ރާއްޖެ އަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ސަރުކާރުން ކުރިން ދެއްވަމުން ގެންދެވި އިނާމު، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމެއްގެ ގޮތުގައި، މިއަހަރުން ފެށިގެން ގަވާއިދުން ދެއްވަމުން ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މި އިނާމު މިހާރު ގަވާއިދުން ދެއްވަމުން ނުގެންދަވާތީ، މިކަމާ ގުޅޭގޮތުން ޤައުމީ އިނާމާ ބެހޭ ކޮމިޓީން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުން ދެއްވަމުން ގެންދެވި ޚާއްޞަ އިނާމަކީ، ރާއްޖެ އިން ބޭރުގައި ރާއްޖެއަށް ރީތި ނަން ހޯދައިދޭ ދިވެހިންނަށް ސަރުކާރުން ދެއްވަމުން ގެންދެވި އިނާމެކެވެ. މި އިނާމު ދެއްވަނީ، ރާއްޖެ އިން ބޭރުގައި އޮންނަ ކޯސްތަކުން އެއް ވަނަ ހޯދާ ދިވެހިންނަށާއި، ބޭރު ޤައުމުތަކުގައި ބާއްވަވާ އެކިއެކި މުބާރާތް ނުވަތަ މަޢުރަޒުފަދަ ކަންކަމުގައި ބައިވެރިވެ، މަތީ ވަނައެއް ނުވަތަ އިނާމެއް ހޯދާ ފަރާތްތަކަށެވެ. އަދި ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖެއަށް ރީތި ނަމަކާއި ޝަރަފެއް ހޯދާ ފަރާތްތަކަށެވެ.

މި އިނާމު ދެއްވަން ފުރަތަމަ ފެށްޓެވީ، ރައީސް މައުމޫންގެ ދައުރުގައި، 1985 ވަނަ އަހަރު އެވެ. 2007 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ އަހަރަކު މި އިނާމު ދެއްވަމުން ގެންދަވާފައިވެ އެވެ. ރައީސް ނަޝީދު ސަރުކާރުން ހަމަޖެއްސެވީ، މި އިނާމު އެކަމަކާ ގުޅޭ ސަރުކާރުގެ އިދާރާއަކުން ދެއްވަމުން ގެންދެވުމަށެވެ. އަދި ވަކި މުނާސަބަތެއް ފާހަގަކުރެއްވުމަށް އެ ދާއިރާއަކުން ބާއްވަވާ ޖަލްސާއެއްގައި ނުވަތަ އެ ދާއިރާއަކުން ބާއްވަވާ އެހެން ރަސްމިއްޔާތެއްގައި ނުވަތަ ޙަފްލާއެއްގައި މި އިނާމު ދެއްވުމަށެވެ.

އިނާމަށް މީހުން ހޮއްވެވުމުގައި، ބަލަންވީ އުޞޫލުތަކެއް ކަނޑައެޅިފައި އޮތް ކަމަށްވިޔަސްވެސް، މި އިނާމު ލިބޭ ފަރާތްތައް، ކަމާބެހޭ އޮފީހަކުން ހޮއްވަވާ ގޮތަށް އޮތުމުން، ތަފާތު މިންގަނޑަކުން ބައްލަވައިފިނަމަ، އެއް ފެންވަރަކަށް ފާސްވެގެން މަތީ ވަނަ ހޯދާފައިވާ ކުދިންގެ މެދުގައި ތަފާތުކުރުންތަކެއް ގެންގުޅެވިދާނެ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

އެހެންކަމުން، މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުން ނިންމެވީ، މިކަމަށް ރައީސުލްޖުމްހޫރިއްޔާ ފަންނީ ކޮމިޓީއެއް އެކުލަވާލައްވައި، އެ ކޮމިޓީން ނިންމަވާ ގޮތަކަށް، މި އިނާމުގެ ކަންތައްތައް ކުރިއަށް ގެންދެވުމަށެވެ.