23 May 2023, 08:49
"ތިނޫން ވާހަކައެއް ބުނެފާނަންތަ؟..." ލަޔާލް އަބަދު ޝުކުރު އަދާކުރާތީ، ފިޒާލް ދެރަވިއެވެ. "މިއަދު ކިތައް ފަހަރު ޝުކުރު އަދާކޮށްފިން؟..."
********
"އޯކޭ ދެން ނުބުނާނަން..." ލަޔާލް ހަދިޔާކޮށްލީ ފުޅާ ހިނިތުންވުމެކެވެ. "ގުޑް ނައިޓް..."
އަކިއަލް އާއިއެކު ހޭދަކުރެވުނު ވަގުތުކޮޅަށްފަހު، ލަޔާލްގެ އުފާވެރިކަން އިތުރުވެފައިވިއެވެ. އެ އުފާވެރިކަން ފިޒާލްއަށްވެސް ސިއްރެއް ނުވިއެވެ. ފިޒާލް ދިޔުމުން ލަޔާލް އުޅުނީ ގެއަށް ވަންނާށެވެ. ދޮރާށިން އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ.
"އަޅެ މަންމާ... ސިއްސައިގެންނޭ އެދިޔައީ…" ލަޔާލް ޝަކުވާކުރިއެވެ.
ގެއަށް ވަން އިރުވެސް ލަޔާލްގެ ހިތުގެ ހިނގުން ހަމައަކަށް ނޭޅެއެވެ. އޭނާ އެނބުރުނުއިރު ދާދި ކައިރީގައި ސަކީނާ ހިނިއައިސްފައި ހުރީ، މީހަކު ނުސިހޭނެ ގޮތަކަށް ނޫނެވެ. އެހާ ނިދި އައިސްފައި ހުއްޓާ ސަކީނާ ކުރި ކަމަކުން، ލަޔާލްގެ ނިދިވެސް ފިލައިގެން ދިޔައެވެ.
"ދަރިފުޅާ... އެއީ ސާމިޔާމެންގޭ ފިޒާލުތަ؟..." ލަޔާލް ދެއްކި ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ސަކީނާ ފެށީ ފިޒާލްގެ ވާހަކައެވެ.
"އާނ..." ލަޔާލްގެ މޫނުން މާ ބޮޑު އަސަރެއް ނުފެނެއެވެ.
ސަކީނާގެ ތުންފަތުގައި ދުވެލި ފުޅާ ހިނިތުންވުން ފެނި، ލަޔާލް ކަންބޮޑުވިއެވެ. ފިޒާލް ފެނި ގޯސްގޮތަކަށް ވިސްނީކަން އެނގުނެވެ.
"މަންމަ ތި ހީކުރާ ކަހަލަ އެއްވެސް ގުޅުމެއް އަހަރެމެން ދެމީހުންގެ ދޭތެރޭގަ ނެތް..." ލަޔާލް އަމިއްލަ ދިފާއުގައި ވާހަކަ ދެއްކިއެވެ.
"މަންމަ ނާހަމެއްނު..." ސަކީނާގެ ތުންފަތުން އޭރުވެސް ހިނިތުންވުން ފިލައިގެން ނުދެއެވެ. "ދަރިފުޅުގެ ކޮންމެ ކަމަކަށް މަންމަ ސުވާލު ކުރާކަށް ނުޖެހޭނެ... ދަރިފުޅުގެ މޫނުންވެސް މަންމައަށް ޖަވާބު ލިބޭ..."
"އެކަމަކުވެސް މަންމަ ތި ހީކުރާ ކަހަލަ އެއްވެސް ގުޅުމެއް ނެތް..." ލަޔާލް ދޫކޮށްލީ ފުން ނޭވާއެކެވެ.
"ކައިގެންތަ ދަރިފުޅު ތިއައީ؟..." ސަކީނާ މައުޟޫއު ބަދަލުކޮށްލިއެވެ.
"ކައިފިން... މަންމާ!..." ވާހަކައެއް ބުނަން ބޭނުންވާ ފަދައިން ލަޔާލް އޭނާގެ މަންމައަށް ގޮވާލިއެވެ.
