03 May 2023, 20:16
ރާއްޖޭގެ އީއީޒެޑް ކަނޑައެޅުމުގައި ޗާގޯސްއާ ހިސާބުން މޮރިޝަސްއާ ރާއްޖެއާ ދެމެދު އޮތް ދެބަސްވުންތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެ މަނިކުފާނުގެ ވިސްނުންފުޅު ގެންގުޅުއްވީ ދެ ގައުމުން އެއްބަސްވާ ހަމައަކުން ބޯޑަރު ބަހައިލުމަށް ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވެއްޖެއެެވެ.
ކުރީގެ ބަންޑާރަ ނައިބުންނާއިި ސަރުކާރުގެ ނިންމުމާ ދެކޮޅު ސިޔާސީ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ އެ މަނިކުފާނު ވިސްނެވީ ބައިލެޓަރަލް އެގްރިމަންޓަކުން ބޯޑަރު ކަނޑައެޅުމަށް ކަމަށެވެ. އަދި ފުށު އަރައި ސަރަހައްދުގެ ވަހަކަ ނުދައްކައި، މޮރިޝަސް އެކަމަށް އެއްބަސްވުމުން ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައިގައި މޮރިޝަސްއަށް ދޫ ދިނުމަށްކަމަށެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު ދޫކޮށްނުލިނަމަ އިކުއިޑިސްޓެންޓުކޮށް ބަހަން ނުޖެހުނީސްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ ކުރިން ނަޝީދު މި މައްސަލައިގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށެވެ. އެއާއެކު، އެންމެ ފައިދާހުރި ގޮތަކީ އިޓްލޮސްގެ ނިންމުން ބަލައިނުގަތުން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިހާރު މިހެން ވިދާޅުވި ނަމަވެސް، ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ރާއްޖެއިން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ވަކާލާތެއް ނުކުރެއެވެ.
ޗާގޯސްގެ އީއީޒެޑްގެ މައްސަލަ މޮރިޝަސްއިން އިޓްލޮސްއިން ހުށަހެޅުމުން އެ ޓްރައިބިއުނަލުން ނިންމީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ފުށުއަރާ ބައި އިކުއިޑިސްޓެންޓު އުސޫލުން ބަހާލައިށެވެ. ބަހާލިއިރު ރާއްޖެއަށް ނިސްބަތުން ބޮޑު ސަރަހައްދެއް ލިބުނީ ޗާގޯސްގެ އައްސޭރިފަށް ބަލާ ސަރަހައްދުތައް ރާއްޖޭން ވަކާލާތުކުރި ގޮތަށް ކަނޑައެޅިގެން ދިޔުމުންނެވެ.