މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ، ހޮނިހިރު ދުވަހާ ހަމައަށް ވިއްސާރަ ކުރާނެ
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ، ހޮނިހިރު ދުވަހާ ހަމައަށް ވިއްސާރަ ކުރާނެ

ރެއިން ފެށިގެން މާލޭ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.

އެގޮތުން މަޖީދީމަގުގެ ބައެއް ހިސާބުތަކާއި އިއްޒުއްދީން މަގުގައި ފެން ހެދި، ގޭގެއަށާއި ފިހާރަތަކަށް ފެން ވަދެފައި ވާކަން ފާހަގަކުރެވެއެވެ.

ޓުވިޓާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން އައިޖީއެމްއެޗް ތެރޭވެސް ފެން ބޮޑުވެފައިވާތަން ފެނެއެވެ.

މިކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާއިރު، އެމްޑަބްލިއުއެސްސީން މީގެ ކުރިން ބުނީ މާލޭގެ ސްޓޯމް ވޯޓާ ސިސްޓަމަކީ މަގުތަކުގައި ފެން ހެދުމުން އަމިއްލައަށް މަސައްކަތް ކުރަން ފަށާ އެއްޗެހި ކަމަށެވެ.

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި --

ރޭ މާލޭ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން މެޓް އޮފީހުން ބުނީ، ރޭ އަށަކުން ފެށިގެން މިއަދުގެ ހެނދުނު އަށަކާ ހަމައަށް ހުޅުލެއަށް 58 މިލިމީޓަރުގެ ވާރޭ ވެހިފައި ވާކަމަށެވެ.

މީގެ އިތުރުން ސ.ހުޅުމީދޫއަށް 62.1 މިލިމީޓަރުގެ ވާރޭ ވެހިފައި ވާއިރު، ސ. ގަމަށް 70.4 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، މެދު ރާއްޖެތެރެއާއި ދެކުނުގެ ބޮޑު ބަޔަކަށް ވާރޭ ވެހޭނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ބައެއް ރަށަތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެފައި --

ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އަދި ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މިއަދު ހެނދުނު ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މެޓް އޮފީހުން ބުނީ، އަންނަ ހޮނިހިރު ދުވަހާ ހަމައަށް ވެސް މެދު ރާއްޖެތެރޭގެ ރަށްރަށަށް ވިއްސާރަކުރާނެކަމަށެވެ.

އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.