03 May 2023, 23:06
ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ދޫކޮށް ދިއުމަށް އާޖެންޓީނާ ތަރި ލިއޮނެލް މެސީ ނިންމައިފިއެވެ.
ޕީއެސްޖީން ވަނީ އެކްލަބުގެ ހުއްދަ ނުހޯދައި މެސީ ސައުދީ އަރަބިއާއަށް ދިއުމުން އޭނާ ދެ ހަފުތާއަށް ސަސްޕެންޑު ވެސް ކޮށްފައެވެ. އެއާއެކު މިސީޒަނުގައި ޕީއެސްޖީން ކުޅޭ ފަހު ފަސް މެޗުގެ ތެރެއިން ދެ މެޗެއްގައި އޭނާއަށް ނުކުޅެވޭނެއެވެ.
އިތުބާރު ހުރި ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ޕީއެސްޖީ ދޫކޮށް ދިއުމަށް މެސީ ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ނިންމައިފައެވެ. މެސީގެ ބައްޕަ އަދި އޭނާގެ އެޖެންޓުގެ ގޮތުގައި ވެސް މަސައްކަތްކުރާ ޖޯޖް، ޕީއެސްޖީއާ ބައްދަލުކޮށް އެކަން އަންގާފައިވާ ކަމަށް ވެސް ފަބްރީޒިއޯ ބުންޏެވެ.
ސައުދީއަށް މެސީ ކުރި ދަތުރާއެކު އޭނާ ގުޅޭނެ ކްލަބަކަށް ވެގެންދާނީ އެގައުމުގެ ކްލަބެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އޭގެ އިތުރުން މެސީގެ ކުރީގެ ކްލަބު ބާސެލޯނާ އާއި އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީ އިން ވެސް ވަނީ އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މިސީޒަނަށްފަހު ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަ އިރު، މިސީޒަނުގައި ޕީއެސްޖީން އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ މެސީއެވެ. އޭނާ ވަނީ މިސީޒަނުގެ ފްރާންސް ލީގުގައި 15 ގޯލު ޖަހައި، 15 އެސިސްޓް ހަދައިފައެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް ކުރިއަށްއޮތް ދެ މެޗުގައި ކޯޗު ގަލްޓިއޭ މަސައްކަތްކުރަން ޖެހޭނީ މެސީ ނުލައެވެ.
މިސީޒަނުގައި ޕީއެސްޖީއަށް ބާކީ ފަސް މެޗު އޮތް އިރު، ލީގު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު 33 މެޗުން ހޯދި 75 ޕޮއިންޓާއެކުއެވެ. ޕީއެސްޖީ އާއި ދެވަނައިގައި އޮތް މާސޭއާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ. އެހެންކަމުން ޕީއެސްޖީއަށް ލީގު ގެއްލުމުގެ ފުރުސަތު ވެސް އެބައޮތެވެ.