އޭއެފްސީ ކަޕުގައި ލުބުނާނުގެ އަލް އަހުދު އަތުން 1-0 އިން ބަލިވެ، މުބާރާތުން ވީބީ ކަޓައިފި އެވެ.

ރަށުން ބޭރުގައި މި ދެ ޓީމު ކުޅުނު މެޗު 5-3 އިން ގެއްލިފައިވީ އިރު މުބާރާތުން ވީބީ ކެޓީ ބާކީ އެއް މެޗު އޮއްވައި އެންމެ ޕޮއިންޓަކާ އެކު އެވެ.

މުބާރާތުން ކެޓި ނަމަވެސް ވީބީގެ ކޯޗު ޖޭން ވަންލީ ބުނީ އޭނާގެ ކުޅުންތެރިން ރަނގަޅަށް ކުޅުނު ކަމަށާއި މެޗުގެ 11 ވަނަ މިނިޓްގައި އޭނާގެ ޓީމު ކޮޅަށް ގޯލެއް ވަނީ ކުޅުންތެރިންނަށް ރަނގަޅަށް ތައްޔާރުނުވެވި ތިއްބައި ކަމަށެވެ.
ލުބުނާނު ޓީމުން ވެސް ވަނީ ވީބީގެ ކުޅުން މޮޅުކަމަށް އެއްބަސްވެފަ އެވެ. ހާއްސަކޮށް ވިބީގެ ފޯވަޑުންގެ ހަލުވިކަން ފާހަގަ ކުރި އެވެ.

ރާއްޖެއިން މުބާރާތުގައި ވާދަ ކުރާ ހަމައެކަނި ޓީމު ވީބީ މިހާތަނަށް ފަސް މެޗު ކުޅުނުއިރު ވަނީ ޓޭބަލުގެ ފުލުގަ އެވެ. ގްރޫޕް ސީގެ އެއް ވަނާގައި ވަނީ ސައޫދީ އަރަބިއާގެ އަލް އިއްތިފާގެވެ. އެ ޓީމަށް 11 ޕޮައިންޓް ލިބިފައިވާއިރު ކުވޭތު އެފްސީ އަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ލުބުނާން ޓީމަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
ގްރޫޕުގެ ފަހު މެޗުގައި އަންނަ މަހުގެ އަށް ވަނަ ދުވަހު ވީބީ ކުޅޭނީ ކުވޭތު އެފްސީއާ އެވެ. މި ދެ ޓީމު މާލޭގައި ކުޅެގެން ވަނީ 2-2 އިން އެއްވަރުވެފަ އެވެ.