ވިނަރެސް ފުލެޓު ގަތުމަށް އާބަންކޯއަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން އާންމުކުރި ލިސްޓުގައި ޕޮއިންޓު އެއްވަރުވެފައިވާ މީހުންގެ މެދުގައި ގުރުއަތު ނެގުމަށްފަހު ފުލެޓު ދިނުމުގައި އިސްކަން ދޭނެ ތަރުތީބު އާންމުކޮށްފިއެވެ.

ގުރުއަތު ނެގީ މާލޭގައި ރަށްވެެހިވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓެގަރީއިންނެވެ. އާބަންކޯއިން ބުނީ ޕޮއިންޓުގެ ގޮތުން އެއްވަރު ވެގެން ގުރު ނެގީ 42 ޕޮއިންޓު ލިބުނު މީހުންގެ މެދުގައިކަމަށެވެ. ގުރު ނެގުން ކުރިއަށް ގެންދިޔައީ މިދިޔަ އާދިއްތަ ދުވަހެވެ.

އެއާއެކު މިހާރުވަނީ އިސްކަން ދޭނެ ތަރުތީބު އާންމުކޮށްފައެވެ. އާބަންކޯއިން ބުނީ ފުލެޓު ޚިޔާރުކުރަން ފުރުސަތުދޭއިރު އިސްކަން ދޭނީ އެ ލިސްޓުގައިވާ ތަރުތީބުންކަމަށެވެ.

ވިނަރެސް ފުލެޓު މަޝްރޫއުގައި ޖުމްލަ 1344 ޔުނިޓު ހިމެނެއެވެ.

އާބަންކޯއިން ބުނީ އެ ލިސްޓުގައިވާ މީހުންނަށް އެ މީހަކު ބޭނުންވާ ޔުނިޓް އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބޭނީ ހިޔާ، ސީލައިފް، އަދި ގުޅީފަޅު ކެޓެގަރީގެ ފަރާތްތަކުން އިޚްތިޔާރުކުރި ޔުނިޓުތައް އުނިކުރުމަށްފަހުކަމަށެވެ.

ނަމަވެސް ހިޔާ، އަދި ސީލައިފްގެ މާލީ ގާބިލުކަން އަދި ނުބެލި ހުރި އެޕްލިކޭޝަންތަކުގެ ޔުނިޓުތައް އިޚްތިޔާރުކުރުމުގެ ފުރުސަތު, ލިސްޓުގައި ބާކީ ތިބި މީހުންނަށް ލިބޭނެ ކަމަށް އާބަންކޯއިން ބުންޏެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އާބަންކޯގެ އެސިސްޓެންޓް މެނޭޖަރު ޕީއާރް އަހްމަދު މިމްރާހު ވިދާޅުވީ ހިޔާ އަދި ސީލައިފްގެ މާލީ ގާބިލުކަން އިވެލުއޭޓުކުރުމުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމައިލެވޭނެކަމަށް ބެލެވޭކަމަށެވެ.

އޭގެ ފަހުން މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ވިނަރެސް ފުލެޓުތައް އާންމުންނާ ހަވާލުކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް ވެސް މިމްރާހް ވިދާޅުވިއެވެ.