14:30


ވައިގެ މަގުން ދަތުރުކުރާ ފަސިންޖަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު މަޖިލީހަށް ބަލައިގަނެ، ގާނޫނު އަސާސީއާ ހިލާފު ގާނޫނުތަކުގެ ބައިތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރު ފުރިހަމަކުރުމަށް އެ ގަރާރު ދިރާސާކުރި ކޮމިޓީއަށް ފޮނުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.


ވައިގެ މަގުން ދަތުރުކުރާ ފަސިންޖަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު މަޖިލީހަށް ބަލައިގަނެފައި ވަނީ ޖަލްސާގައި ތިއްބެވި، 74 މެންބަރުންގެ ތެރެއިން 70 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި ގާނޫނު އަސާސީއާ ހިލާފު ގާނޫނުތަކުގެ ބައިތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރު ފުރިހަމަކުރުމަށް އެ ގަރާރު، ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައި ވަނީ، ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 70 މެންބަރުން ވޯޓު ދެއްވައިގެންނެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ބިލުގެ ބަހުސް ވަނީ ފައްޓަވައިފަ އެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބުދުލްޣަފޫރު މޫސާ ވިދާޅުވީ، މި ބިލަކީ ސިވިލް އޭވިއޭޝަން މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރުމަށް ގާނޫނަކުން ބާރު ލިބިފައިވާ ފަންނީ އިދާރާއެއް އުފެއްދުމަށް ހުށަހެޅުއްވި ބިލެއް ކަމަށެވެ. އަދި މި ބިލު ގާނޫނަކަށް ވުމުން މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ސިޔާސަތުތަކާއި އުސޫލުތަކާއި، ހަމަތައް އެކަށައަޅައި ބަލަހައްޓާނެ ގައުމީ އިދާރާއެއް އުފެދިގެންދާނެ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.


މި ބިލަށް ކުރިއަށްދިޔަ ބަހުސްގައި، އިދިކޮޅު މެންބަރުން ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެ މެންބަރުން ވިދާޅުވީ، ސިވިލްއޭވިއޭޝަންގެ މަސައްކަތްތައް އެކަށީގެންވާ ގޮތަކަށް މިހާރު ވެސް ކުރިއަށްދާއިރު އެކަމަށްޓަކައި އޮތޯރިޓީއެއް އުފައްދުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އުފެއްދުމަށް ހަމަޖެހިފައިވާ އޮތޯރިޓީގެ ބޯޑަށް އެކަށީގެންނުވާ ބާރުތަކެއް ދީފައިވާ ކަމަށާއި، އެ ބޯޑަށް ބާރު ފޯރުވުމަށް މިނިސްޓަރަށް ބޮޑެތި ބާރުތައް ދީފައިވާއިރު، މިހާރު ވެސް އެ މަސައްކަތް ކުރިއަށް ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މިނިސްޓަރެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އެ އޮތޯރިޓީ އުފެދިގެން ދިއުމުން ސިވިލް އޭވިއޭޝަންގެ ބައިގައި މިހާރު މަސައްކަތްކުރަމުންދާ ސިވިލް ސާވަންޓުންގެ ވަޒީފާއަށް ވެގެންދާނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި މި ގާނޫނަކީ ދިވެހި ދައުލަތުގެ މުދަލާއި، ފައިސާ ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.


ނަމަވެސް މި ބިލު ދިފާއުކުރައްވައި، ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، މިއީ މުހިއްމު ބިލެއް ކަމަށެވެ. އަދި މި އޮތޯރިޓީ އުފެދުމުގެ ސަބަބުން ރާއްޖޭގެ ވަހިގެ ދަތުރުފަތުރުގެ ހިދުމަތް ތަރައްގީވެ އެ ދާއިރާއިން އިތުރު ފައިދާތައް ލިބިގެންދާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި މިބިލާ ދެކޮޅަށް ވާހަކަ ދައްކަވާފައި ވަނީ މައުލޫމާތު ނެތިގެން ކަމަށާއި، ރާއްޖޭގެ ވަޔާއި ކަނޑުގެ ވަސީލަތްތައް ފަދަ ވަސީލަތްތައް ވިއްކައިގެން ބޮޑެތި ފައިދާތަކެއް ލިބެން އެބަހުރި ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.


މިއަދުގެ ޖަލްސާގައި މެންބަރުންނާ މުހާތަބު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ނުބޭއްވި ނަމަވެސް އިންތިގާލީ މަރުހަލާ ނިމުމަކަށް އަންނަ ދުވަސް ކަމުގައިވާ އަންނަ ހޮނިހިރު ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަވާނެ ކަމަށެވެ. އެ ޖަލްސާއަކީ، އިންތިގާލީ މަރުހަލާގައި ނިންމަންޖެހޭ ކަންތައްތަކުގެ ތެރެއިން މަޖިލީހުގެ ކޮމިޓީތަކުން ނިންމަމުން ގެންދާ ކަންތައްތައް މަޖިލީހަށް ހުށަހަޅައިގެން އެ ކަންތައްތައް ނިންމުމަށް ބާއްވާ ޖަލްސާއެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި މިއަދުގެ ބާކީ އޮތް ބަޔާއި މާދަމާ ވެސް އެ މަސައްކަތްތައް ކޮމިޓީތަކުގައި ކުރިއަށް ގެންދެވުމަށް ވެސް ޝާހިދު އެދިވަޑައިގެންނެވި އެވެ.