ވާދަވެރި ބާސެލޯނާ ކަޓުވާލުމަށް ފަހު ޗެމްޕިއަންސް ލީގު ފައިނަލުން ޖާގަ ލިބުމުން ޗެލްސީގެ ކުޅުންތެރިންނާއި މުޅި އިނގިރޭސިވިލާތް އުފާފާޅު ކުރަން ފަށައިފި އެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ އެ ޓީމު 3-2ގެ އެގްރިގޭޓުން ބަލިކުރުމަށް ފަހު ޑިޑިއޭ ޑޮރޮގްބާ ބުނީ އަށް އަހަރު ތެރޭގައި މިއީ އަހަރުމެން ފައިނަލް ކުޅޭ ދެ ވަނަ ފަހަރު. ހަ ފަހަރު ސެމީ ފައިނަލް ކުޅެފިން. އެހެންވީމަ މިއީ އަހަރުމެން މޮޅުވާން ޖެހޭ ފަހަރު،" ފުރަތަމަ ލެގުގައި 1-0 ބާސެލޯނާ ބަލިވި މެޗުގައި ލަނޑު ޖެހި އައިވަރީ ކޯސްޓްގެ ފޯވަޑް ބުންޏެވެ.

"އަހަރުމެން ފައިނަލް ކުޅެން މިޖެހެނީ އެންމެ މުހިންމު ދެ ކުޅުންތެރިން (ސަސްޕެންޑް ކޮށްފައިވާ ޓެރީ އާއި އިވަނޮވިޗް) ނުލާ. އެކަމަކު އަހަރުމެން ފައިނަލް ކުޅޭނެ ކަމަށް އެކަކުވެސް ހީނުކުރޭ."

ރަތް ކާޑު ދެއްކުމުން ފައިނަލަށް ސަސްޕެންޑް ވެފައިވާ ކެޕްޓަން ޖޯން ޓެރީ ބުނީ ރީޕްލައި އިން އޭނާގެ ޓެކްލް ފެންނަނީ ވަރަށް ގޯސްކޮށް ކަމަށާއި އެކަމަކު އޭނާއަކީ ގަސްތުގައި ކުޅުންތެރިންނަށް ހަމަލާދޭ ކަހަލަ ކުޅުންތެރިއެއްނޫން ކަމަށެވެ. އަދި އޭނާ އަށް ދެއްކި ރަތްކާޑުގެ ސަބަބުން ފައިނަލް ނުކުޅެވޭތީވެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

"އެކަމަކު ފައިނަލް އަހަރުމެންނަށް ހައްގު. އަހަންނަށް ނުކުޅެވުނަސް މިފަހަރު ބަލިވެގެންދާކަށް ނޭދެން،" ޓެރީ ބުންޏެވެ.


ޓެރީ ނެތުމުން ކެޕްޓަންކަން ކުރާ ފްރޭންކް ލަމްޕާޑު ބުނީ ކުޅުންތެރިން ރޫހު ވަރަށް ވަރުގަދަ ކަމަށާއި ޓޮރޭޒްގެ ގޯލާ ހަމައަށް އެންމެވެސް ތިބީ ގަޑި ހިނގާލެއް ލަސްވެފައި ކަމަށް. އަދި އެންމެން ހީކުރި ގޮތާ ހިލާފަށް ފައިނަލަށް ދެވުމުން ތައްޓާމެދު ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.

ފައިނަލަށް ޗެލްސީގެ ހަތަރު ކުޅުންތެރިއަކު ސަސްޕެންޑްވެފައިވީ ނަމަވެސް މުޅި އިނގިރޭސި ވިލާތުގައި ވަނީ އުފާފާޅު ކުރަން ފަށައިފަ އެވެ. ލިވަޕޫލާއި ނިއުކާސަލް އަދި ޓޮޓެންހަމުގެ ސަޕޯޓަރުން ޗެލްސީގެ ކާމިޔާބީގައި ބައިވެރިއިރު އިނގިރޭސި ކްރިކެޓް ޓީމުގެ ކެޕްޓަން ވެސް ވަނީ މަރުހަބާ އާއި ހެޔޮއެދުން ފޮނުވައިފަ އެވެ.