ލަޔާލް ދުވަހަކުވެސް ސަކީނާއަށް ކަމެއް ސިއްރެއް ނުކުރެއެވެ. އޭނާގެ ހަޔާތުގެ މުހިއްމު ކަންކަން ނިންމަނީ ސަކީނާއާއި ހިއްސާކުރުމަށް ފަހުގައެވެ. ނޫންނަމަ، އެހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އަކިއަލްގެ ވާހަކަ ބުނަން އުޅެފައިވެސް، ލަޔާލްގެ ހިޔާލު ބަދަލުވިއެވެ. ދަންވެފައި ހުރުމުން ރަގަޅު ވަގުތެއްގައި އެވާހަކަ ދައްކާލާނީއޭ ހިތަށް އެރިއެވެ.
"ދަރިފުޅު ވާހަކައެއް ބުނަންތަ ތިއުޅެނީ؟..." ލަޔާލްގެ ޖަވާބެއް ނައިސް ގިނައިރުވުމުން ސަކީނާ އަހައިލިއެވެ.
"ނޫން..." ލަޔާލް އަވަސް އަވަހަށް ބުންޏެވެ. "މަންމަ ދެން ދޭ ނިދަން... ވަރަށް ވަރުބަލިވެފަ މިހުރީ..."
ކޮޓަރި ދޮރާއި ހަމައިން ލަޔާލްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެތެރެއަށް ވަންނަން ޖެހިލުންވީ ކީއްވެ ކަމެއް އޭނާއަކަށް ނޭނގުނެވެ. ތަޅުގައި ހިފާލިގޮތަށް ދެފިކުރެއްގައި ލަޔާލް އިރުކޮޅަކު ހުއްޓެވެ.
ހުޅުވުނު ދޮރާއި އެއްވަރަށް ލަޔާލްގެ ދެލޯވެސް ބޮޑުވިއެވެ. އެއީ ލަޔާލްގެ ކޮޓަރިބާއޭ އޭނާގެ ހިތަށް އެރިއެވެ. ދޮރު ލައްޕާފައި އަލުން ހުޅުވިއިރުވެސް މަންޒަރު ބަދަލެއް ނުވިއެވެ. މުޅި ކޮޓަރީގެ ތަށިމުށިތަކުގެ މަތީގައި އުއްބައްތި ބަހައްޓާފައި ހުއްޓެވެ. ކޮޓަރީގައިވީ މަސްތުކުރުވާ ކަހަލަ އޮރެންޖު އަލިކަމެކެވެ. މާހައުލުގައި ހިފާލާފައިވަނީ ފިނިފެންމަލުގެ މީރު ވަހެވެ. އެނދުމަތީގައި އަޅާފައި އޮތް ހުދު ބެޑުޝީޓުގެ ފަޅުކަން ފިލުވާލުމަށް ބޭނުންކޮށްފައި ހުރީ، ރަތް ފިނިފެންމަލުގެ ފިޔައެވެ. ހީވަނީ އަލަތު ކައިވެންޏަކަށް ޒީނަތްތެރިކޮށްފައިވާ ކޮޓަރިއެއް ހެންނެވެ.
ލަޔާލް ހާސްވެފައި ފަހަތް ބަލައިލިއެވެ. އެމަންޒަރު އޭނާގެ މަންމައަށް ފެނިދާނެތީ ޖެހިލުންވީ ކީއްވެ ކަމެއް ލަޔާލަކަށް ނޭނގުނެވެ. ފަހަތުން މީހަކު ފެންނަން ނެތުމުން، ލަޔާލަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.
"މީ އަހަންނަށް ފެންނަ ހުވަފެނެއްތަ؟..." ލަޔާލް އޭނާގެ ދެލޯ އުނގުޅައިލިއެވެ.
އެފަދަ ކަމެއް ކުރާނީ ކާކުބާއޭ ލަޔާލްގެ ހިތަށް އެރިއެވެ. އެއީ ކީއްވެ އެމީހަކު ކުރި ކަމެއް ހެއްޔެވެ؟ ޔަގީނުންވެސް އޭނާގެ މައިންބަފައިން އެކަހަލަ ކަމެއް ނުކުރާނެއެވެ. ވީއިރު، އޭނާގެ ކޮޓަރިއަށް އެމީހަކު ވަނީ ކިހިނެއް ހެއްޔެވެ؟
ލަޔާލް ހަލުވިކަމާއިއެކު، ދޮރުން އެތެރެއަށް ދެމިގަތެވެ. ދޮރު ތަޅުލިއިރު، އޭނާގެ ހިތުގެ ހިނގުން އަވަސްވެލައިފިއެވެ. ލަޔާލަށް ކުރެވުނީ އަލަތު ކައިވެންޏެއް ކޮށްގެން އާދެވުނު ކަމުގެ އިހުސާސެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ކޮޓަރި ހީވަނީ، އަލަތު ކައިވެނީގެ ރެއަށް ތައްޔާރުކުރެވިފައިވާ ހެންނެވެ.
