މޮސްކޯ (3 މެއި 2023): ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ކުރަމުންގެންދާ ހަނގުރާމައިގާ ރަޝިއާ ސިފައިން އެންމެ ބޮޑަށް ބޭނުންކުރާ ހަތިޔާރުކަމަށްވާ އެކި ބާވަތުގެ ރޮކެޓާއި މިސައިލް, އުފައްދާ މިންވަރު މިހާރަށްވުރެ އިތުރުކުރުމަށް ރަޝިއާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ އެ ގައުމުގެ ސަރުކާރުގެ އެންމެ ބޮޑު ހަތިޔާރު ކުންފުނި ކަމަށްވާ ޓެކްޓިކަލް މިސައިލް ކޯޕަރޭޝަން (ކޭޓީއާރުވީ)އަށް އަންގަވައިފިއެވެ.

ޝޮއިގޫ ވިދާޅުވި ގޮތުގައި ރަޝިއާ ސިފައިން އެންމެ ގިނައިން ބޭނުން ކުރަންޖެހޭ ހަތިޔާރަކީ އެކިރޭންޖްތަކުގެ މިސައިލާއި ރޮކެޓްއެވެ. އެ ތަކެތި ގިނައިން އުފެއްދުމަކީ ރަޝިއާގެ އަސްކަރީ ސިނާއަތުގައި މިހާރު އެންމެ އިސްކަންދޭންޖެހޭ ކަމެވެ. ރަޝިއާގެ އެންމެ ބޮޑު ހަތިޔާރު ކުންފުނި ކަމަށްވާ ޓެކްޓިކަލް މިސައިލް ކޯޕަރޭޝަން (ކޭޓީއާރުވީ) އަކީ އެ ގައުމުގެ ސަރުކާރުގެ ހޯލްޑިންގް ކުންފުންޏެކެވެ. ހުރިހާ ބާވަތެއްގެ ހަތިޔާރު އުފައްދާ އެ ކުންފުނިން އެންމެ ގިނައިން އުފައްދަނީ އެކި ބާވަތުގެ ރޮކެޓާއި މިސައިލެވެ.

ޝޮއިގޫ ވިދާޅުވީ "ކޭޓީއާރުވީ"އިން މިހާރު ވެސް ވަރަށް ފުލްކެޕޭސިޓީގައި މިސައިލާއި ރޮކެޓް ބޭނުންވާ ވަގުތަށް އުފައްދާ ކަމަށެވެ. ނަމަވެސް ހަނގުރާމަ ދިގުލައިގެން ދާތީ އިތުރު މިސައިލާއި ރޮކެޓް ބޭނުންވާތީ މިސައިލް އުފައްދާ މިންވަރު އިތުުރުކުރުމަށް އޭނާ މިހާރު ވާނީ "ކޭޓީއާރުވީ"އަށް އަންގާފައެވެ.

ރަޝިއާގެ ކާރުޚާނާއެއްގައި އިންޖިނޭރުން މިސައިލްތަކެއް ރާވަނީ

ޔުކްރެއިން ހަނގުރާމައިގާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޔުކްރެއިނަށް ހުރިހާ ބާވަތެއްގެ ހަތިޔާރު އޮއްސަމުން ދާއިރު ރަޝިއާ ހަތިޔާރު އުފައްދަނީ އެ ގައުމު އަމިއްލައަށެވެ. ނަމަވެސް އީރާނުން ރަޝިއާއަށް ގިނަ އަދަދަކަށް ޑްރޯންއާއި މިސައިލާއި ރޮކެޓް ފޯރުކޮށްދޭ ކަމަށްވެއެވެ. އަދި، އުތުރުކޮރެއާއިން ވެސް ރަޝިއާއަށް ކޮންމެ ވެސް ވަރަކަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ހުޅަނގުން ބުނެއެވެ.

ރަޝިއާއަކީ އެއް ގައުމަކަށް ބަލާއިރު ދުނިޔޭގައި ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އެންމެ ބޮޑު ގައުމެވެ. ހަތިޔާރުގެ އިންޑަސްޓްރީ އެންމެ ބޮޑު ގައުމެވެ. ރަޝިގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާ ދާދި އެއްވަރަކަށް ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ހުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުކްރެއިން ހަނގުރާމައަށް ބޭނުންވާ ވަރަށް ބައެއް ހަތިޔާރު ރަޝިއާއަށް ވެސް ނުއުފެއްދެދޭއިރު ޔުކްރެއިނަށް ފުރިހަމައަށް ބޭނުންވާ ވަރަށް ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ހުޅަނގުގެ ގައުމުތަކުގައި ވެސް ނެތްކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިޔާއަށް ހަތިޔާރުގެ ދަތިކަން ފޯރާފައިވާކަމަށް ހުޅަނގުން ބުނި ނަމަވެސް ރަޝިއާ އެކަން ދޮގުކުރެއެވެ.

ޔޫކްރޭނުން ވަނީ ބޮޑު ބަޑީގެ ވަޒަން ހުސްވަމުންދާ ކަމަށް ބުނެ އެތަކެތި ފޯރުކޮށްދިނުމަށް ނޭޓޯގެ ގައުމުތަކަށް ގޮވާލައިފައެވެ. ރަޝިއާ ދޭތެރެއަކުން ޔުކްރެއިންގެ އެކި ސަރަހައްދުތަކަށް ގިނަ އަދަދަކަށް މިސައިލް ހަމަލާތައް ދެމުން ގެންދިޔުމަކީ އެ ގައުމަށް މިސައިލް ބޭނުންވާ މައިގަނޑު ސަބަބެވެ. ޔުކްރެއިންގެ ބޮޑުބައި ހަލާކުވެފައިވަނީ ވެސް ރަޝިއާގެ މިސައިލް ހަމަލާތަކުގެ ސަބަބުންނެވެ. ރަޝިއާ ޔުކްރެއިނަށް ދޭ ހަމަލާތަކުގައި އީރާނުގެ ޑްރޯން ގިނަ އަދަދަކަށް ބޭނުންކުރާ ކަމަށް ޔުކްރެއިނުން ތުހުމަތު ކުރެއެވެ.

ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު އެންމެ ބޮޑަށް ހަނގުރާމަ ހިނގަމުންދަނީ ބަޚްމުތު ސިޓީގައެވެ. އެއީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ޑޮނިޔެސްކްއަށް ނިސްބަތްވާ ބިންގަރާސް ރަށެކެވެ. އެ ރަށް ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ބިންގަރާސް ރަށެއްގެ ގޮތުގައި ހަދާފައިވަނީ ނިއުކްލިޔާ ހަމަލާތަކާއި ކެމިކަލް އަދި ބައިލޮޖިކަލް ހަމަލާތަކުން ސަލާމަތްވުމަށް ވަންނަ ރައްކާތެރި ތަނެއްގެ ގޮތުގައެވެ. އެހެންކަމުން އެ ސިޓީ ހިފުންވަނީ ރަޝިއާއަށް ވެސް ވަރަށް ދަތި ކަމަކަށް ވެފައެވެ.