ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އާ އެކު މަސައްކަތް ކުރާނެ ބަޔަކު ހޯދަން އެ ކޮމިޝަނުން މިއަދު އިއުލާން ކޮށްފިއެވެ.

އެޗްއާރުސީއެމްއިން ބުނީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން އަދި އިންތިޚާބު އޮންނަ ދުވަހު އަތޮޅުތެރޭގެ ހާލަތު މޮނިޓާ ކުރުމަށް ފޯކަލް ޕޮއިންޓުން ބޭނުންވާ ކަމަށެވެ.

ފޯކަލް ޕޮއިންޓުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ފޯކަލް ޕޮއިންޓުންގެ ފަރާތުން މައުލޫމާތު އެއްކުރުމަށް ބޭނުން ކުރެވޭ "ހާލަތު ސުވާލު ކަރުދާސް" އާއި ރަށުގައި އިންތިޚާބާގުޅޭ ހާދިސާއެއް ހިގައިފިނަމަ ފުރަންޖެހޭ "ހާދިސާ ސުވާލު ކަރުދާސް" ކަނޑައެޅިފައިވާ ވަކި ވަގުތު ތަކެއްގައި ފުރުމެވެ.

މީގެ އިތުރުން އިންތިޚާބު އޮންނަ ދުވަހުގެ ފޮށިތައް އޮބްޒާވްކުރާއިރު ކޮމިޝަނުގެ އޮބްޒާވަރުންގެ ގޮތުގައި ކަނޑައެޅޭ ރަށެއްގެ އިންތިޚާބީ މަރުކަޒެއްގައި ހަރަކާތްތެރިވުމެވެ.

ފޯކަލް ޕޮއިންޓުންގެ ގޮތުގައި ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރުވެފައިވާ ކޮންމެ މީހަކަށްވެސް މިއިންތިޚާބުގައި ފޯކަލް ޕޮއިންޓަކަށް ވުމަށް ކުރިމަތިލެވޭނެއެވެ.

ފޯކަލް ޕޮއިންޓަކަށް ވުމަށް ކުރިމަތިލާ ފަރާތަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ހަރާކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވާ ފަރާތެއްކަމުގައި ވެގެން ނުވާނެ ކަމަށާއި އަދި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން މިމަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޝަރުތުތަކުގެ އިތުރަށް ވެސް ރިޔާސީ ކެންޑިޑޭޓެއްގެ އާއިލީ މެންބަރެއް ކަމުގައި ނުވުމާއި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވާން ޖެހެއެވެ.

އެޗްއާރުސީއެމް އިން ބުނިގޮތުގައި، މަންދޫބުންނަށް އުޖޫރައެއްގެ ގޮތުގައި ފުރާ ކޮންމެ ފޯމަކަށް 35 ރުފިޔާގެ އެލަވަންސެއް ދޭނެއެވެ. އަދި ރިޔާސީ އިންތިޚާބު އޮންނަ ދުވަހުގެ ފޮށިތައް އޮބްޒާވްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި 1000 ރުފިޔާ ދޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ފޯކަލް ޕޮއިންޓުން ހޮވާނީ ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން އިވެލުއޭޓްކުރުމަށްފަހު އެ ކޮމިޝަނުންނެވެ. ފޯކަލް ޕޮއިންޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު މޭ މަހުގެ 15 ވަނަ ދުވަހުގެ 13:00 އާ ހަމައަށް އެޗްއާރުސީއެމުން ވަނީ ހުޅުވާލައިފައެވެ.