ލަޔާލް މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ. އޭނާ އަޅަމަންދިޔަ ކޮންމެ ފިޔަވަޅަކާއިއެކު، ދެފަރާތުގައި ހުރި އުއްބައްތިތައް ނިވެމުން ދިޔައެވެ. އެއީ ކިތަންމެ އަޖައިބުކުރުވާނެ މަންޒަރަކަށް ވިޔަސް، ލަޔާލަށް އެކަމުން ކުރެވުނީ، އުފާވެރި އިހުސާސެކެވެ. ލަޔާލް ހުއްޓުނީ އެނދާއި ހަމައިންނެވެ. އޭރު ކޮޓަރީގައި ވީ، ނިދާބޮކީގެ ފަނޑު އަލިކަމެވެ.
"މީ ހުވަފެނަކަށްވިޔަސް، އަހަންނަށް ހީވާ ގޮތަކަށް ވިޔަސް، އަހަރެން އެބަ ވަރަށް އުފާވޭ...." ލަޔާލް އެނދުމައްޗަށް ވެއްޓިގަތެވެ.
ދެއަތުން އެނދުމަތީގައި އޮތް ފިނިފެންމަލުގެ ފިޔަތައް ނަގައި މައްޗަށް އުކަން ފެށިއެވެ. އެ ފިޔަތައް އައިސް މޫނުގައި ބީހިލުމުން، އެ ލިބޭ އަރާމަކުން، އޭނާއަށް ދެލޯ މަރާލެވުނެވެ. ލަޔާލަށް ލިބިފައިވީ އާދަޔާ ހިލާފު އުފާވެރިކަމެކެވެ. އެ ހުރިހާ އުފާވެރިކަމެއް ގުޅިފައިވީ އެންމެ މީހަކަށެވެ. އެއީ އަކިއަލްއެވެ. ތުނޑިމަތީގެ ހިތްގައިމު މާހައުލުގައި އަކިއަލް އާއިއެކު ހޭދަކުރެވުނު ފޮނިފޮނި ވަގުތުކޮޅަކީ ލަޔާލްގެ ހިތުން ދުވަހަކުވެސް ފޮހެވިގެން ދާނޭ ހަނދާނެއް ނޫނެވެ.
ނިދެމުންދިޔަ ވަގުތު ކައިރީގައި އިށީންކަމުގެ އިހުސާސް ލަޔާލަށް ކުރެވުނެވެ. އޭނާ ލޯ ހުޅުވައިލިއިރު، ކޮޓަރި އޮތީ އަނދިރިކޮށެވެ. ކަޅު ހިޔަންޏެއްހެން އިން މީހަކު އޭނާގެ މަގަތުގައި އިށީނދެލައިގެން އިނެވެ. ލަޔާލް ފުންމައިގެން ތެދުވެ ހަޅޭއްލަވައިގަންނަން އުޅުނެވެ. އަނގަ ހުޅުވާލި ނަމަވެސް އޭނާގެ އަޑު ބޭރުވާ ގޮތެއް ނުވިއެވެ. ދުއްވައިގަންނަން ދެފައި ހަރަކާތެއް ނުކުރިއެވެ. ލަޔާލް ގުޑިލަންވެސް ނުކެރިފައި އިންދާ، އެމީހަކު އޭނާ އާއި ގާތްވާން ފެށިއެވެ.
********
ނިދަން އުޅެއުޅެ ސަކީނާއަށް ނިދޭގޮތެއް ނުވިއެވެ. ދެފަރާތަށް ފުރޮޅިފުރޮޅި ވަރުބަލިވެގެން އޭނާ ތެދުވިއިރު، ބާރީ އޮތީ ފޯނުން ހަބަރު ކިޔާށެވެ.
