50 މިލިއަން ޕައުންޑްގެ ފޯވަޑް ފެނާންޑޯ ޓޮރޭޒް އިތުރު ވަގުތުގައި ޖެހި ގޯލާއެކު 2-2 އިން މެޗު އެއްވަރުވެ، ދެ މެޗުގެ އެގްރީގޭޓުން 3-2 އިން ޗެމްޕިއަން ބާސެލޯނާ ކަޓައި، ޗެމްޕިއަންސް ލީގު ފައިނަލުން ޗެލްސީ ޖާގަ ހޯދައިފި އެވެ.

ބާސެލޯނާގެ ނޯކޭމްޕްގައި ކުޅުނު މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ބާސެލޯނާ އެވެ. ސާޖިއޯ ބުސްކެޓްސް އާއި އަންދްރޭސް އިނިއެސްޓާ ގޯލު ޖަހާފައިވަނިކޮށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޗެލްސީ އަށް ސުން ކަނޑުވައިދިނީ ރަމިރޭޒް ކީޕަރު ބޯމަތިން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. ބޮޑު އަގުގައި ގަތަސް ގޯލު ޖެހުމުގައި އާއްމުކޮށް ގޯލު ނުޖަހާ ފޯވަޑް ޓޮރޭޒް ޗެލްސީގެ ފަހު ގޯލު ކީޕަރު ކަޓުވާފައި ހުސްކޮށް ޖެހީ މެޗުގެ އިތުރުވަގުތުގަ އެވެ.

މި މެޗުގައި ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ ޖެހުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ކުރިން ފުރަތަމަ ހާފުގައި ބޯޅަ ނެތީސް ފަހަތުން އެލެކްސިސް ސަންޗޭޒަށް ހަމަލާދިނުމުން ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

މެޗަށް ފަހު ޗެލްސީގެ ވަގުތީ ކޯޗު ރޮބާޓޯ ޑިމަޓިއޯ ބުނީ ޓެރީ އަކީ ކުޅަދާނަ ނަމޫނާ ލީޑަރެއް ކަމަށާއި އޭނާ އަށް ރަތްކާޑު ދެއްކި ނަމަވެސް އެކަމާ ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ.

"ކޮންމެ މީހަކީ ވެސް ކުށްކުރެވޭނެ މީހެއް. ޓެރީއާ ދޭތެރޭ އަހަރެން ރުޅިއެއްނާދޭ. އޭނާ ނެތި ކުޅެން ޖެހުމުން އަހަރުމެން ހީކުރި ވަރަށްވުރެ މެޗު އުނދަގޫވި،" މުޅި މެޗުގައި ޑިފެންސް ކުރި ޓީމުގެ ކޯޗު ބުންޏެވެ.

ޑިމަޓިއޯ އަދި ބުނީ މިއީ އޭނާގެ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އެންމެން ވެސް ޗެލްސީ ބަލިވާނެ ކަމަށް ދެކިގެން ކަމަށެވެ.