މެއިލްގެ ސައްޙަކަން ކަށަވަރު ކުރުމަށްޓަކައި ޖީމެއިލްއިން ވެސް ނޫފާހަގަ ވެރިފިކޭޝަން ތަޢާރަފްކޮށްފިއެވެ.

މިކަމާ ގުޅޭ ގޮތުން ޖީމެއިލްއިން ނެރުނު ބަޔާނެއްގައި ބުނީ އީމެއިލްތަކުގެ ސައްހަކަން ދެއްކުމަށް ޓަކައި މެއިލް ފޮނުވާ މީހުންގެ ނަމުގެ ކައިރީގައި މިހާރު ނޫ ކުލައިގެ ވެރިފައިޑް ޗެކްމާކެއް ހުންނާނެ ކަމަށެވެ. އީމެއިލް ފޮނުވާ ފަރާތަށާއި ލިބޭ ފަރާތަށް ވެސް މި ފީޗާ ފެންނަން ހުންނާނެ ކަމަށް ގޫގުލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖީމެއިލް ބޭނުންކުރާ ހުރިހާ ޔޫޒަރުންނަށް މި ފީޗާ ފޯރުކޮށްދިނުމަށް 3 މެއި 2023 އިން ފެށިގެން މަދުވެގެން ތިން ދުވަސް ނަގާނެ ކަމަށާއި ގޫގުލް ވޯކްސްޕޭސްގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން ލެގަސީ ޖީ ސުއިޓް ބޭސިކް އަދި ބިޒްނަސް ކަސްޓަމަރުންނަށް ވެސް މި ފީޗާ ލިބެން ހުންނާނެ ކަމަށް ގޫގުލްގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ޕާސަނަލް ގޫގުލް އެކައުންޓްތައް ބޭނުންކުރާ ފަރާތްތަކަށް ވެސް މި ފީޗާ ލިބޭނެއެވެ.

ޖީމެއިލްގައި ބްރޭންޑް އިންޑިކޭޓާސް ފޯ މެސެޖް އައިޑެންޓިފިކޭޝަން (ބީއައިއެމްއައި) އެޑޮޕްޓްކޮށްފައިވާ ވިޔަފާރިތަކަށް ވެސް ވެރިފައިޑް ޗެކްމާކެއް ލިބޭނެއެވެ. ބްރޭންޑެއްގެ ނަމުގެ ކައިރީގައި ވާ ޗެކްމާކެއް އޮޓޮމެޓިކުން ޔޫޒަރުންގެ އިންބޮކްސްތަކުން ފެންނާނެއެވެ. މި ޗެކްމާކްގެ ސަބަބުން ސެޓިންއަށް އެއްވެސް ބަދަލެއް ގެންނަން ނުޖެހޭނެ ކަމަށް ވެސް ގޫގުލްއިން ބުނެއެވެ.

އީމެއިލެއްގައި ވާ ނޫ ކުލައިގެ ވެރިފައިޑް ޗެކްމާކެއްގެ މައްޗަށް މައުސް އެރުމާއެކު، "މި އީމެއިލް ފޮނުވި ފަރާތުން ޕްރޮފައިލް އިމޭޖްގައި ވާ ޑޮމެއިން އާއި ލޯގޯ މިލްކުވާކަން ކަށަވަރުކޮށްދީފި" ކަމަށް ބުނެ ޕްރޮމްޕްޓެއް ހުޅުވޭނެއެވެ.

މި ޗެކްމާކުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށާއި އީމެއިލް ސެކިއުރިޓީ ސިސްޓަމްތަކަށް ސްޕޭމް ދެނެގަނެ އެކަން ހުއްޓުވުމަށް މަގުފަހިވެގެންދާނެ ކަމަށާއި އީމެއިލް ފޮނުވާ ފަރާތްތަކުގެ ބްރޭންޑްގެ ސައްޙަކަން ކަށަވަރު ކުރުމަށް ވެސް މި ފީޗާގެ ބޭނުން ހިފޭނެ ކަމަށް ގޫގުލްއިން ބުނެއެވެ.

