04 May 2023, 08:59
މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ އެއްވަނައަށް އަލުން ޖެހިލި އިރު، ލީގުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު ސިޓީގެ ފޯވަޑް އާލިން ހާލަންޑް މުގުރާލައިފިއެވެ.
ސިޓީން އަލުން އެއްވަނައަށް ޖެހިލީ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި 3-0 ގެ ނަތީޖާއަކުން ވެސްޓް ހާމް ޔުނައިޓެޑް ބަލިކޮށްގެންނެވެ. އެ ނަތީޖާއާއެކު ސިޓީން ވަނީ އަލުން ތާވަލުގެ އެއްވަނައިގައި އެއް ޕޮއިންޓުގެ ލީޑެއް ހޯދައިފައެވެ. އެއްވަނައިގައި އޮތް ސިޓީ އާއި ދެވަނައިގައި އޮތް އާސެނަލާ ދެމެދު އެންމެ ޕޮއިންޓެއްގެ ފަރަގު އޮތް ނަމަވެސް، އާސެނަލުން ވަނީ ސިޓީއަށްވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، ގޯލު ޖަހާނެ ފުރުސަތުތަކެއް ވެސް ލިބިގެންދިޔައެވެ. އެގޮތުން ސިޓީގެ ރިޔާދް މަހްރޭޒާއި ޖެކް ގްރީލިޝްގެ ހަމަލާއެއް ވެސްޓް ހާމްގެ ކީޕަރު ލޫކަސް ފަބިއަންސްކީ މަތަކުރި އިރު، ސިޓީގެ ސްޕެއިން ޑިފެންޑަރު ރޮޑްރީ ފޮނުވާލި ހަމަލާ އަމާޒުވީ ވެސްޓް ހާމްގެ ގޯލުގެ ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ފުރަތަމަ ހާފުގައި ވެސްޓް ހާމުން ސިޓީގެ އެޓޭކުތައް ހުއްޓުވި ނަމަވެސް، ދެވަނަ ހާފުގައި އެކަން ކާމިޔާބުވެފައެއް ނުވެއެވެ. މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓު ފަހުން މަހްރޭޒް ނަގައިދިން ހުރަހަކުން ސިޓީއަށް ލީޑު ހޯދައިދިނީ އެޓީމުގެ ނެދަލެންޑްސް ޑިފެންޑަރު ނޭތަން އަކޭއެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ސިޓީން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ގްރީލިޝް ދިން ބޯޅައަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިސީޒަނުގައި އެޓީމާ ގުޅުނު ހާލަންޑެވެ. އެ ގޯލާއެކު ލީގު ތާރީހުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހާލަންޑް ވެގެންދިޔައެވެ. އެ ގޯލަކީ މިސީޒަނުގައި އޭނާ ޖެހި 35 ވަނަ ޕްރިމިއާ ލީގު ގޯލެވެ. ކުރިން ލީގުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު އޮތީ މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް އެންޑްރޫ ކޯލް އަދި ނިއުކާސަލް ޔުނައިޓެޑްގެ ލެޖެންޑް އެލަން ޝިއެރާގެ އަތުގައެވެ. އެ ދެ ކުޅުންތެރިން ވެސް ޖަހާފައިވަނީ 34 ގޯލެވެ.
މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، ސިޓީން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް ފިލް ފޮޑެންއެވެ. އޭނާ ފޮނުވާލި ހަމަލާ، ވެސްޓް ހާމްގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ޑިފެންޑަރު އެމަސަންގެ ގައިގައި ޖެހިފައެވެ.
ރޭ ކުޅުނު މެޗުގައި ލީގު ތާވަލުގެ ފަސް ވަނައިގައި އޮތް ލިވަޕޫލް ވެސް ވަނީ މޮޅުވެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ލިވަޕޫލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލިވަޕޫލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު ތަރި މުހައްމަދު ސަލާހެވެ.