ކ. ހުރާ ބަނދަރުގެ ބޭރު ތޮށިގަނޑު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން އެމްޓީ ހޯގާޑް ކުންފުންޏާ ހަވާލުކޮށްފި އެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިޔާތުގައި ހުރާ ބަނދަރު ތޮށިގަނޑު ހެދުމުގެ އެއްބަސްވުމުގައި އެމްޓީ ހޯގާޑް ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ބުނީ އެ މަޝްރޫއުގެ އަގު 17 މިލިން ރުފިޔާވަރު ވާނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކުރުމާ އެކު ފުރަތަމަ ކުރާނީ ތޮށިގަނޑު ޑިޒައިން ކުރުމާއި ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތް ކަމަށާއި މުޅި މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހަދާ އެ ބަނދަރުގެ ސަބަބުން ހުރާގެ ރައްޔިތުންނަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދިއެ މަސައްކަތަކަށް ފަހު އިތުރު ރަށްތަކެއްގައި ތަފާތު މަޝްރޫއުތައް ފެށުމަށް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި މަސައްކަތަކީ އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެނުމުގެ ފުރަތަމަ މަރުހަލާ. އިރާދަކުރެއްވިއްޔާ ތަފާތު އެކި މަޝްރޫއުތައް ކުރިއަށް އޮތްތާގައި ފެނިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ހުރާ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެ ރަސްމިޔާތުގައި ހުރާ ކައުންސިލްގެ ރައީސް އަބްދުއްރަހްމާނު ސޮލާހް ރަޝީދު ވިދާޅުވީ ހުރާ ބަނދަރުގެ ބޭރު ތޮށިގަނޑު ހެދުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ގިނަ ދުވަސް ވަންދެން ކުރި އުއްމީދެއް ކަމަށާއި ބޭރު ތޮށިގަނޑު ހެދިގެން ދިއުމުން ހުރާގެ ރައްޔިތުނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި ހުރާ ބޭރު ތޮށިގަނޑު ހެދުމުގެ މަސައްކަތްކުރަން ފެށިގެން ދިޔައީތީ ރައީސް ޑރ. ވަހީދަށާއި ހުރާ ހިމެނޭ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ހުރާ ކައުންސިލުން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.