އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމުގައި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރުއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"އެކްޝަން ޕްލޭން ޓު ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަން އޮފް މޯލްޑިވްސް" އިފްތިތާހް ކޮށްދެއްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ގައުމީ އިޖުތިމާއީ ރައްކާތެރިކަމުގެ އާ އޮނިގަނޑުގެ ތެރެއިން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށް އަލުން މުރާޖައާ ކުރުން ކަމަށެވެ.

އެ މަނިކުފާނު ވަނީ އިންޝުއަރެންސް ސްކީމްތަކާއި، އިޖުތިމާއީ އެހީތެރިކަމުގެ ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖޭގެ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ރެޖިސްޓްރީ ޕޯޓަލްއެއް ވަނީ ތައާރަފް ކޮށްފައި. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލާފައި ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާއި އެއްގޮތަށް. މިނޫންވެސް ބޮޑެތި ކުރިއެރުންތައް އަޅުގަނޑުމެން މި އަންނަނީ ހޯދަން މަސައްކަތް ކުރަމުން،ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް

"އެކްޝަން ޕްލޭން ޓު ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަން އޮފް މޯލްޑިވްސް" އިފްތިތާހްކުރުން / ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން ރާއްޖެއިން ޔުނިވާސަލް ކޭޝް ޓްރާންސްފާ ޚިދުމަތާއި، ތެރަޕިއުޓިކް އައިޓަމް އެލަވަންސް އަދި އެސިސްޓިވް ޓެކްނޮލޮޖީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހޯދައިދިނުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަމަހަމަ ގޮތެއްގައި އެންމެނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، އެކަނިވެރި މައިންނަށް ދެވޭ އެލަވަންސާއި، ޔުޓިލިޓީސް ބިލްތައް ދެއްކުމަށް ފޯރުންތެރިކަން ނެތް ޢާއިލާތަކަށް އިނާޔަތް ފޯރުކޮށްދިނުމާއި، ޕެންޝަން ސްކީމަށް ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވި ކަންތައްތަކެކެވެ.

އަދި، ހަމަ އެހެންމެ އެކްޝަން ޕްލޭން އޮން ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަންއަށް ރާއްޖެއިން ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށް އެމަނިކުފާނު ރީޖަނަލް އެކްޝަން ޕްލޭނަކީ، ސަރަޙައްދީ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމްތައް ހަރުދަނާކުރެވޭނެ ގޮތްތަކުގެ، އައު ވިސްނުންތަކުގެ މަޝްވަރާތަކާއި ސިޔާސަތުތައް ބައްޓަންކުރުމަށް މަގުފަހިކުރުވާ ޕްލެޓްފޯމެކެވެ.

ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.