"ތަނަކަށް ތަދުވަނީތަ؟..." ބާރީ އަހައިލިއެވެ.
"ސާމިޔާމެންގޭ ފިޒާލު އެއީ ކޮންކަހަލަ ސޮރެއްތަ؟..." ބާރީ ކުރި ސުވާލަށް ޖަވާބު ދިނުމެއްނެތި ސަކީނާ އަހައިލިއެވެ.
"ކައުންސިލްގަ އުޅޭ ސޮރުތަ؟..." ސަކީނާ ކުއްލިއަކަށް ފެށި ވާހަކައަކުން ބާރީ އޮތީ ވާނުވާ ނޭނގިފައެވެ. އޭނާ ފޯނު ބާއްވާފައި ސަކީނާއަށް ސަމާލުކަން ދިނެވެ.
"ކައުންސިލްގަތަ އެސޮރު އުޅެނީ؟..." ސަކީނާގެ މޫނު އުޖާލާވިއެވެ.
"އާނ... ދެން އެގޭގަ ހުންނަ އަނެއް ސޮރު އުޅެނީ މާލޭގަ ކަންނޭނގެ..." ބާރީ ތަފުސީލު ދިނެވެ.
"ބާރީ ބޭނުމެއް ނުވޭތަ އެސޮރު މިގެއަށް ގެންނާކަށް؟..." ސަކީނާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. "މިރޭ އެސޮރު ސައިކަލުގައޭ އަހަރެމެންގެ ލަޔާލް ގެއަށް އައީ... އެއީ ދުވަހަކުވެސް ލަޔާލް ކުރި ކަމެއް ނޫން..."
"ސަކީ ތިބުނީ އެ ދެކުދިން..." ބާރީގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން ސަކީނާ ވާހަކަ ދައްކަން ފެށިއެވެ.
"އާނ... އެމަންޖެ އެއުޅެނީ އަހަރެމެން ކައިރީ ބުނަން ނުކެރިގެން... އަހަރެން މާދަމާ ސާމިޔާއާ ބައްދަލު ކުރާނަން..." ސަކީނާ ގޮތް ނިންމިއެވެ.
"އަދި އިހަށް މަޑުކުރަންވީނު... ތިކަން އަދި ޔަގީން ނުވަނީސް އަހަރެމެން ތިކަމާ އުޅުމަކީ އެހާ ރަނގަޅު ގޮތެއް ނޫން..." ބާރީ އޭނާއަށް ފެންނަ ގޮތް ހާމަކުރިއެވެ.
"ނޫނޭ... އެ އުބޭދު އަބަދު އެ ހުންނަނީ ލަޔާލަށް ކަޅިއަޅަން... އަންހެން ކުއްޖަކަށް އެއްވެސް ވަރަކަށް ރައްކާތެރި ކަމެއް ނޫން އެއީ... ދެން އެންމެ ރަނގަޅުވާނީ ލަޔާލްގެ ކައިވެނި އަވަސްކުރިއްޔާ..." ސަކީނާ ބުންޏެވެ.
"އަހަރެންވެސް ތިކަމާ ވިސްނައިފިން... ސަކީނާ ތިބުނީ ރަނގަޅު ވާހަކައެއް... ތީ އަހަންނަށްވެސް ވިސްނޭ އެންމެ ރަނގަޅު ގޮތަކީ... އުބޭދަކީ އެހާ ފަސޭހައިން މީހުންގެ ފަހަތުން ނެއްޓޭނެ މީހެއްވެސް ނޫން... ކުރިން މަސައްކަތްކުރި ތަނުން ކަނޑާލީވެސް އެކަހަލަ މައްސަލައެއްގަ..." ބާރީ ސަކީނާގެ ވާހަކައަށް ތާއީދު ކުރިއެވެ. "އެކަމަކު، އެއީ ލަޔާލްގެ ދިރިއުޅުން... އެމަންޖެގެ ބަހެއް ހޯދާފަ މިކަން ނިންމަން ވާނީ..."
