03 May 2023, 22:46
ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕުޓިން އަވަހާރަކޮށްލަށް ޔުކްރޭނުން މަސައްކަތް ކުރާކަމަށް ރަޝިޔާއިން ތުހުމަތުކޮށްފިއެވެ.
ރަޝިޔާއިން ބުނީ އެ ގައުމުގެ ރައީސް ޕުޓިން އަވަހާރަކޮށްލުމަށް އަމާޒުކޮށް ރޭ މޮސްކޯ މަތިން ދިޔަ ދެ ޑްރޯންއެއް ވައްޓާލި ކަމަށެވެ. އަދި އެ ގައުމުން ޔުކްރޭންގެ މައްޗަށް ވަނީ މި ތުހުމަތުތައް ކޮށްފައެވެ.
އެހެންނަމަވެސް ޔުކްރޭނުން ބުނީ ޑްރޯން ހަމަލާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.
ރަޝިޔާ ރައީސް ޕުޓިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް އެ ގައުމުގެ ދައުލަތުގެ ނޫސް އެޖެންސީއަށް ބުނީ އެ ޑްރޯން ހަމަލާގައި އިމާރާތްތަކަށް މާއްދީ ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.އަދި މި ހަމަލާގައި އެއްވެސް މީހަކަށް ވެސް ގެއްލުމެއް ވެފައެއް ނުވެއެވެ. އަދި އެ ދަނޑިވަޅަކީ ޕުޓިން މޮސްކޯގައި ނެތް ވަގުތެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ މޮސްކޯއިން ބޭރުގައި އޮންނަ ސިޓީއެއް ކަމަށްވާ ނޮވޯ އޮގަރިއޯވޯގައެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޫޓޭޖްތަކުން ފެންނަ ގޮތުގައި ގޮވުމުގެ ކުރިން މޮސްކޯގެ މަތިން ދުންއަރަމުން ދިޔަ އެއްޗެއް އުދުހެމުން ދިޔައެވެ.
ރަޝިޔާ ސަރުކާރުން ބުނީ މި ހަމަލާއަކީ ރޭވިގެން ހިންގާ ޓެރަރިސްޓް އަމަލެއް ކަމަށެވެ. އަދި ބަދަލުހިފުމުގެ ހައްގު ލިބިގެންވާކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
މި ހަމަލާއާ ގުޅިގެން ރަޝިޔާ ސަރުކާރުން ބުނީ މިކަން ހިނގާފައި މިވަނީ މިމަހުގެ 9ވަނަ ދުވަހު ފާހަގަކުރާ ރަޝިޔާގެ ނަސްރުގެ ދުވަހުގެ ޕެރޭޑާ ދިމާކޮށް ކަމަށެވެ. ބޭރުގެ އެހެނިހެން އިއްޒަތްތެރިން ބައިވެރިވާ މި ޕެރޭޑު ރޭވިފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށް ވެސް އެ ސަރުކާރުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން މޮސްކޯގެ މޭޔަރު މިއަދު ވަނީ އެ ސިޓީގެ މަތިން ހުއްދަ ނެތި ޑްރޯން ދަތުރުތައް ކުރުން މަނާކޮށް އިއުލާންކޮށްފައެވެ. އަދި ޑްރޯން ދަތުރުތަކަށް ސަރުކާރުގެ ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.