ހައްޖަށް މީހުން ގެންދާ ގްރޫޕްތަކުން، އެމީހުން ބޭތިއްބުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސައެއް ނުދެއެވެ. ހުރިހާ ކަމެއް އެންމެ ފަހު ވަގުތު ކުރަން ބަހައްޓައިގެން، އެކަމުގެ ގެއްލުން ހައްޖާޖީންނަށް ލިބޭ ކަމަށް އެމީހުން ބުނެއެވެ.
"ހަމަ އެކަނި ލާރި ނެގުމެއް ނޫން. އެންމެ ރަނގަޅު ގޮތުގައި ހައްޖުގެ އަޅުކަން ވެސް ފުރިހަމަ ނުކުރެވޭ ގޮތަށް ބައެއް ގްރޫޕްތަކުގެ އަަމަލުތައް އެބަހުރޭ،" ހައްޖަށާއި އުމްރާއަށް މީހުން ގެންދާ ގްރޫޕެއްގެ ވެރި މީހަކު ބުންޏެވެ.
އެ ޖަމާއަތްތަކުން ބުނާ ގޮތުގައި ބޮޑު އަގު ނަގަން ޖެހެނީ ކޯޓާ ލިބޭނެކަން ކުރިން ޔަގީން ނުވާތީއެވެ. ފަހު ވަގުތު، ހޮޓާތަކާއި ދަތުރުފަތުރުގެ ކަންކަން ހަމަޖައްސަން ޖެހުމުން އެ ކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށް ބުނެއެވެ.
އެކަމަކު، ބިޑްތައް ބާތިލްކޮށް އަލުން ހުޅުވާލި އިރު، އަގުގެ ގޮތުގައި 75،000 ރުފިޔާއާއި 95،000 ރުފިޔާއާ ދެމެދުގެ އަގެއް ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ. އެހެންވެ، ޚަރަދުތަކަށް ބަލައި އަގު ބޮޑު ކުރުމުގެ ފުރުސަތު ވެސް ޖަމާތްތަކަށް ވަނީ ލިބިފައެވެ.
މިކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ވެސް މިހާރު އައިސްފައިވާއިރު، އެ މިނިސްޓްރީން ބުނީ އެކަން މިހާރު ބަލަމުންދާ ކަމަށެވެ.

ހައްޖުގެ އަޅުކަމަށް ސައުދީއަށް ދިޔަ ދިވެހި ބައެއް ހައްޖުވެރިން-- ފޮޓޯ/ ހައްޖު ކޯޕަރޭޝަން
ނަމަވެސް ގިނަ ދުވަސްވީ، އެފަދަ މައްސަލައަކަށް ހައްލުނުލިބޭތީ ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މިފަދަ މައްސަލަތަކަށް ހައްލު ނުހޯދާ ނަމަ، އެފަދަ ކަންކަން އިތުރުވެ، ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ހަމައެއާއެކު، ހައްޖަށް ގެންދާ މިފަދަ ގްރޫޕްތަކަށް އިތުބާރު ގެއްލޭނެ ކަމަށް ވެސް އެމީހުން ބުންޏެވެ.
އެކަމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު "ސަން"އަށް ވިދާޅުވީ، އެފަދަ މައްސަލަތަށް އިތުރުވެ، ހައްލެއް ނުލިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ އަހަރަކު ވެސް ހައްޖަށް މީހުން ގެންދިއުމަށް ލިބޭ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދޭ ނަމަ މިފަދަ މައްސަލަތައް މަދުވެ، ހައްލު ލިބޭނެއެވެ.
"ހައްޖު ކޯޕަރޭޝަނަކީ، ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ކުރަން ޖެހޭ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް އުފެއްދި ތަނެއް. އެކަން އެގޮތަށް ކުރުމުގެ ގާބިލުކަން ވެސް އެ ކޯޕަރޭޝަނުގައި ހުންނާނެ،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ، އެގޮތަށް ކަންތައް ކުރަން ނިންމާފަހުން، ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން، އެ ކޯޕަރޭޝަނުން އަމިއްލަ ގްރޫޕްތަކަށް، މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދެވިދާނެ ކަމަށެވެ.
ހައްޖަށް ދާއިރު، މީހުންނަށް ދިމާވާ މިފަދަ މައްސަލަތައް ދިގުލައިގެންދާއިރު، މިކަން ހައްލުނުކުރެވިއްޖެ ނަމަ ނިކުންނާނެ ނަތީޖާއާ ދޭތެރޭގައި ވެސް ގިނަ މީހުން ކަންބޮޑުވުން ފާޅުކުރެއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވީ، މިފަދަ މައްސަލަތަކުގެ ސަބަބުން، ކުރިއަށްއޮތް ތަނުގައި، އެކަން އިތުރަށް ގޯސްވާނެ ކަމަށެވެ.
"މިހާރު ނަގާ ވަރަށް ވުރެ އިތުރަށް ފައިސާ ނަގާނެ މިކަން މިގޮތަށް އޮންނަ ނަމަ. މިހާރު 150،000 ރުފިޔާ އަކީ ވެސް ނަގަން ބޮޑު މިންވަރެއް. މިފަދަ މައްސަލަތައް ނުހުއްޓުވައިފި ނަމަ، މި އަދަދު ކުރިއަށް އޮތްތަނުގައި އިތުރުވާނެ. އެއީ އެ މީހުންނަށް ވެސް ލިބޭނެ ދެރައެއް،" އޭނާ ވިދާޅުވިއެވެ.
މިފަދަ މައްސަލަތައް ހުއްޓުވޭނީ، ހައްޖަށް މީހުން ގެންދާ ގްރޫޕްތައް ހާމަކަން ބޮޑު ގޮތެއްގައި އެކަން ކޮށްގެން ކަމަށާއި، އެކަމުގައި ތެދުވެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގްރޫޕްތަކުން މީހުން ގެންދެވޭ ވަރަށް ޖާގައަށް އެދުމަށް އެނާ އިލްތިމާސްކުރެއްވިއެވެ.
މި މައްސަލައަށް ހައްލެއް ނުލިބި ގިނަ އަހަރުތަކެއް ވެފައިވާއިރު، މައްސަލަތައް ވަނީ އިތުރަށް ގޯހެވެ. އަދި މިކަން ހައްލުނުވަނީ ކަމާ ބެހޭ ފަރާތަތްތަކުން ޒިންމާ އަދާ ނުކުރާތީ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ.