03 May 2023, 15:00
މާލޭ ސިޓީ ކައުންސިލުން 50،000 ގެއަށް ތިމާވެއްޓާއި ރަައްޓެހި ކޮތަޅު ހިލޭ ބަހަން މިއަދު ނިންމައިފިއެވެ.
އެގޮތަށް ނިންމީ މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 100 ވަނަ ޖަލްސާގައެވެ.
ޕްލާސްޓިކް މަދުކުރުމަށްޓަކައި، ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅަށް ނަގާ ފީގެ ގޮތުގައި، ދެ ރުފިޔާގެ ފީއެއް ނަގަން ސަރުކާރުން ވަނީ ފަށާފައެވެ. އޭގެ ފަހުން އާއްމުން ވަނީ ގިނަ ޝަކުވާތަކެއް ކޮށްފައެވެ.
މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި ވަނީ މާލެ އާއި ވިލިމާލޭ އަދި ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން 50،000 ގެއަށް ހިލޭ ކޮތަޅު ބަހަން ނިންމާފައެވެ.
އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިކަމަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓެއް ޚަރަދުވާނެ ކަމަށެވެ.
"ތިމާވެއްޓާ ރައްޓެހި މެޓީރިއަލް ބޭނުންކޮށްގެން ހަދާ ރީ ޔޫސަބަލް ކޮތަޅު އަޅުގަނޑުމެން ބަހާނީ،" އޭނާ ވިދާޅުވިއެވެ.
ކައުންސިލް ބައްދަލުވުމުގައި ނިންމީ ކޮންމެ ގެއަަކަށް 25 ކޮތަޅުގެ ޕެކެއް ބަހާށެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، މި ކޮތަޅު ކައުންސިލުގެ މުވައްޒަފުން ގޭގެއަށް ޑެލިވަރީ ކޮށްދޭ ގޮތަަކަށް އެ ޚިދުމަތް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. މިކަމަކީ އާއްމުންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް އެ ކައުންސިލަށް އެޅެނޭ މުހިއްމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ މާލޭ ސަރަހައްދުގެ 50،000 ގެއަށް ކޮތަޅު ހިލޭ ބަހަން ނިންމާފައެވެ.
ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ސަރުކާރުން ފެށި ފަހުން، ވެމްކޯއިން ވެސް ވަނީ ބިން ލައިނާ ވިއްކަން ފަށާފައެވެ. އެކަމަށް ފާޑު ވިދާޅުވެ، މިއަދުގެ ޖަލްސާގައި ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ސަރުކާރުން އުޅެނީ އެކި ގޮތް ގޮތަށް ރައްޔިތުންގެ ޖީބުން ފައިސާ ހޯދަން ކަމަށެވެ.
ސިޓީ ކައުންސިލުން ހިލޭ ބަހަން ނިންމާފައިވާ، އެ ކޮތަޅު ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ކަމަށް މިއަދުގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ފާހަގަކުރެވިއެވެ.