ހެއްކާ ބެހޭ ބިލަށް ހުށަހަޅާފައިވާ އިސްލާހަކީ، ނޫސްވެރިކަމަށް ވަރަށް ބޮޑު ހުރަހަކާއި ނުރައްކަލެއް ކުރިމަތިވާނެ އިސްލާހެއްކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަޙްމަދު މުސްތަފާ ވިދަޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މުސްތަފާ ދެއްވި ޚިތާބެއްގައި ވިދާޅުވީ، ރާއްޖޭގައި ނުސްވެރިކަމަށް ދިމާވާ ގޮންޖެހުން ކުޑައެއް ނޫންކަމަށެވެ. އަދި މިދަފަ ދުވަހެއްގައި އެފަދަ ވާހަކައެއް ދެއްކުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

"މިގޮތުން މިވަގުތު ވެސް މަސްދަރު ހާމަކުރުމާ ގުޅޭ ބިލްގެ އިސްލާހުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ވަނީ ޕާކުކޮށްފައި،" އޭނާ ވިދާޅުވިއެވެ.

މުސްތަފާ ވިދަޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ހުރިހާ ދިވެހިން އެއް އަޑަކުން ވާހަކަ ދައްކަންޖެހޭކަމަށެވެ. އެގޮތުން ނޫސްވެރިންނަށް އިންޒަރު ދިނުން ހުއްޓާލުމަށާއި ނޫސްވެރިންނަށްވީތީ އެމީހުން ޖަލަށް ލުން ހުއްޓާލުމަށް ދިވެހިން އަޑުއުފުލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަގީގަތަށް ޚަބަރު ފަތުރަން މަސައްކަތްކުރާ ނޫސްވެރިންނަށް އަމާޒުކުރާ ހަމަލާތަކާ ފުރައްސާރަތައް ހުއްޓާލުމަށް ވަކާލާތުކޮށް އެކަމާ ދެކޮޅަށް އަޑުއުފުލަން މުސްތަފާ ގޮވާލިއެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ، ދުނިޔޭގެ ގައުމުތަކުގެ މެދުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ދެނެގަތުމާއި ނޫސްވެރިކަމާ ނޫސްވެރިންގެ މިނިވަންކަމަށް ދެވޭ ހަމަލާތަކުން އެފަރާތްތައް ދިފާއުކުރުމާ ނޫސްވެރިކަމުގެ މަސައްކަތުގައި ދުނިޔެއިން ވަކުވެފައިވާ މީހުންގެ ހަނދާން އާކުރުން،" މުސްތަފަ ވިދަޅުވިއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ދިވެހިން ހޯދާ ކާމިޔާބީ ފާހަގަކުރައްވައި މުސްތަފާ ވިދާޅުވީ، އެ ކުރިއެރުންތައް ކުރިއަށް އޮތް ތަނުގައި މަތިކުރަން މަސައްކަތް ކުރަންޖެހޭކަމަށެވެ.

"ހަމަ ޔަގީނުން ވެސް އެފަދަ ކޮންމެ ކާމިޔާބީއަކާ ކުރިއެއްރުމެއްގެ އަސްލަކީ ތެދުވެރިކަމާ ޒިންމާދާރުކަމާއެކު ޚަބަރު ފެތުރުމުގައި ނޫސްވެރިން ދެމިތިބޭ ތިބުންކަން ޔަގީން،" އޭނާ ވިދާޅުވިއެވެ.

މިއަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރު ކަމުން ރައްޔިތުންނަށް ޚަބަރު ފޯރުކޮށްދިނުމުގައި އިސްލާމީ ރިވެތި މިންގަނޑުތަކާ އެއްގޮތަށް ޚަބަރު ގެނެސްދިނުމަށް މުސްތަފާ ވަނީ އެންމެހާ ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.