********
ކޮޓަރި ތެރެއަށް ވެރިވީ ފަނޑު އަލިކަމެކެވެ. ނިދާބޮކި ދެފަހަރަކު ފިޔަޖަހާލާފައި ދިއްލުނެވެ. ކުރިއަށްވުރެ އޭގެ އަލި ގަދަވިހެން ލަޔާލަށް ހީވިއެވެ. ދާދި ކައިރިން އަކިއަލްގެ މޫނު ފެނުމުން، ލަޔާލް ދިޔައީ ސިއްސައިގެންނެވެ.
"ސިއްސައިގެންނޭ އެދިޔައީ... އަހަރެން ހީކުރީ..." ލަޔާލް އަކިއަލްގެ މޭގައި އަތް އަޅައި ދުރުކުރިއެވެ. ކަންތައް ވީގޮތުން އޭރުވެސް ލަޔާލްގެ ހިތުގެ ހިނގުން ހަމައަކަށް ނޭޅެއެވެ.
"އަހަރެން ބުނީމެއްނު މިރެއިން ފެށިގެން ތީ އަހަރެންގެ އަނބިމީހާއޭ..." އަކިއަލް ވަރަށް ލޯބިން ލަޔާލްގެ ކޯތާފަތުގައި ފިރުމައިލިއެވެ. "ސޮރީ ބިރުގަންނުވާލެވުނީމަ..."
އަކިއަލް ފެނުމުން، ލަޔާލްގެ ހުރިހާ ނުތަނަވަސްކަމަކާއި ވަރުބަލިކަމެއް ފިލައިގެން ދިޔައެވެ. ލިބުނު އުފަލުގައި އޭނާއަށް އަކިއަލްގެ ގައިގައި ބާރަށް ބައްދާލެވުނެވެ.
"ދެން ތިކަހަލަ ކަންތައް ނުކުރައްޗޭ... ހާދަ ބިރެއްގަތޭ... ވާހަކަވެސް ނުދެއްކުނު..." އަކިއަލްގެ މޭގައި މަޑުމަޑުން ޖަހާލަމުން ލަޔާލް ސަކުވާ ކުރިއެވެ.
އަކިއަލް މަޑުމަޑުން ހީލިއެވެ. އެ ހިނިތުންވުމުން ލަޔާލްގެ ހިތަށް ހަމަޖެހުން ލިބުނެވެ.
"މިހުރިހާ ކަމެއް ކުރީ އަކިއަލްތަ؟..." ލަޔާލް އަހައިލިއެވެ.
ރައްދުގައި އެއްވެސް އެއްޗެއް ބުނުމެއް ނެތި އަކިއަލް ލަޔާލް ދުރުކޮށްލިއެވެ. އޭނާ ލަޔާލްގެ މޫނާއި ދިމާއަށް ގުދުވެލިއެވެ. ފަހަތަށް ޖެހިލުމުން ލަޔާލް ގޮސް ލައްވީ އެނދުގެ ހެޑްބޯޑުގައެވެ. އަކިއަލްގެ ތޫނު ނަޒަރު އަމާޒުވެފައިވާ ތަން ފެނި ލަޔާލް ލަދުގަތެވެ. ބާލީހަކުން މޫނު ފޮރުވައިލިއެވެ. އަކިއަލް ބާލީހުގައި ހިފުމުން، ކުޑަކޮށް ގަދަ ދައްކާލާފައި ލަޔާލް ބާލީހުން ދޫކޮށްލިއެވެ.
********
ސިއްސައިގެން ގޮސްފައި ލަޔާލަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކިޖަހާ އަޑަށެވެ.
"ހޭލެވިއްޖެއޭ މަންމާ..." އާފުރެމުން ލަޔާލް ތެދުވިއެވެ.
"އަވަސްކޮށްލައިގެން އާދޭ..." ލަޔާލަށް އިވޭ ވަރަށް ސަކީނާ ބުންޏެވެ.
ލަޔާލް ހިނގައިގަތީ ފާހާނާ އާއި ދިމާއަށެވެ. ހަމަ އެވަގުތު އޭނާގެ ފިޔަވަޅުތައް ހުއްޓުނީ ރޭގެ ހާދިސާ ހަނދާންވުމުންނެވެ.
"އަކިއަލް..." ލަޔާލަށް އަކިއަލް ކޮބައިތޯ ހޯދާލެވުނެވެ.
