04 May 2023, 09:05
ތެލުގޫ ސިނަމާގެ ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީ 2005ވަނަ އަހަރު އުފެއްދި ތެލުގޫ ފިލްމު "ޗަތްރަޕަތީ"ގެ ހިންދީ ރިމޭކް ރިލީޒްކުރާނެ ތާރީޚު އިއުލާނުކޮށްފިއެވެ.
ހަމަ މިނަމުގައި އުފައްދާ ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ.
ވަރުގަދަ އެކްޝަން ސީންތަކެއް ފެނިގެންދާ މިފިލްމުގެ ލީޑް ރޯލް ކުޅެފައިވަނީ ތެލުގޫ އެކްޓަރު ބެއްލަމްކޮންޑާ ސްރީނިވަސްއެވެ. މިއީ އޭނާ ހިންދީ ސިނަމާއަށް ތައާރަފުވާ ފިލްމުވެސްމެއެވެ.
ސްރީނިވަސްއާއެކު ފިލްމުގައި ބަތަލާގެ ރޯލް ކުޅެފައިވަނީ ނުޝްރަތު ބަރުއްޗާއެވެ. މިތަރިންގެ އިތުރުން އެކްޓަރު ޝަރަދް ކެލްކަރުގެ ވަރުގަދަ ކުރިމަތިލުންތަކެއް ފިލްމުން ފެންނާނެއެވެ. ބަތަލާ ބަގްޔާޝްރީވެސް ފިލްމުގެ ކާސްޓުގައި ހިމެނޭއިރު ފްރެޑީ ދާރުވާލާ، ރާޖެންދްރަ ގުޕްތާ، ސާހިލް ވެއިދް އަދި ޝިވަމް ޕަޓިލްއަކީ ފިލްމުގެ ތަފާތު އެކި ރޯލްތަކުން ފެންނާނެ މޫނުތަކެވެ.
ރާޖާމޮލީ 2005ވަނަ އަހަރު ފިލްމުގެ ޑައިރެކްޓަރު ގޮނޑި ފުރިނަމަވެސް މިފިލްމުގެ ހިންދީ ރިމޭކްގެ ޑައިރެކްޓަރަކީ ތެލުގޫ ސިނަމާއަށް ނިސްބަތްވާ ވީވީ ވިނަޔަކްއެވެ. ރާޖާމޮލީގެ ފިލްމުތަކުން ފެންނަ ޖާދޫއާ އެއްވަރަށް މިފިލްމުގެ ޓްރެއިލާއިންވެސް ވަރުގަދަ ތަޅާފޮޅުންތަކެއް ދައްކުވައިދެއެވެ.
މިފިލްމު ގެނެސްދެނީ ޑރ. ޖަޔަންތިލާލް، ދަވަލް ޖަޔަންތިލާލް އަދި އަކްޝޭ ޖަޔަންތިލާލްގެ ތިން ބެއިންގެ ކުންފުނި ޕެން ސްޓޫޑިއޯސްއިންނެވެ. ފިލްމު "ސޯނޫކޭ ޓީޓޫކީ ސްވިޓީ"ގެ ބަތަލާ ނުޝްރަތު ބުނެފައިވަނީ ސްރީނިވަސްފަދަ އެކްޓަރާއެކު މަސައްކަތްކޮށްލުމުގެ ފުރުސަތަކީ އެއްވެސް ބަތަލާއަކު ދޫކޮށްލަން ބޭނުންވާނެކަހަލަ ފުރުސަތެއް ނޫންކަމަށެވެ.
ދާދިފަހުން ފިލްމު "ސެލްފީ"އިން ފެނުނު ބަތަލާ ބުނެފައިވަނީ މިފިލްމުން ފިލްމީ ދާއިރާއާ ގުޅުންހުރި ގިނަކަންތައްތަކެއް ތަޖުރިބާކުރެވުނުކަމަށެވެ. ތެލުގޫ ސިނަމާ ފަތަހަކުރުމަށް ފަހު ހިންދީ ސިނަމާގެ ފުރަތަމަ ތަޖުރިބާއާމެދު ހިތްހަމަޖެހޭކަމަށް ބުނަމުން ތެލުގޫ އެކްޓަރު ސްރީނިވަސް ބުނީ މިހާރު އިންތިޒާރުކުރެވެނީ އޯޑިއަންސްގެ ފަރާތުން ލިބޭނެ ފާޑުކިއުންތަކަށްކަމުގައެވެ.