ފިޝަރީޒް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމަށް، އިބްރާހިމް ނާފިޒު (ޗިކާ) އައްޔަނުކޮށްފިއެވެ.

ޗިކާ އެ މަގާމަށް އައްޔަނުކުރިކަން އަންގައި ރައީސް އޮފީހުން ފޮނުވި ސިޓީއެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ޗިކާ އެ މަގާމަށް އައްނުކުރެއްވީ ގާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޅ) ގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ޗިކާއަކީ އެ ޕާޓީގެ މަޑަވެލި ދާއިރާގެ ރައީސެވެ.

ޗިކާ އަކީ ކުށުގެ އެކި ކަހަލަ ތުހުމަތު މީގެ ކުރިން ކުރެވި، ޝަރީއަތް ވެސް ހިންގިފައިވާ މީހެކެވެ. އޭނާ އަކީ މަސްތުވާތަކެތި ޑީލް ކުރުމާއި ގޭންގްތައް ހިންގުމުގެ ބޮޑެއް ކަމަށް މީގެ ކުރިން ފުލުހުން ތުހުމަތު ކުރަމުން އައި މީހެކެވެ. އެހެން ނަމަވެސް، ފަހުން އޭނާ ފެންނަމުން ދިޔައީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުންނެވެ.

މީގެ ކުރިން ޗިކާއަށް ވަނީ މަސްތުވާތަކެތީގެ ގިނަ ތުހުމަތުތަކެއް ކޮށް، ޝަރީއަތަށް ސާބިތު ވެސް ވެފައިވެއެވެ. އެކަމަކު، އޭނާގެ މައްޗަށް ކުރި ހުކުމް ތަންފީޒުކޮށް ނިމިފައިވާއިރު، އެފަދަ ތުހުމަތުތަކެއް އޭގެ ފަހުން، އޭނާގެ މައްޗަކަށް ކުރެވިފައެއް ނުވެއެވެ.