އަކިއަލް ކީއްކުރަން، ރޭގައި ލަޔާލަށް ފެނުނު އެއްވެސް މަންޒަރެއް ކޮޓަރިން ފެންނާކަށް ނެތެވެ. ފިނިފެންމަލުގެ ފިޔައެއްގެ އަސަރު ވެސް މެއެވެ. ލަޔާލް ހައިރާންވީ އޭނާ އޭރުވެސް ލައިގެން ހުރީ، ރޭގައި ލައިގެން ހުރި ބޮޑު ހެދުން ކަމުގައި ވާތީއެވެ. ލަޔާލަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. ރޭގެ ހާދިސާއަކީ ލަޔާލަށް ފެނުނު ހުވަފެނެއްކަމަށް އޭނާ ނިންމިއެވެ.
********
"ދަރިފުޅާ... މިއަދު ބަންދު ދުވަހެއްނު... ދޭބަލަ ބަގީޗާ ގަސްތައް ރީތި ވަރަކަށް ކޮށާލަން..." ސަކީނާގެ އަތުގައި އޮތް ގަސްކޮށާ ކަތުރު ލަޔާލަށް ދިއްކޮށްލިއެވެ. "މާ އަޅާފަ ހުރި ބައި ނުކޮށައްޗޭ..."
ގަސްތައް ކޮށަން ހުރިއިރު ލަޔާލްގެ ވިސްނުން ވަނީ އެހެން ދިމާއެއްގައެވެ. ރޭގެ ހުވަފެން ކުރިމަތިން ސިފަވާހެން އޭނާއަށް ހީވަނީއެވެ. އެކަމަކު އެއީ އަސްލެއްކަން ހާމަވާނެ އެއްވެސް ހެއްކެއް ނެތެވެ. ސިކުނޑީގެ ހައިޖާނުގަނޑު ބޮޑުވުމުން، ލަޔާލަށް ޖޯއްޔަށް ވެއްޓިގަނެވުނެވެ. ބޯގަންވިލާ ގަސްތަކުގައި އަޅާފައިވާ މާތަކަށް ބަލަން އޭނާ އޮތެވެ. ބައެއް މާތައް ތާޒާކަންމަތީގައިވާއިރު، އަނެއްބައި މާތައް ވަނީ މިލާ މޯޅިވެފައެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ، ގުދުރަތުގެ ފުރިހަމަ މަންޒަރުތަކެވެ.
"ލަޔާ..." ލަޔާލްއަށް ހަމަހޭވެރިކަންވީ އޭނާގެ ނަމުން މީހަކު ދެތިން ފަހަރު ގޮވާލުމުންނެވެ.
ދޮރާށި ކައިރީގައި ހިނިތުންވެލައިގެން ފިޒާލް ހުއްޓެވެ.
"ކަމަކުތަ؟..." ލަޔާލް ހީކުރީ އޮފީހުގެ ބޮޑުކަމެއް ދިމާވީ ކަމަށެވެ. "ފޯނު ނުލާ މި އުޅެވުނީ..."
"އަހަނ... އެކޮއެ... ކޮބާ ވަދޭ ވަދޭ... އިށީއިނދޭ..." ސަކީނާ ގޭތެރެއިން ނުކުތީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ. ޖޯލިފައްޗަށް އިޝާރާތްކުރަމުން ފިޒާލްގެ ކައިރީގައި އިށީނުމަށް އޭނާ އެދުނެވެ.
ލަޔާލް ޖޯލިން ތެދުވަން އުޅުމުން، ސަކީނާ ލަޔާލްގެ ކޮނޑުގައި ހިފައި ތެދުވިޔަނުދީ ހިފަހައްޓާލިއެވެ. ފިޒާލް އެތެރެއަށް ވަދެގެން ގޮސް ލަޔާލްގެ ކުރިމަތީގައި ހުރި ޖޯލިފަތީގައި އިށީނެވެ.
"ކޮބާ މަންމަގެ ހާލު ރަގަޅުތަ؟..." ސަކީނާ އިސްވެ، ވާހަކަ ދެއްކިއެވެ.
"ވަރަށް ރަގަޅު..." ސަކީނާގެ ގާތްކަމުން ފިޒާލަށް ލިބުނީ އާދަޔާ ހިލާފު އުފާވެރިކަމެކެވެ.
(ނުނިމޭ)