04 May 2023, 12:30
ވޯލްޑް ބޭންކުގެ އާ ރައީސްކަމަށް އިންޑިއާ ނަސްލުގެ ވިޔަފާރިވެރިޔާ އަޖޭ ބަންގާ އައްޔަންކޮށްފިއެވެ.
މާސްޓާކާޑް ކުންފުނީގެ ކުރީގެ ސީއީއޯ ކަމަށްވާ ބަންގާ މަގާމަށް އައްޔަންކޮށްފައި ވަނީ ފަސް އަހަރުގެ ދައުރަކަށެވެ.
އެމެރިކާގެ ރަށްވެހިކަން އޮންނަ އަޖޭ އެންމެ ފުރަތަމަ އެ މަގާމަށް ނޮމިނޭޓް ކުރީ ފެބްރުއަރީ މަހު އެގައުމުގެ ރައީސް ޖޯ ބައިޑެންއެވެ. އެއަށްފަހު ވޯލްޑް ބޭންކުގެ ބޯޑުން މި މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ އިއްޔެއެވެ.
އެ މަގާމަށް މި ދައުރުގައި ވާދަކުރި ހަމައެކަނި މީހަކީވެސް، 63 އަހަރުގެ އަޖޭއެވެ.
އެ މަގާމުގެ ވޯޓުލުން ބާއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު ވޯލްޑް ބޭންކުގެ ބޯޑު މެމްބަރުން ހަތަރު ގަޑިއިރު ވަންދެން ބަންގާއާ އިންޓަވިއު ކުރުމަށްފަހުއެވެ.
ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ މަގާމަށް އައްޔަންކުރަން ނިންމާފައިވަނީ ބޯޑުގެ 24 މެންބަރުންގެ އިއްތިފާގުންނެވެ. އެ ވޯޓުގައި ރަޝިޔާއިން ބައިވެރިނުވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
އަޖޭ މި މަގާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްފާސްގެ ފަސް އަހަރުގެ ދައުރު ހަމަވުމާ ގުޅިގެން މަގާމުން ވަކިވެވަޑައިގަތުމުންނެވެ.
އޭނާ އަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި މަސައްކަތް ކުރެއްވި އިގްތިސާދީ މާހިރެއްގެ އިތުރުން އެމެރިކާގެ ޓްރެޒަރީގެ ކުރީގެ އޮފިޝަލެކެވެ.
މަލްޕާސް، ވޯލްޑް ބޭންކުގެ ރައީސްކަމުގައި ހުންނަވާނެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ. އެއަށްފަހު އަންނަ މަހުގެ ދެވަނަ ދުވަހު އަޖޭ އެ މަގާމާ ރަސްމީކޮށް ހަވާލުވާނެއެވެ.
އަޖޭއަށް މަގާމު ކަށަވަރުވުމާއެކު ބައިޑަން ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ.
ބައިޑެން ވަނީ ދުނިޔޭގެ ފަގީރުކަން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް އެހީތެރިވެ، ބޭންކު ހިންގުމަށް އަޖޭގެ އެހީތެރިކަން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.
މިހާރުވެސް ވޯލްޑް ބޭންކުން އަންނަނީ ގައުމުތަކުގެ ތަރައްގީއަށް އެތައް ބިލިއަން ޑޮލަރުގެ ލޯނުތައް ދެމުންނެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ ބަލިމަޑުކަމަށް ތައްޔާރުވުން ފަދަ ދުނިޔޭގެ ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވުމަށް ލޯނު ދޫކުރުން އިތުރުކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ވޯލްޑް ބޭންކް އުފެދުނު ދުވަހުން ފެށިގެން މިހާތަނަށް އެ ބޭންކު ހިންގަމުން އައީ އެމެރިކާގެ މީހަކު އިސްކޮށް ހުންނަވައިގެންނެވެ. އެ ބޭންކު ހިންގުމަށް އިންޑިއާ ނަސްލުގެ މީހަކު ހަވާލުވެފައި މިވަނީ ފުރަތަމަ ފަހަރަށެވެ.