03 May 2023, 17:43
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް މިދިޔަ ހޯމަ ދުވަހު ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ވީ އެންމެ އަވަހަކަަށް އިންސާފު ހޯދައިދިނުމަށް އެމްޑީޕީން ގޮވައިލައިފިއެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ، ޒަރީރަށް ދިން ހަމަލާ ފުލުހުންގެ ޚިދުމަތުން ތަހުގީގުކޮށް އެ ކަމުގައި ހިމެނޭ އެންމެން ވީއެންމެ އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނެސްދިނުމަށް ގޮވައިލައިކަމަށެވެ. އަދި ގާނޫނުގައި ބަޔާންކުރާ ގޮތަށް މަޖިލީހުންގެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތީ ބާރުތަކުން މެމްބަރު ޒަރީރަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ވެސް އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހަށް އިލްތިމާސްކޮށްފައެވެ.
ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް މެންބަރު ޒަރީރަށް, ފަސް މީހުންގެ ގްރޫޕަކުން ހަމަލާ ދީ ވަނީ އޭނާގެ ބޯ ފަޅާލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަރީރުގެ ބޯފަޅާލީ މަރުތޭލަކުން ޖަހައިގެންނެވެ.
މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ބުންޏެވެ. ފުލުހުން އަންނަނީ އަދިވެސް މި މައްސަލަ ތަހުގީގުކުރަމުންނެވެ.