ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 3:30 އެހާކަންހާއިރު ފަސް މީހުންގެ ގްރޫޕަކުން ވަނީ މެންބަރު ޒަރީރަށް ހަމަލާދީ ޒަހަމް ކޮށްލާފައެވެ.

ހަބީބީ ކެފޭ އެންޑް ބިސްޓްރޯތެރޭގައި އިންނަވަނިކޮށް މެންބަރު ޒަރީރަށް, ފަސް މީހުންގެ ގްރޫޕަކުން ހަމަލާ ދީ ވަނީ އޭނާގެ ބޯ ފަޅާލާފައެވެ. ފުލުހުން ބުނީ މެންބަރު ޒަރީރަށް ހަމަލާ ދީފައިވަނީ ނުރައްކާތެރި ހަތިޔާރަކުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވަނީ ބުނެފައެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަނަން ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މެންބަރު ޒަރީރަށް ހަމަލާ ދިން ފަސް މީހުން ވެސް ތިބީ މޫނު ނިވާ ނުކޮށެވެ.

ލިބިފައިވާ އަނިޔާތަކަށް މެންބަރު ޒަރީރު އަދި ވެސް އަންނަނީ އޭޑީކޭގައި އެނދުމަތިކޮށްގެން ފަރުވާ ހޯދަމުންނެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.