މަސްވެރިންގެ ޕާކުގައި ބުޅާ ޝެލްޓާއެއް އަޅަން 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް މާލޭ ސިޓީ ކައުންސިލުން މިއަދު ކަނޑައަޅައިފިއެވެ.

އެގޮތަށް ނިންމީ މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 100 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ. ބައްދަލުވުމުގައި ބައިވެރިވި 14 ކައުންސިލަރުންގެ އިއްތިފާގުން ނިންމީ ހަތަރު މަސް ދުވަހުގެ ތެރޭގައި، މަސްވެރިންގެ ޕާކުގައި ވަގުތީ ބުޅާ ޝެލްޓާއެއް 1.9 މިލިއަން ރުފިޔާއަށް ގާއިމުކުރާށެވެ.

ބުޅާ ޝެލްޓާ އެޅުމަށް އެންމެ ފުރަތަމަ މަޝްވަރާ ކުރެވުނީ 1.7 މިލިއަން ރުފިޔާއަށެވެ. އޭގެ ފަހުން 1.9ގެ ބަޖެޓެއް އެކަމަށް ކަނޑައަޅަމުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބަޖެޓުން ޝެލްޓާ އެޅުމާއި ނިއުޓާ ކުރުމަށް ބޭނުންވާ ތަކެތި ގަތުމުގެ އިތުރުން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަން ހެދުމަށާއި މަރާމާތުކުރުމުގެ މަސައްކަތަށް ކުރާނެ ކަމަށެވެ.

"މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް މަސްވެރިންގެ ޕާކުގައި ހުރި އިމާރާތުް މިކަމަށް އެންމެ އެކަށޭނެ ކަމަށް ބެލެވެނީ. އެއީ އެ ތަނުގައި ފަރުވާ ދިނުމުގެ އިތުރުން ފަރުވާއަށް ފަހު ބަލަހައްޓަން ވެސް ޖާގަ އެބައޮތް. ދެ ކަންތައްވެސް އެތަނުން ފުރިހަމަވޭ،" އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުޅަލެއް ނިއުޓާކުރަން ނަގަން ނިންމާފައި ވަނީ 1،500 ރުފިޔާއެވެ.

ބުޅާ ޝެލްޓާގައި ނިއުޓާ ކުރުމުގެ އިތުރުން އެކްސްރޭ ނެގުމާއި ބްލަޑް ޓެސްޓް ކުރުން ފަދަ ކަންކަން ވެސް ކުރިއަށް ދާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ޕެޓްގެ ގޮތުގައި ގެންގުޅޭ ބުޅަލަށް ވެސް އެތަނުން ހިދުމަތް ދޭން ކައުންސިލުން ވަނީ ނިންމައިފައެވެ.

ބުޅާ ފެސިލިޓީގައި މަސައްކަތް ކުރުމަށް ނަގަނީ މާލޭ ސިޓީ ކައުންސިލުގެ ދެ މުވައްޒަފުންނާއި އިއުލާނުކޮށްގެން ނަގާ ހަތަރު މީހުންގެ އިތުރުން އެތަނުގައި ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންނެވެ.

މާލޭ ސިޓީ ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އަމިއްލަ ހަރަދުގައި ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދުމަށެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް އޭރު އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވާއިރު، މިހާރު އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ދާއިމީ އިމާރާތް އަޅަން އެންމެ ރަނގަޅު ތަނަކީ ހުޅުމާލެ ދަވަނަ ފިޔަވަހީގެ ސަރަހައްދެއް ކަމަށެވެ. ނަމަވެސް އެކަމަށް މަޝްވަރާކޮށް، ގޮތެއް ނިންމުމަށް އެކަން އެހެން ބައްދަލުވުމަކަށް އެޖެންޑާކޮށްގެން ކުރިއަށް ގެންދިއުމަށް މިއަދު ވަނީ ނިންމާފައެވެ.

އެންމެ ފުރަތަމަ މާލޭ ސިޓީ ކައުންސިލުގެ ޚަރަދުގައި، ބުޅާ ގެންގުޅޭ މަރުކަޒަކާއި ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ވިލިމާލޭގައި ގާއިމްކުރަން އެ ކައުންސިލުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 31ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ އާންމު ބައްދަލުވުމުގައެވެ.

އޭގެ ފަހުން، މިދިޔަ އަހަރުގެ އޮކްޓޯބަރު ނުވަ ވަނަ ދުވަހު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކެޓް ޝެލްޓާގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ބުނެފައެވެ. ޑރ. މުއިއްޒު އެ ދުވަހު ވިދާޅުވީ މި އަަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެތަނުގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ނަމަވެސް އޭގެ އަމަލީ މަސައްކަތް އަދިވެސް ފެށިފައިނުވާއިރު، ސިޓީ ކައުންސިލުން ކުރަން ރާވައިފައިވާ މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފެށުން ލަސްވަނީ ކީއްވެތޯ ސުވާލުކުރުމުން، މީގެ ކުރިން މޭޔަރު ވިދަޅުވީ، އަމަލީ މަސައްކަތް ނުފެށި ލަސްވަނީ ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ ކަމަށެވެ.

ވިލިމާލޭގައި ކުރިން ވެޓް ކްލިނިކެއް ހިންގަމުން އައި ނަމަވެސް މިދިޔަ އަހަރު ނިމުމާއެކު އެތަން ވަނީ ބަންދުކޮށްފައެވެ.

އެޗްޑީސީން ވަނީ، 2021ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައި ބުޅާ ގެންގުޅެން ފެސިލިޓީއެއް ހަދަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. ނަމަވެސް މިހާތަނަށް އެ ފެސިލިޓީ ހަދާފައެއް ނުވެއެވެ.