"މިކަމުގެ ސަބަބުން އީމެއިލް ވަސީލަތްތަކަށް އޮންނަ އިތުބާރު ބޮޑުވެ، ކިޔުންތެރިންނަށް އިމާސިވް އެކްސްޕީރިއަންސެއް ލިބި، ކޮންމެ މީހަކަށް ވެސް އީމެއިލް ފޮނުވުމާއި، ލިބިގަތުގެ ރަނގަޅު މާހައުލެއް އުފެދިގެން ދާނެ،" ގޫގުލް އިން ބުންޏެވެ.

ޖީމެއިލް މެދުވެރިކޮށް ވެސް ތަފާތު ބާވަތްތަކުގެ ސްކޭމްތަކާއި، އޮޅުވާލުމާއި، މަކަރުހެދުންތައް ގިނަވެފައިވާ މި ދުވަސްވަރުގައި މި ފީޗާ ވަރަށް ބޮޑަށް މުހިންމު ވާނެއެވެ. އެހެނީ ސްކޭމްކުރާ ފަރާތްތަކުން ބޭންކްތަކާއި ޕަބްލިކް ޔުޓިލިޓީސް ތަކުގެ އީމެއިލްތައް ނަކަލުކުރަމުން ދާތީ ގިނަބަޔަކަށް އޮންނަނީ އީމެއިލްގެ ސައްހަކަން ދެނެގަންނަން ނޭންގިފައެވެ.

ވިޔަފާރިތަކަށް މި ފީޗާ ދޫކުރި ނަމަވެސް މި ފީޗާގެ ބޭނުން ހިފުމަށްޓަކައި އެންމެ ފުރަތަމަ ޖެހޭނީ ޑޮމެއިންއާ ގުޅޭގޮތުން މެސެޖް އޮތެންޓިކޭޝަން، ސެޓިންއެއް ހަދާށެވެ. މީގެ ސަބަބުން ހެކަރުންނާއި އެހެނިހެން ހަމަލާދޭ ފަރާތްތަކަށް، އެ ޑޮމެއިން ސްޕޫފް ކުރުން ހުއްޓުވުމަށް އެހީތެރިވެދެއެވެ. އަދި މީގެ އިތުރުން ވެރިފައިޑް މާކް ސެޓްފިކެޓާއެކު ލޯގޯ ވެސް ވެލިޑޭޓް ކުރަން ޖެހެއެވެ.

މި ދެންނެވި ޝަރުތުތައް ފުރިހަމަކުރުމަށް ފަހު، ވިޔަފާރިއަކަށް ޖީމެއިލްގައި ވެރިފައިޑް ޗެކްމާކެއް ހޯދުމަށް ޓަކައި ބީއައިއެމްއައި އެއް ޤާއިމުކުރެވިދާނެއެވެ.

ގޫގުލްއިން ޖީމެއިލްއަށް މި ފީޗާ އިތުރުކޮށްފައިވާއިރު، ޓްވިޓާގެ ޕްލެޓްފޯމްގައި ހުރި ހުރިހާ ލެގަސީ ވެރިފައިޑް ޗެކްމާކްތަކެއް ނައްތާލައި އޭގެ ބަދަލުގައި އާ ޕޭޑް ޗެކްމާކްތަކެއް ގެންނަން ނިންމި ހިސާބުން ފެށިގެން ވެރިފައިޑް ޗެކްމާކްތައް ވަނީ މިފަދަ ހުރިހާ ޕްލެޓްފޯމެއްގައި ވެސް ވަރަށް ބޮޑަށް ވައިގައި ހިފާފައެވެ. މެޓާ އިން ވެސް ދާދި ފަހުން ވަނީ ޕޭޑް ވެރިފިކޭޝަން ޗެކްމާކްގެ ޚިދުމަތެއް ތަޢާރަފްކުރަން ފަށައިފައެވެ.