ސާބިއާގެ ސްކޫލެއްގައި ދަރިވަރަކު ބަޑި ޖަހައި، އަށް ދަރިވަރުންނާއި ސެކިއުރިޓީ ގާޑަކު މަރާލައިފިއެވެ.

އުމުރުން 14 އަހަރުގެ ކޮސްޓާ ކެކްމަނޮވިޗް ނަމަކަށް ކިޔާ މި ކުއްޖާއަކީ ސާބިއާގެ ވެރި ރަށް ބެލްގްރޭޑްގެ "ވްލަޑިސްލާވް ރިބްނިކާރް ޕްރައިމަރީ ސްކޫލް"ގެ ދަރިވަރެކެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހަމަލާގައި މަރުވީ 13 އަހަރާއި 14 އަހަރުގެ ކުދިންނެވެ. އޭގެ ތެރޭގައި ހަތް އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ހިމެނޭކަން ކަށަވަރުވެފައިވާ ކަމަށް އެ ނޫހުގައިވެއެވެ.

އިއްޔެ ދިން އެ ހަމަލާގައި އިތުރު ހަ ދަރިވަރުންނާއި ޓީޗަރަކަށް ވަނީ އަނިޔާވެފައެވެ. އެ ޓީޗަރުގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށާއި އަނިޔާ ލިބުނު އެހެން ކުދިންނަށް މިހާރު ފަރުވާދެމުންދާ ކަމަށް ވެސް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުންޏެވެ.

ސާބިއާގެ ފުލުހުން ބުނި ގޮތުގައި ހަމަލާ ދިން ކުއްޖާގެ އަތުގައި އޭނާ ހަމަލާ ދޭން ބޭނުންވާ މީހުންގެ ލިސްޓެއް އޮތެވެ. އަދި އޭނާ ހަމަލާ ދޭން ރާވަން ފެށީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށާއި އޭނާ ހަމަލާ ދޭން ފުރަތަމަ ވަންނާނީ ކޮން ކްލާސްރޫމް ތަކަކަށްކަން ލިސްޓުގައި ލިޔެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިހަމަލާ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެހެންނަމަވެސް މިހާތަނަށް މި ހަމަލާ ދިން ސަބަބެއް ނޭނގޭ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން އެކުއްޖާގެ މަންމަ އާއި ބައްޕަވެސް ވަނީ ހައްޔަރުކޮށްފައެވެ.

ސާބިއާގެ ސްކޫލެއްގައި އަށް ދަރިވަރުންނާ ސެކިއުރިޓީ ގާޑަކު މަރާލި ފުރާވަރުގެ ކުއްޖަކު ހައްޔަރުކޮށްފި -- ފޮޓޯ/ ބީބީސީ

ފުލުހުން ބުނީ މި ހަމަލާ ދިނުމުގައި އެ ކުއްޖާ ބޭނުންކޮށްފައިވަނީ އޭނާގެ ބައްޕަގެ ބަޑިތަކެއް ކަމަށާއި އެއީ ބޭނުންކުރަން ގާނޫނީ ގޮތުން ހުއްދަ ދީފައިވާ ހަތިޔާރުތަކެއް ކަމަށެވެ. އަދި އެ ހަމަލާ ދިނުމުގެ ކުރިން އެކުއްޖާގެ ބައްޕައާއެކު އެކި ފަހަރު މަތިން އޭނާ ބަޑި ޖަހަން ފަރިތަކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ހަމަލާއާ ގުޅިގެން ސާބިއާގެ ރައީސް އެލެކްސަންޑާ ވޫޗިޗް ދެއްވި ޓީވީ ޚިޠާބެއްގައި ވިދާޅުވީ މިއީ "މިފަހުގެ ތާރީޚުގައި އެ ގައުމަށް ކުރިމަތިވި އެންމެ އުނދަގޫ ދުވަސް" ކަމަށެވެ. އޭނާ ވިދާޅުވީ އެކުއްޖާ ސައިކިއޭޓްރިކް ކްލިނިކަކަށް ފޮނުވާނެ ކަމަށާއި އެއީ ކުޑަކުއްޖެއް ކަމުން، ބޮޑު މީހެއްގެ ޖިނާއީ މައްސަލައެއް ބަލާ ގޮތަށް އެ މައްސަލަ ކޯޓުގައި ނުބެލޭނެ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ވޫޗިޗް ވަނީ މަރުގެ މައްސަލަތަކާ ގުޅިގެން ޖިނާއީ ޒިންމާ އުފުލަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރުމަށް ލަފާދެއްވާފައެވެ. އަދި ބަޑި ގެންގުޅުމުގެ ލައިސަންސްތަކުގެ އޮޑިޓެއް ހެދުމަށާއި ބަޑި ޖަހަން ފަރިތަކުރާ ތަންތަނަށް ވަދެވޭނީ ކޮންބަޔަކަށްތޯ ބެލުމުގެ ގަވާއިދުތައް ހަރުކަށި ކުރުމުގެ އިތުރުން އެހެން ބައެއް އިސްލާހުތައް ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

އެ ހަމަލާއާ ގުޅިގެން ސާބިއާގައި ވަނީ ގައުމީ ފެންވަރުގައި ހިތާމަ ފާޅުކުރުމަށް މާދަމާއިން ފެށިގެން ތިން ދުވަސް ކަނޑައަޅާފައެވެ.