ހައްޖަށް މީހުން ގެންދަން މި އަހަރު ހުއްދަ ދީފައިވާ ޖަމާއަތްތަކުން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ އަގަށް ވުރެ ބޮޑެތި އަގުތައް ނަގާ މައްސަލަ އެ މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދަން، ހައްޖު ކޯޕުރޭޝަނުގެ އިތުރުން، ތިން ކުންފުންޏަކަށް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ.

  • އަލްހަރަމައިން (75،465 ރުފިޔާ)

  • ސިސިލްފަރު (75،250 ރުފިޔާ)
  • އަލްމަނާސިކް (75،000 ރުފިޔާ)

ހައްޖަށް މީހުން ގެންދަން ހުއްދަ ދީފައިވާ ތިން ޖަމާއަތަށް ވެސް މިނިސްޓްރީން ހުއްދަދީފައިވަނީ 76،000އަށް ވުރެ ބޮޑު ނުވާ އަގެއްގައެވެ. އެއިން ކޮންމެ ޖަމާއަތަކަށް ދީފައިވަނީ 90 ކޯޓާއެވެ. ރާއްޖެއަށް ލިބުނު 1000 ކޯޓާގެ ބާކީ ދޫކުރީ ހައްޖު ކޯޕަރޭޝަނަށެވެ.

ނަމަވެސް ބައެއް ޖަމާއަތްތަކުން މިނިސްޓްރީން ހުއްދަ ދީފައިވާ އަގަށް ވުރެ އިތުރަށް ފައިސާ ނަގަމުންދާ މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފައެވެ. އެގޮތުން ދެގުނައަށް ބޮޑުކޮށް، މީހަކަށް 150،000 ރުފިޔާގެ ރޭޓަށް ފަހު ވަގުތު އަގުތައް އުފުލި ކަމުގެ ޝަކުވާތައް ފެންމަތިވެގެން ދިޔައެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަން އިސްމާއީލް އަފްރާހު ވިދާޅުވީ، މި އަހަރު ހައްޖަށް މީހުން ގެންދަން ހުއްދަ ދީފައިވާ ބައެއް ކުންފުނިތަކުން މިނިސްޓްރީގެ އުސޫލާ ޚިލާފަށް ކަނޑައަޅާފައިވާ އަގަށް ވުރެ އިތުރަށް ފައިސާ ނަގަމުން ދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި، އެކަން ބެލުމަށް ފަހު އުސޫލާ ޚިލާފަށް އަމަލު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖަމާއަތްތަކުން ބުނާ ގޮތުގައި ބޮޑު އަގު ނަގަން ޖެހެނީ ކޯޓާ ލިބޭނެކަން ކުރިން ޔަގީން ނުވާތީ އާއި، ފަހު ވަގުތު ހޮޓާތަކާއި ދަތުރުފަތުރުގެ ކަންކަން ހަމަޖައްސަން ޖެހުމުން އެ ކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީއެވެ. ނަމަވެސް ބިޑްތައް ބާތިލްކޮށް އަލުން ހުޅުވާލި އިރު، އަގުގެ ގޮތުގައި 75،000 ރުފިޔާއާއި 95،000 ރުފިޔާއާ ދެމެދުގެ އަގެއް ހުށަހެޅުނު ފުރުސަތު ވަނީ ދީފައެވެ. އެހެންވެ، ޚަރަދުތަކަށް ބަލައި އަގު ބޮޑު ކުރުމުގެ ފުރުސަތު ވެސް ޖަމާތްތަކަށް ވަނީ ލިބިފައެވެ.